ހަބަރު

ޕެންޝަން ފަނޑުން ހައްޖަށް ދެވޭ ގޮތް ހަދާ ބިލު ބަލައިގެންފި

ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރު ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅި އިސްލާހު ފާސްވީ 56 މެންބަރުންގެ އިއްތިފާގުންނެވެ.

އެ އިސްލާހު ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވީ ޕެންޝަނާ ބެހޭ ގާނޫނަށް ދެ އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ. އެއް ކަމެއްގެ ގޮތުން ހައްޖުގެ މަތިވެރި އަޅުކަން ޕެންޝަން ސްކީމް މެދުވެރިކޮށް ދެވޭ ގޮތް ހަމަޖެއްސުން ހިމަނާފައިވާ ކަމަށާއި އެއީ ގިނަ ބަޔަކު ބޭނުންވެފައި ހުރި ކަމެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ހައްޖުގެ މަތިވެރި އަޅުކަން ކުރަން އެންމެން ބޭނުންވޭ، އެމީހެއް މަސައްކަތް ކުރާ ފައިސާ ސޭވްކޮށްގެން ސްކީމެއްގެ ދަށުން ކުރިޔަށް ދެވެންޏާ އެއީ މުހިންމު ކަމެއް، މިއީ ރައީސް ސޯލިހުގެ ވައުދުފުޅެއް ވެސް މެ،" އަސްލަމް ވިދާޅުވި އެވެ.

ބިލުން ގެންނަ ދެވަނަ އިސްލާހަކީ އަސާސށީ ޕެންޝަންގެ ގޮތުގައި ދޭ އަދަދަކީ 5000 ރުފިޔާއަށް ކަމަށް ގަނޫނުގައި ހިމެން ކަމަށް އަސްލަމް ވިދާޅުވި އެވެ. މިހާރު ގާނޫނުގައި އޮންނަނީ 2000 ރުފިޔާ ދޭ ގޮތަށެވެ. ނަމަވެސް ކުރީގެ ރައީސް އަަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ 5000 ރުފިޔާ ދޭން ފަށައިފަ އެވެ. ނަމަވެސް އެ އަދަދު ދެނީ ގާނޫނުގައި ނުހިމަނަ އެވެ.

"ރިޔާސީ އިންތިހާބުގެ ތެރޭގައި އެއް ބަޔަކު ބުނި މި ސަރުކާރުން 5000 ރުފިޔާއެއް ނުދޭނެއޭ، އެކަމަކު އޯގާތެރި ރައްޔިތުންނަށް އަޅާލާ، ރައްޔިތުންނާ މެދު ވިސްނާ ވެރިއަކު އައްޔަން ކުރުމުން އަޅުގަނޑުމެން މިވަނީ އެ 5000 އިތުރަށް ކަށަވަރު ކުރަން ގާނޫނުގައި ހިމަނަން ހުށަހަޅާފައި،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ޕެންޝަނުގެ ގާނޫނަށް އިތުރު އިސްލާހުތައް ވެސް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމމުން އަންނަ ކަމަށެވެ. ގެއެގޮތުން ރިޓަޔާ ކުރާ ފަރާތްތަކަށް ވަކި މިންވަރަކަށް ގަނޑުކޮށް ފައިސާ ލިބޭނެ ގޮތަށް ވެސް ހަމަޖެއްސެވުމަށް ރައީސް އެބަ މަސައްކަތް ކުރައްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.