ވާހަކަ

އީޝަލް

(9 ޑިސެމްބަރ 2018 އާ ގުޅޭ)

"ތިހެން ދުރުގައި ހުންނާނީތަ؟ ދަރިފުޅުގެ ހާލު އަހާނުލާނަންތަ؟" ޒިޔަޒެލް ބުންޏެވެ.

"އޭނާގެ ހާލު އަހަންނަށް ފެނޭ، ޒިޔަޒެލް..." ޢައިބުގައި ހުރި މީހާ ވާހަކައެއް ދައްކަން އުޅެފައި ހުއްޓާލިއެވެ. އެއީ ކީއްވެކަން ޒިޔަޒެލްއަށް އެނގުނެވެ. ގަހުގެ އެކި ދިމާއިން ބޯދިއްކުރަމުން ދިޔަ މީކާޢިލް ފެނުނީއެވެ.

"އޭނާއަށް ކަލޭ ނުފެނުނެއްކަމަކު މިތާ ހުރިކަން އެނގޭ، އެހެންވެ އެ ހޯދަނީ" ޒިޔަޒެލް ބުންޏެވެ.

ގަހުގެ އެކި ދިމާއަށް ނުކުމެ ހުރިހާ ފަރާތެއްހެން މީކާޢިލްއަށް ބެލިއްޖެއެވެ. އެނބުރި އީޝަލްއާއި މިޒަރެން ތިބި ތަނަށް އޭނާ އައީ މާޔޫސްވެފައިވާ ހިތަކާއެކުއެވެ. ގަސް ކައިރީގައި އައިޒަން ހުރި ހެން މީކާޢިލްއަށް ހީވަނީއެވެ. ހިމޭންވެ އިނދެ އީޝަލްއާއި މިޒަރެން ފެންނަ ހިސާބުގައި މީކާޢިލް އިންދާ އެތަނަށް ޒިޔަޒެލް އައީ އިރުކޮޅެއް ފަހުންނެވެ. އޭނާ އައުމާއެކު މީކާޢިލް އޭނާގެ އަތުގައި ހިފައި ދުރަށް ހިނގައިގަތެވެ.

"ބައްޕަ އައީތަ؟ އެހެންވެ ދޯ ޒިޔަޒެލް ދިޔައީ" އެކަހެރިވެލުމާއެކު މީކާޢިލް ވަގުތުން އެއްސެވެ. ޒިޔަޒެލް އަނގައިން ނުބުނެ އިރުކޮޅަކު ހުއްޓެވެ. އެހެންވެ ދެވަނަ ފަހަރަށް މީކާޢިލް ބުނި އެއްޗެއް ތަކުރާރުކޮށްލިއެވެ. އެއާއެކު ޒިޔަޒެލް ބޯޖަހާލިއެވެ. އިތުރަށް މީކާޢިލް އެއްޗެކޭ ނުބުންޏެވެ. ހިތުގައިވާ އެއްޗެއް ހިތުގައި ފޮރުވާލައިގެން ހުރެ ދުރަށް ހިނގައިގަތީއެވެ.

* * * * *

ޒިޔަޒެލް ވަޢުދުވި ފަދައިން ޖެހިގެން އައި ދުވަހުގެ އިރުއޮއްސުމާއެކު އޭނާ ގެއިން ނުކުތީ މީކާޢިލް ގާތު ގޭގައި މަޑުކުރުމަށް ބުނެފައެވެ. އިޝާ ނަމާދު ރާއްޖޭގެ އެންމެ ދެކުނަށް އޮތް ރަށުގެ މިސްކިތެއްގެ ޖަމާޢަތުގައި ކުރުމަށް އޭނާ ބައިވެރިވިއެވެ. އިންސާނުންގެ ލޯތަކަށް ފޮރުވިފައިތިބި އެހެން ޖިންނީންނާ މިސްކިތުން ދިމާވިއެވެ. ޖަމާޢަތުން ފައިބާ ޒިޔަޒެލްގެ މަސައްކަތަށް އޭނާ އަވަސްވެލިއެވެ. ދާދި ކުޑަ ހިނދުކޮޅެއް ތެރޭ ހިންދުކަރައިގެ މަލަމަތި ޒިޔަޒެލްއަށް ފެނުނެވެ. އޭނާ ތިރިކުރީ ބަންގާޅުގެ ހުޅަނގަށް އޮތް ބޮޑު ޖަންގައްޔަކަށެވެ. ވަށައިގެން ހެދިފައި ހުރި ބޮޑެތި ބިޔަ ގަސްތަކުގެ ތެރެއިން ޒިޔަޒެލްގެ މަންޒިލު ސާފުކޮށް އޭނާއަށް ފެނެއެވެ.

ޒަމާންވެ ވިރާނާވެފައިވާ ގައުފޮޅުތަކެއް ފެންނަން ވީއިރު ދިމާ ކުރިމަތިން ހެދިފައި ހުރި ކިނބި ގަސްތައް ޒިޔަޒެލްއަށް ފެނުނެވެ. އެ ގަހުގެ ވައަތް ފަރާތަށް ހުރި ފުނަ ގަހާ ކައިރި ނުވެވެނީސް އިސްކޮޅުން ބޮޑު މޫނު އަލި ފިރިހެނަކު ނުކުތެވެ. ބޮލުގައި އޮތް ފަކުޑި ކަނާއަތުން ރަނގަޅުކޮށްލަމުން އޭނާގެ ނަޒަރު ޒިޔަޒެލްއަށް ހުއްޓުނު އިރު ހުރީ ނިކަން ބޮޑަށް ހިނިތުންވެލައިގެންނެވެ.

"އައްސަލާމް އަލައިކުމް ބާއި" ދެއަތް ފުޅާކޮށްލަމުން އާރަމް ބުނެލިއެވެ. އެއާއެކު އާރަމްއާ ކޮނޑާކޮނޑު ޖައްސާ ޒިޔަޒެލް ސަލާމް ބަލައިގަތެވެ.

"ކުއްލިގޮތަކަށް އަންގާ ވެސް ނުލާ ތިއައީ ކަމަކުތަ؟ އަހަންނަށް ވެދެވެން އޮތް އެހީއެއް އަވަހަށް ބުނޭ" އާރަމްގެ ބަހުރުވަ ޒިޔަޒެލްއާ ތަފާތެވެ. އެހެންނަމަވެސް އޭނާ ދެއްކި ވާހަކަތައް ޒިޔަޒެލްއަށް މޭރުންވިއެވެ.

"މިއައީ އަހަރެން ކަލޭ ގާތު ބެހެއްޓި އަމާނާތް ގެންދަންވެގެން، އޭނާގެ ހިލަމެއް ނުވަނީ ކައިރީގައި ނެތީތަ؟" އާރަމް އުޅޭ ގޭތެރެއަށް އޭނާއާއެކު ވަދެ ފެންޑާގައި ހުރި ގޮނޑީގައި އިށީންނަމުން ޒިޔަޒެލް ބުންޏެވެ.

"ލުގަލް ވީ އަހަރެންގެ ބޭނުމަކު ގޮސް، ހަމަ ދެންމެއަކު އެ ދިޔައީ... ގޮވާލަންވީތަ؟" އާރަމް ބުނެލިއެވެ. އަދި އޭނާ ގޭތެރޭގައި އުޅޭ ކުއްޖަކަށް ގޮވާލިއެވެ. ޅަފިރިހެން ކުއްޖަކު އައުމުން އޭނާއަށް އާރަމް ބަލާލިއެވެ. ގާތް މީހުންގެ ތެރެއިން ވެސް ޚާއްޞަ މީހަކު އަތުވެއްޖެކަމާއި މެހެމާންދާރީ ތައްޔާރުކުރުމަށް ޝުއްބާގެ ގާތުގައި ބުނުމަށް އާރަމް އެކުއްޖާގެ ގާތުން އެދުނެވެ. ކިޔަމަންތެރިކަމާއެކު ބޯޖަހާލަމުން އޭނާ އެނބުރި ވަނީ ގޭތެރެއަށެވެ.

"އަހަރެންގެ ޔާރު މީކާޢިލްގެ ހާލަކީ ކޮބާ؟ ލުގަލް ކިޔަމަންކުރުވި ކުޑަކުޑަ ކުއްޖާގެ ހަލަކީ ކޮބާ؟" ހިނިތުންވެލައިގެން އިނދެ އާރަމް ވާހަކަދެއްކިއެވެ.

"އެ މީހުންގެ ހާލު އިރާދަފުޅާއެކު ރަނގަޅު، މި އައީ ހަމައެކަނި ލުގަލް އަހަރެމެންގެ ގާތަށް ގެންދަންވެގެން، އާރަމް... މިވީ ހަ އަހަރުގެ ތެރޭގައި ކަލެއަށް އެއްވެސް ބަދަލެއް ފާހަގަކުރެވުނުތަ؟" ޒިޔަޒެލް އެއްސެވެ. އޭނާ އެ އިޝާރަތްކުރަނީ ކޮންކަމަކަށްކަން އާރަމް ދެނެގަތެވެ.

"އަދިވެސް ހަމަ އެ ސިފަ، އެކަމަކު އުޅުން ބަދަލުވެއްޖެ، ސާފުތާހިރުވުމަށް އިސްކަންދޭ، ކެއުމުގައި ޖަނަވާރު އުސޫލު ދޫކޮށްލައިފި، ހާވައި ތަން މުޑުދާރެއްނުކުރޭ، އެހެންވިޔަސް އަދިވެސް ކަނީ އެ ސިފައިގައި އޮވެ، ކަމެއް ނެތިއްޔާ އުޑާ ދިމާއަށް ބަލަހައްޓައިގެން ކިތަންމެ އިރަކު އިނދެދާނެ، އޭނާ ވިސްނަނީ ކޮންކަމެއްކަން ނޭނގޭ، އޭނާއަށް ލިބިފައި ހުރި ހުރިހާ އަނިޔާއެއް ފަސޭހަވެ ލަކުނުތައް މުޅިން ފަނޑުވެއްޖެ، އަދިވެސް އަހަރެން އެންމެ އަޖައިބުވަނީ އޭނާ ނަމާދުކުރާ ގޮތާމެދު، ޖަނަވާރެއްގެ ބުއްދިއެއްނޫން އެއީ... ހާސްފަހަރު އަހަރެން ޔަގީންކަމާއެކު ބުނަން ކެރިދާނެ... އެއީ އަހަރެމެންގެ ތެރެއަށް ލައްވާފައިވާ ޖަނާވަރެއްނޫން، އެކަމަކު އެންމެ ހިނދުކޮޅަކަށް ވެސް އޭނާގެ ދެފައިގެ މައްޗަށް ބުރަވެ ހުންނަން ބޭނުންނުވަނީ ކީއްވެބާއޭ އަހަރެންގެ އަމިއްލަ ނަފްސާ ސުވާލުކޮށްކޮށް ވަރުބަލިވެއްޖެ، މުޅި ހަޔާތުގައި ވެސް މިވަރުގެ ކަމެއް ދިމައެއްނުވޭ" ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިނދެ މަޑުމަޑުން ދެފަރާތަށް އާރަމް ބޯހޫރާލިއެވެ.

"އާރަމް، އަހަރެމެންގެ ތެރޭގައި ވެސް ސިއްރުތައްވޭ، ހޯދާ ބަލާނަމަ ބައެއްކަންކަމުގެ ހަޤީޤަތް ތިލަވޭ، ބާރަ އަހަރުގެ އީޝަލް ގޮވައިގެން އަހަރެމެން މިތަނަށް ދަތުރުކުރީ ލުގަލްއާ ބައްދަލުވާނެކަން އެނގިގެނެއްނޫން، އެ ދުވަހުގެ އަޖައިބުތައް ފެނުމުގެ ނަސީބު ކަލެއަށް ވެސް ލިބުނެއްނު އާރަމް، އެކުއްޖާފުޅު އެ ދެފައި މައްޗަށް ތިރިވި އެވަރަށް ރޮނިކޮށް ނުފެންނާނެ، އަހަރެމެންގެ ފުރާނަ ފަދައިން ގެންގުޅެނީ، އެކަމަކު އެ ދުވަހު އެތަނުގައިވި ކޮންމެ މީހެއްގެ ލޮލުގައި ކަރުނަތައް ވިދަވިދާ ހުރި" ފިނިނޭވާއެއް ޒިޔަޒެލް ލިއެވެ.

"އަދިވެސް އެ ހަނދާންތައް އިޔާދަވާގޮތް ނުވޭތަ؟" އާރަމް އެއްސެވެ. ޒިޔަޒެމް މަޑުމަޑުން ބޯހޫރުވާލީއެވެ.

"ލުގަލް ގެނެސްދިނުމަށް އަބަދުބުނޭ، އެ ދެމެދުގައި އެ ދުވަހު އުފެދުނީ ކިހާވަރެއްގެ ގުޅުމެއްކަމެއް ނޭނގޭ، އިތުރު ވާހަކައެއް ނުދައްކާ، އަހަރެމެން ސުވާލުކުރުމުން ވެސް އެ ދުވަހު އެވީ ގޮތެއް ހަނދާނެއްނެތޭ ބުނަނީ، އީޝަލްއަށް އެއްވެސް ގެއްލުމެއް ދޭން ލުގަލް މަސައްކަތްނުކުރާކަން އެނގޭ، އެދުވަހަށްފަހު ލުގަލް ކިޔަމަންވެއްޖެ، އަހަރެމެންގެ ބަހަށް އޭނާ ބޯލަނބާ، އާރަމް، ކަލެއަށް މުސީބާތެއް އައުމަކީ އަހަރެންގެ އަމިއްލަ ނަފްސަށް އެކަމުގެ އަސަރު ކުރާނޭކަމެއް، އަހަރެންގެ ފަހަތުން ގަނޑުވަރުން ނުކުތީއްސުރެން ތީ ދެގޮތެއްނުވި މިތުރެއް، އަހަރެންގެ ގިނަ ސިއްރުތަކެއް ޚިއްޞާކުރި ފަރާތެއް، އާރަމް، އަހަރެންގެ ހިތުގައި ބިރުވެރިކަމެއް އެބައޮތް" ޒިޔަޒެލްގެ މޫނުގެ ކުލަ ފަނޑުވެގެންދިޔައެވެ. އާރަމްއަށް ލިބުނު ނުތަނަވަސްކަމާއެކު އޭނާ ގޮނޑީގެ ކުރިއަށް ޖެހިލައި ޒިޔަޒެލްގެ ކޮނޑުގައި ކަނާއަތް ބާއްވާލިއެވެ.

"ތީ އަހަރެން ދަންނަ ޒިޔަޒެލްގެ މޫނުން ފާޅުވާނޭ އަސަރެއްނޫން، ކަލޭ ކަންބޮޑުވަނީ ކޮންކަމަކާ... އަހަރެމެންނަށް މުސީބާތެއް ބޯމަތިވާން އުޅެނީތަ؟" އާރަމް ވެސް ފާޅުކުރީ ކަންބޮޑުވުމެވެ.

"މީކާޢިލް އެއްވެސް ވަރަކަށް ލުގަލްއަށް އިތުބާރެއްނުކުރޭ، އަހަރެން... އަހަރެން ވެސް އޭނާއާ އެއްބަސްވަން، އާރަމް، އަހަރެން ބިރުގަންނަނީ ލުގަލްގެ ހަޤީޤަތް ނޭނގޭތީ، އޭނާ އެ ކިޔަމަންތެރިކަން ދައްކާނީ ކިހާ ދުވަހަކުކަމެއް ނޭނގޭތީ، އޭނާގެ މަޤްޞަދު ނޭނގޭތީ، އަހަރެންގެ މީކާޢިލް ބުއްދި ގޯސްވެދާނެ އީޝަލްއަށް ކަމެއްވެއްޖެނަމަ، އަހަރެމެން އެންމެންގެ އުފަލާއި ހިތްހަމަޖެހުން އެކުއްޖާއާ ގުޅިފައިވޭ، ކަލެއަށް އީޝަލްގެ ހަޤީޤަތް އެނގޭނެ، އެކުއްޖާގެ މުސްތަޤުބަލާމެދު އަހަރެން ކަންބޮޑުވަނީ" އާރަމްގެ ފައިގައި ޒިޔަޒެލް އެއްއަތް ޖައްސާލައި އެކުވެރިޔާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

"ފޮރުވިފައިވާ ކަންކަމެއް ނޭނގޭނެ، ވާން އޮތް ގޮތެއް ވެސް ނުހޯދޭނެ، އަހަރެމެންގެ ސައްލާތައް ވެސް މޮޅަށް ދެނެވޮޑިގެންވަނީ އެންމެ ފަރާތަކުން، ޒިޔަޒެލް... ނޭނގޭ ކަމަކުން ރައްކާތެރިކަން ހޯދަނޭ ގޮތުގެ ޢިލްމު ކަލޭ އުނގެނުނު، ރައްކާތެރިވެ ތިބޭ... ލުގަލްގެ ނިޔަތް އަހަރެމެންނަށް ނޭނގުނަސް އޭނާހާ ކިޔަމަންތެރި ފަރާތެއް ނުދެކެން، އެކަމަކު އޭނާ ޤައިދުކުރުމަކީ ވެވޭ އަނިޔާއެކޭ އަހަރެންގެ ޟަމީރު ބުނަނީ، އެއް ހުރަގެއިން ނެރެގެން ގެނެސް އަނެއް ހުރަގެއަށް ލުމަކީ އޭނާއަށް ދެވޭ ނިކަމެތިކަމެއް، އަހަރެމެންނަކީ މީހުންގެ މައްޗަށް އަނިޔާވެރިވާ ބައެއްނޫނެއްނު، ލުގަލް އަދި ވަރަށް ޅަ، އެހާ ޅައުމުރުގައި އެ ހިލިހިލާތަކުގެ ތެރޭގައި އޭނާ ބޮޑުވީ ތަހުޒީބުގެ އަލިކަމެއްނެތި، ޖާހިލުންގެ އަނދިރިކަމުގެ ތެރޭ މަގުގެއްލިފައިވަނިކޮށް އަހަރެމެން އޭނާއަށް މަގު ދައްކައިދިނީ، ހެޔޮކަމެއްގެ ޖަޒާ ލިބުންވަނީ ހެޔޮ ގޮތުގައި، ހުރިހާކަމެއްގެ ބަދަލު ލުގަލް ހެޔޮ ގޮތުގައި ދިނުމަކީ ވެސް ވެދާނޭ ކަމެއް، ޝައްކުގެ ކަޅުކަން ހިތުން ފިލުވައިލުމަކީ ނަފްސަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން" އާރަމް ބުންޏެވެ.

"އަހަރެން މީކާޢިލްގެ ކުރިމަތީ އޭނާގެ ވާހަކަތަކަށް ބާރު ނުދެނީ އެހެންވެ، ލުގަލްގެ މައްޗަށް ކުރާ ޝައްކުތަކަށް ފުރުޞަތު ނުދޭންވެގެން" ފުންނޭވާއެއް ޒިޔަޒެލް ލިއެވެ.

"އިތުރަށް މި ވާހަކަތައް ނުދައްކަމާ، ތޫނުކަންފަތްތަކެއް އަހަރެމެންގެ ތެރޭގައިވޭ، އެ މީހުންގެ ތެރޭގައި ކަޅުހިތްތަކެއްގެ ވެރީން ގިނަ، ގުޖަޑުހިލުމަށް މަގުފަހި ކުރުވާ ބަޔަކަށް އެ މީހުންވޭ، ޒިޔަޒެލް... މިރޭ މިކޮޅުގައި މަޑުކުރަންވީނު، އެކުވެރިޔާއާ ބައްދަލު މިވީ ހާދަ ދުވަހެއް ފަހުންނޭ، ލުގަލް ގޮވައިގެން ހެނދުނުން ދާނީ" އާރަމް ގޮނޑީގައި ހަމަޖެހިލިއެވެ. މޫނުން އިހު ފާޅުވި ކަންބޮޑުވުން ހިނިތުންވުމަކުން އޭނާ ފޮރުވާލިއެވެ.

"ޝުކުރިއްޔާ އާރަމް، އެކަމަކު މަޑުކުރެވޭކަށްނެތް، އަހަރެން މީކާޢިލް ގާތު މިރޭ އެނބުރި އަންނާނަން ކަމަށް ބުނެފައި މި އައީ" ޒިޔަޒެލް ބުންޏެވެ.

"ކެއުމުގެ ވަގުތު ޖެހެންވާއިރަށް ލުގަލް އަންނާނެ، އޭގެ ކުރީން ކަރުތެރެ ތެތްމާލަންވާނެއެއްނު، ޝުއްބާ ހުރީ މިއަދު މެންދުރު ލުގަލް ގެނައި ކަޅުހުއްތުމޭވާގައި ފަނި ތައްޔާރުކޮށްފައި" އާރަމް ބުނެލިއެވެ. އޭރު އެ މީހުން ތިބި ތަނަށް ކުރިން އައި ޅަފިރިހެން ކުއްޖާ އަތުވެއްޖެއެވެ. އަތުގައި ހުރި ތަބަށް އާރަމްގެ ކުރިމަތީ ހުރި ތިރި މޭޒެއްގައި ބަހައްޓައިފިއެވެ. އަދި ބޯތިރިކޮށް އިޙްތިރާމް އަދާކުރަމުން އެނބުރި ހިނގައްޖެއެވެ. މަތިޖަހާފައި ހުރި ޒިންކު ދެ ތަށިން އެއްތަށި އާރަމް ނަގައި ޒިޔަޒެލްއަށް ދިއްކޮށްލިއެވެ.

ލުގަލް އެނބުރި އަންނަންދެން ޒިޔަޒެލްއާއި އާރަމް ފެންޑާގައި ތިއްބެވެ. އެ މީހުންނާ ބައްދަލުކުރަން އާރަމްގެ އަނބިމީހާ ޝުއްބާއާއި މެދަށް ތިބޭ ދެ ފިރިހެން ދަރީން ނުކުތެވެ. އާރަމްގެ ފަސް އަންހެން ކުދީންނާއި އަށް ފިރިހެން ކުދީން ތިބެއެވެ. އުޅުމުގައި އޭނާއާއި ޒިޔަޒެލްއާ މާބޮޑު ތަފާތެއް ނެތެވެ. ދެ މީހުން ވެސް ވަޒަންވެރިވެގެން އުޅެނީ އެ މީހުންނާ އެއްވެސް ގުޅުމެއްނެތް ބައެއްގެ ތެރޭގައެވެ.

* * * * *

ފަތިހުގެ ވަގުތެވެ. އިރުގެ ފުރަތަމަ ދޯދި އުދަރެހުން ފާޅުވީއިރު އީޝަލް އޭނާގެ ކޮޓަރިން ނުކުންނަނީއެވެ. ބައްޕައާއި ޒިޔަޒެލް ފަތިސް ނަމާދަށް ފަހު އެނބުރި އަތުވެދާނެކަން އެނގޭތީ އެ މީހުންނަށް ފޮނިތޮށީގެ ސައި ތައްޔާރުކުރާށެވެ. ނަމަވެސް އީޝަލްގެ ފިޔަވަޅު މަޑުޖެހުނީ ބަދިގޭގެ ކުޑަދޮރުން ބޭރަށް ފެންނަން ހުރި އޮފިގަނޑެއްގެ މަތީ އޮތް އެއްޗެއް ފެނިފައެވެ. ފެންނަ ފެނުމަށް ހީވަނީ ނަމުރެއް ހެންނެވެ. އެކަމަކު އޭގެ ހަށިގަނޑު ދިގުވެފައި ބިޔައެވެ. މަހުމާ ފަދައިން ދިހުން އަރާ ބޯކަޅު ކެހެރިގަނޑުގައި އަނދިރި ކުލައެއްގެ ލައްތަކެއް ހުއްޓެވެ. ނިތްކުރިއާ ދިމާ މަތިން ދެ ދަޅު އުފުލިފައި ހުރީ ދަޅުފީނި ފުއްލާއެއްގެ ދަޅުހެންނެވެ. އެއްވަރަކަށް ނަގޫ ދެ ފަރާތަށް ތަޅުވާލަ ތަޅުވާލައި އޮތެވެ. ދެ ލޯ ހީވަނީ އޮފުއަރައަރާ ހުރި ދެ އަގީދު ހެންނެވެ. މޫނުމަތިން ފާޅުނުވި ނަމަވެސް އެ ސޮރު އެ އޮތީ ހިނިތުންވެލައިގެންކަން އޭގެ ދެ ލޮލުން އީޝަލް ދެނެގަތެވެ. ލިބުނު ހައިރާންކަމާއެކު އީޝަލްއަށް އަނގަމަތީ އަތްއަޅާލެވުނެވެ. އެހެންނަމަވެސް ތޫލި ހަޅޭކެއް އޭނާގެ އަނގައިން ނުކުތެވެ. ދުވެފައި ކަހަލަ ގޮތަށް ބަދިގެއިން ނުކުތީ ހެމުންހެމުންނެވެ.

"ލުގަލް... ލުގަލް... ތި އައީތަ..." ހިތްއަވަސްވެފައި ހުރެ އީޝަލް ބާރަށް ގޮވާލިއެވެ. އެއާއެކު ދެން ފެނުނީ އޭނާގެ ކުރިމަތީ އޮތް ޖަނަވާރެވެ.

(ނުނިމޭ)