ހަބަރު

ވިސާގެ ބޮޑެތި ލުއިތަކެއް އިންޑިއާއިން ލިބޭނެ

ރާއްޖެއާއި އިންޑިއާއިން ފާއިތުވެދިޔަ އަހަރުތަކުގައި އުނދަގޫ ދުވަސްތަކެއް ތަހައްމަލުކޮށްފައިވާ ކަމަށާއި، އެކަންކަން ރަނގަޅުކޮށް، ދެ ގައުމުގެ ވިސާގެ ކަންކަން ހަރުދަނާކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި ދެގައުމުގެ ރައްޔިތުންނަށް ލުއިގޮތްތަކެއް ލިބިގެންދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ، މިއަދު ފޮރިން މިނިސްޓްރީގައި ފަށާފައިވާ، ރާއްޖެ-އިންޑިއާ ކޮންސިއުލާ މަޝްވަރާތަކުގެ ދެވަނަ ބުރު ފައްޓަވައިދެއްވުމަށް ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، މި ބައްދަލުވުންތަކުން އިންޑިއާއާ އެކު އެކުވެރި، ސުލްހަވެރި ގުޅުމެއް ގާއިމްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަން ފައްޓަވާފައިވާ މަސައްކަތްތަކަށް ވަރަށް ބޮޑު ހިއްވަރެއް ލިބިގެންދާނެ ކަމަށެވެ.

މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ދިއްލީއިން މިއަދު ރާއްޖެއަށް ވަޑައިގެންނެވި ވަފްދާ މުހާތަބުކުރައްވައި ޝާހިދު ވިދާޅުވީ، ފާއިތުވި އަހަރު ތަކުގައި ދެ ގައުމުގައި ތިބި، ދެ ގައުމަށް ނިސްބަތްވާ ރައްޔިތުން އުނދަގޫ ދުވަސްތަކެއް ތަހައްމަލުކޮށްފި ކަމަށެވެ. އިންޑިއާގައި ތިބި ދިވެހިންގެ ވެސް އަދި ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ވެސް ކަންބޮޑުވުންތަކެއް އެބަހުރިކަމަށެވެ. އެހެން ނަމަވެސް އެ އަޑިގުދަންތަކުން އަރައިގަނެ، ދެގައުމު އަނެއްކާވެސް މަޝްވަރާގެ މޭޒަށް އައިސްފައި މިވަނީ ހުރަސްތައް ނައްތާލައި އެކުވެރި ކަމާއި ސުލްހަވެރިކަމާއެކު ކަންކަން ރަނގަޅުކުރުމުގެ އުންމީދުގައި ކަމަށެވެ.

އެހެންކަމުން މި މަޝްވަރާތަކާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ އިންޑިއާ ވިސާގެ ކަންކަން މިހާރަށްވުރެ ފަސޭހަވެ، ހަރުދަނާ ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދެ ފަރާތުން ވަރަށް ޔަގީން ގުޅުމެއް ބަދހިކުރުމަށް މަސައްކަތްކުރަމުންދާއިރު، ދެ ފަރާތުން ވެސް މި ބައްދަލުވުންތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް އުންމީދުކުރަން. އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް، މި މަޝްވަރާތަކާއެކު ރާއްޖެ އިންޑިއާ ވިސާގެ ކަންކަން އާ އިންތިޒާމަކަށް އެޅިގެންދާނެ ކަމަށް. މިހާރަށްވުރެ ކޮމްޕްރިހެންސިވް ވިސާގެ ނިޒާމެއް ހަމަޖެހިގެންދާނެ ކަމުގެ އުންމީދު އެބައޮތް،" ޝާހިދު ވިދާޅުވި އެވެ.

ރާއްޖެ އިންޑިއާ ކޮންސިއުލާ ޓޯކްސްގައި ބައިވެރިވާ އިންޑިއާގެ ވަފުދުގެ އިސްބޭފުޅަކަށް ހުންނެވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ އަމިތް ނާރަންގް އެވެ. މި ބައްދަލުވުންތަކުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ގައި އިންޑިއާގެ ނިއުދިއްލީގައެވެ.

އެ ބައްދަލުވުމުގައި ވަނީ ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުމާ ގުޅޭގޮތުންނާއި އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް
ދިމާވާ ދަތިތަކާއި ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންނަށް ދިމާވާ ދަތިތައް އަދި އެކަންތައް ހައްލު ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.