ހަބަރު

މުލިއާގޭގައި ރައީސް، އެމްޑީޕީ ގައުމީ މަޖިލިސް މެންބަރުންނާ ބައްދަލުކުރައްވައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުލިއާގޭގައި މިރޭ ބައްދަލުކުރައްވައިފި އެވެ.

ގައުމީ މަޖިލީހުގެ މެމްބަރުންނާ ރައިސް ސޯލިހު މުލިއާގޭގައި މިރޭ ބައްދަލު ކުރައްވާފައިވާއިރު އެމްޑިޕީގެ ޗެއާޕާސަން ހަސަން ލަތީފް "އަވަސް"އަށް ވިދާޅުވީ އެ ބައްދަލުވުމަކީ ރައީސް ސޯލިހު ބޭނުންފުޅުވެގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އެހެން ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލެއް އޭނާ ނުދެއްވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިގެން ވަނީ އެމްޑީޕީން ކޯލިޝަންގެ އެހެން ޕާޓީތަކާ ވަކިން ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ވެސް ކުރިމަތިލާން ނިންމާފަ އެވެ.

މުލިއާގޭގައި ރައީސް ސޯލިހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރައްވާފައިވާއިރު، ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި އެކަމާއި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ އަނބިކަބަލުން ފާތުމަތު އިބްރާހިމް މުލިއާގޭގައި ސިޔާސީ ހަރަކާތް ހިންގި ކަމަށް ބުނެ އެކަމަށް އެންމެ ބޮޑަށް ފާޑުވިދާޅުވި ބޭފުޅުން މިއަދު މުލިއާގޭގައި ސިޔާސީ ހަރަކާތް ހިންގަވާފައިވާ ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެހެން ނަމަވެސް ފާތުމަތު އިބްރާހިމާ ހިލާފަށް ރައީސް ސޯލިހު ދިރިއުޅުއްވަނީ މުލިއާގޭގައިކަން ފާހަގަކޮށްލެވެ އެވެ.