ދިވެހި ސިނަމާ

ފެބުރުއަރީ މަހު އޮލިމްޕަހަށް ގޮށްރާޅު އަރަނީ

ދިވެހި ސިނަމާ އަށް ތަފާތު ފިލްމުތައް ގެނެސް އިންގިލާބުގެ ވާރެއެއް އޮއްސާލި، ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމެއް އަނެއްކާ ވެސް އަންނަނީ އެވެ. އެ ޕްރޮޑަކްޝަން ހައުސްއިން މިފަހަރު އޮލިމްޕަހަށް މި ގެނެސްދެނީ ވަރުގަދަ ރާޅެކެވެ. ކްރައިމް ތްރިލާ، "ގޮށްރާޅު ރިލީޒް" ކުރާނެ ދުވަސް ދިގު އިންތިޒާރަކަށްފަހު މި އޮތީ ޔަގީންވެފަ އެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓްގެ، ޕްރޮޑިއުސަރު މުހައްމަދު އަލީ، މޮގާ ދިން ޔަގީން ކަމަކީ، ގޮށްރާޅު އަންނަ ފެބުރުއަރީ ހަތަރެއްގައި ރިލާޒް ކުރާނެކަމެވެ.

ގޮށްރާޅުގެ ކާސްޓުން ހޮވާ ފޮޓޯތައް ސޯޝަލް މީޑިއާ އަށް ހިއްސާކުރި ދުވަހުން ފަށައިގެން ގިނަ ބަޔަކު ތިބީ އެ ފިލްމް ބަލަން އޮލިމްޕަހަށް ވަންނަން ރެޑީގަ އެވެ. ވަރުގަދަ ޓީޒާއެއް ދޫކޮށްލުމަށްފަހު، ބެލުންތެރިންގެ ހިތްވަރު އެލުނީ ފިލްމުގެ ރިލީޒް ކުރާ ދުވަސް މުއްދަތެއް ނެތި ފަސްކޮށްލުމުން އެވެ. އެކަމަކު މޮގާ ބުނި ގޮތޔގައި ރިލީޒް ކުރާ ތާރީހު، ލަސްކުރީ ރާއްޖޭގެ ސިޔާސީ މަޝްރަހު އެދުވަސްވަރު މާ ބޮޑަށް ހަލަބޮލިވީމަ އެވެ. އެކަމަކު މޮގާ ދޭ އުއްމީދަކީ، ފެބުރުއަރީ ހަތަރަކަށް ވުރެ ފިލްމް ލަސްނުވާނެކަމެވެ.

ފެބްރުއަރީ ހަތަރެއްގައި ފިލްމު ރިލީޒް ކުރަން ނިންމާފައިވާއިރުު، މި ފިލްމުގެ ޓިކެޓުތައް އަންނަ މަހުގެ އެކަކުން ފަށައިގެން ވިއްކަން ފަށާނެ އެވެ. ކްރައިމް ތްރިލާ އަކަށް އުފައްދާ "ގޮށްރާޅު"ގެ ލީޑު ރޯލުން ޖުމައްޔިލް ނިމާލް ފެނިގެންދާ މި ފިލްމުގައި މުހިންމު ރޯލުތަކުން ހަސަން އިރުފާން (ޒަކިއްޓެ) އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ފެންނާނެ އެވެ.

ޑާކްރެއިން އިން އަންނަ އަހަރަށް ތައްޔާރު ކުރަމުންދަނީ ހަމައެކަނި ގޮށްރާޅެއް ނޫނެވެ. ފިލްމު މާމުއި އަކީވެސް އަންނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. "މާމުއި" ފިލްމްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވާގޮތުން މި މަހު 17 ގައި އެ ފިލްމުގެ ރަސްމީ، ޕޯސްޓަރު ރިލީޒް ކުރާނެ އެވެ. އަދި ޖެނުއަރީ ފަހެއްގައި ފިލްމުގެ އޮފިޝަލް ޓީޒާވެސް އާންމުންނަށް ދޫކޮށްލާނެ އެވެ.

ފިލްމު މާމުއިގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއް

ޑާކްރެއިން އެންޓަޓެއިންމަންޓުން އުފައްދާ ތަފާތު ފިލްމުތަކަށް ދިވެހިންގެ ތަރުހީބު އޮހެމުންދާކަން އެންމެ ފަހުން ދިން ފިލްމު އެވޯޑްސް ނައިޓްގައި ވަނީ ޔަގީންކޮށްދީފަ އެވެ. މިދިޔަ އަހަރު ބޭއްވި ފިލްމު އެވޯޑްސްގައި 32 ދާއިރާއަކުން އެވޯޑް ދިން އިރު 21 އެވޯޑެއް ގެންދިޔައީ ޑާކްރެއިން އިންނެވެ.