ހަބަރު

ޖާބިރަށް "ހޭވެރިކަންވެ" ޓްވީޓުތައް ޑިލީޓްކޮށްލައިފި

Dec 11, 2018
24

އިިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ ދެމެދު ޖެހުނު މައްސަލައެއް ހޫނުވެ، ފައްޔާޒު މަގާމުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބު އަބްދުﷲ ޖާބިރު ކުރެއްވި ޓްވީޓްތައް އޭގެ އެތައް އިރެއް ފަހުން އޭނާ ޑިލިޓްކުރައްވައިފި އެވެ.

އެމްޑީޕީގެ ކޯލިޝަނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި، ކެމްޕެއިން ކުރައްވަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށާއި އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާ މައުމޫންއަށް ފޮނުއްވި ސިޓީއެއް ވެސް ޖާބިރު އިއްޔެ ވަނީ ޓްވިޓާގައި އާންމު ކުރައްވައިފަ އެވެ.

އެ ޓްވީޓުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިހާރުން މިހާރަށް ވަކި ކުރަން ރައީސް ސޯލިހަށް އަމުރުކުރި ކަމަށް ވިދާޅުވެ ވެސް ޖާބިރު އިއްޔެ ޓްވީޓެއް ކުރެއްވި އެވެ. އަދި ރައީސް ސޯލިހު އިންތިހާބު ކުރެއްވީ އޭނާގެ ފައިސާ އިން ކަމަށާއި ފައްޔާޒް ވަކި ކުރުން ނޫން ގޮތެއް ނެތް ކަމަށް ވެސް އޭނާ ޓްވީޓު ކުރެއްވި އެވެ.

ނަމަވެސް ޖާބިރު ރޭގެ ވަގުތެއްގައި ވަނީ ވަނީ އެ ހުރިހާ ޓްވީޓެއް ޑިލީޓުކޮށްލައިފަ އެވެ. އޭނާ ޓްވީޓުތައް ޑިލީޓުކޮށްލި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ. އެހެން ނަމަވެސް އޭނާގެ އަނބިކަނބަލުން ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދު ވެސް ވަނީ ޖާބިރުގެ ބަސް މަގު ހުރި ގޮތާ މެދު ޓްވިޓާގައި ހިތްޕުޅު ހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވައިފަ އެވެ. ދިޔާނާ ވިދާޅުވި ގޮތުގައި އެއްވެސް މީހަކަށް ވަކި ގޮތަކަަށް ކަމެއް ކުރަން ރައީސް އަކަށް ނޭނގޭނެ އެވެ. އެހެން ނަމަވެސް މިނިސްޓަރުން ވެސް އަހުލާގީ މިންގަނޑު ދަމަހައްޓަން ޖެހޭނެ ކަމަށް ދިޔާނާ ވިދާޅުވެފައިވެ އެވެ.

ޖާބިރު އިއްޔެ ކުރެއްވި ޓްވީޓްތަކުގައިވާ ގޮތުން، ފައްޔާޒު އާއި އޭނާއާ ދެމެދު ޒުވާބެއް ހިނގައި މައްސަލަ ހޫނުވީ ފައްޔާޒު ޖާބިރުގެ މަންމަޔާ މުހާތަބުކޮށް ހުތުރު ބަހުން ވާހަކަ ދެއްކެވުމުން އެވެ. ފައްޔާޒުވެސް އެކަން ދޮގު ނުކުރައްވާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އޭނާގެ މިނިސްޓަރުކަމުގައި އެއްވެސް މީހަކަށް ނާޖާއިޒު ފައިދާއެއް ނުނެގޭނެ ކަމަށެވެ. އަދި އެ މީހަކު މުއާމަލާތްކުރި ގޮތަކަށް އެ މީހަކާ މުއާމަލާތް ކުރާނެ ކަމަށް ވެސް ފައްޔާޒުވަނީ ވިދާޅުވެފަ އެވެ.