ހަބަރު

ރައީސްގެ ވައުދުތައް ފުއްދަން މަޖިލިސް ހޭބޯނާރާ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދުމަށް ރައްޔިތުން މަޖިލީހަށް ގިނަ ބިލުތަކެއް ހުށަހަޅާ، މެންބަރުން އިތުރު ވަގުތު މަސައްކަތް ކުރަން ފަށައިފި އެވެ.

މަޖިލީހުގެ ތިން ވަނަ ދައުރު ނިމޭނެ ކަމަށް ގަވައިދުގައި ބުނެފައި ވަނީ މިދިޔަ މަހުގެ ނިޔަލަށެވެ. ނަމަވެސް އިތުރު މަސައްކަތްތައް ކުރުމަށް މަޖިލީހުން ވަނީ މި މަހު 15 އާ ހަމަޔަށް ދައުރު ދިގު ދަންމަން ނިންމައިފަ އެވެ. އެއާއެކު ރައީސް ސޯލިހުގެ ވެވަޑައިގެންފައިވާ ގިނަ ވައުދުތަކެއް ފުއްދާ ބިލުތައް މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.

އެގޮތުން ޕެޑުން ޓެކްސް ކަނޑާލުމާއި ކޮމަންވެލްތާ ގުޅުމާއި އެންޓި ޑިފެކްޝަނާއި އަބުރުގެ ގާނޫނު އުވާލުމުގެ މަސައްކަތް މިހާރު ވެސް މަޖިލީހުން ވަނީކޮށް ނިންމައިފަ އެވެ. އޭގެ އިތުރުން ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުމާއި ކަރަންޓު އަގު ހެޔޮ ކުރުމަށް ޑީސެލުން ޑިއުޓީ ކަނޑާލުމުގެ ބިލުގެ މަސައްކަތް މިހާރު މަޖިލީހުގައި ކުރިޔަށް އެބަދެ އެވެ. އޭގެ އިތުރުން މަރުތަކާއި ހިޔާނާތްތައް ތަހުގީގު ކުރާ ކޮމިޝަނަށް ބާރު ދިނުމުގެ މަސައްކަތާއި ވިސްލްބްލޯ ގާނޫނުގެ މަސައްކަތް ވެސް މިހާރު ކުރިޔަށް އެބަދެ އެވެ.

މިއަދު ވެސް ފަސް ބިލެއްގެ މަސައްކަތް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. އާންމުކޮށް މަޖިލީހުގެ ޖަލްސާ ކުރިޔަށް ދާނީ މެންދުރު ފަހު 2:30 އާ ހަމަޔަށެވެ. ނަމަވެސް މިހާރު ކޮޮންމެ ޖަލްސާއެއް ފަށަމުން ހުރިހާ މަސައްކަތެއް ނިމެންދެއް މަޖިލިސް ކުރިޔަށް ގެންދިޔުމަށް ފާސް ކުރެ އެވެ. އަދި ޖަލްސާތައް 4:30 ވާއިރު ވެސް އަދި ބައެއް ދުވަހު އެ ރޭ ވާއިރުވެސް މެންބަރުން މަޖިލީހުގައި ތިބެ މަސައްކަތް ކުރެ އެވެ.

އޭގެ އިތުރުން ޖަލްސާތައް ކުރިޔަށް ގެންދަމުން ކޮންމެ ދުވަހަކު އެތަށް ބައިވަރު ކޮމިޓީ ބައްދަލުވުންތައް ވެސް ބާއްވާ، ބިލުތައް ދިރާސާ ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް އެބަދެ އެވެ. އެޓާނީ ޖެނަރަލް އޮފީހުން ބުނެފައި ވަނީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ހާސިލް ކުރުމަށް ޖުމްލަ 16 ބިލެއް ހަދަންޖެހޭ ކަމަށެވެ.

މަޖިލީހުގެ ދައުރު އަނެއްކާވެސް ދިގު ނުދަންމާ ނަމަ، އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް ބިލުތަކުގެ މަސައްކަތް ކުރާނެ އެވެ. އެއަށް ފަހު ދެން ޖަލްސާއެއް އޮންނާނީ އަންނަ އަހަރު ފެބްރުއަރީ މަހުގަ އެވެ. އަދި އެއަށް ފަހު މަޖިލީހުގެ އިންތިހާބު ވެސް އޮންނާނެ އެވެ. އަދި އޭގެ ތެރެއިން ބައެއް މަސައްކަތް މިހާރު ވެސް ނިމިފައިވާ ކަމަށް ވެސް އޭޖީ އިން ބުންޏެވެ.