ހައްޖަށް ދާން ޕެންޝަން ފަންޑުން ފައިސާ ނެގޭގޮތަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ޕެންޝަން އޮފީހުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން މިއަދު ހާމަކޮށްފި އެވެ.
ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު 80 ޕަސަންޓަށް ބޮޑު ކުރުމަށް ޕެންޝަނާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހާ ގުޅޭ ގޮތުން، މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ވަނީ ޕެންޝަން އޮފީހުގެ އިތުރުން ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅުން މިއަދު ހާޒިރުކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާ އާތިފާ އަލީ ވަނީ ޕެންޝަން ފަންޑުން ފައިސާ ނެގުމާމެދު ބޯޑު މެންބަރުންގެ ފަރާތުން ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާ ކުރައްވައިފަ އެވެ.
އާތިފާ ވިދާޅުވި ގޮތުގައި، ޕެންޝަނާބެހޭ ގާނޫނު މިހާރު ފަރުމާކޮށްފައި ވަނީ އުމުރުން ދުވަސްވީ މީހުނަށް އަސާސީ ޕެންޝަނެއް ފޯރުކޮށް ދިނުމަށް ކަމަށާއި ނަމަވެސް، އިތުރު ކަންކަމަށް އެ ފަންޑުން ފައިސާ ނަގާނަމަ ވަކިވަކި ފަރުދުންނަށް އޭގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމަށެވެ. އެކަމުގެ ސަބަބުން ގާނޫނު ހަދާފައިވާ މައިގަނޑު މަގުސަދު ހާސިލް ނުވުމުގެ ބިރު އެބައޮތްކަން އާތިފާ ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.
މެންބަރުން އެދުނީ ހައްލަކަށް
މިއަދުގެ ބައްދަލުވުމުގައި ސުވާލުތައް ކުރިމަތިކުރުވި ކޮމިޓީގެ ގިނަ މެންބަރުން ސާފު ކުރައްވަން ބޭނުންފުޅުވީ ޕެންޝަން ފަންޑުން ފައިސާ ނަގައިގެން ދުރު ރާސްތާގައި އެކަމުން ކުރާނެ އަސަރުތަކާ ގުޅޭގޮތުންނެވެ. އަދި އެކަމަށް ޕެންޝަން އޮފީހުގެ ބޯޑުގެ ފަރާތުން ހުށަހަޅާ ހައްލަކީ ކޮބައިތޯ ވެސް މެންބަރުން ވަނީ ސުވާލު ކުރައްވައިފަ އެވެ.
އެގޮތުން، ޕެންޝަން ފަންޑުން ފައިސާ ނެގުމާމެދު ޕެންޝަން އޮފީހުގެ ކަންބޮޑުވުންތަކެއް ހުރި އިރު، ހައްޖަށްދާން ފައިސާ ނަގަން ޕެންޝަން އޮފީހުން ހުށަހަޅާ އަދަދަކީ ކޮބައިތޯ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ވަނީ އައްސަވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އާތިފާ ވިދާޅުވީ ބޯޑުގެ ކަންބޮޑު ވުމަކީ ވަކި އަދަދަކަށް ފައިސާ ނެގުން ނޫން ކަމަށާއި، ބޯޑުގެ ކަންބޮޑުވުމަކީ ފައިސާ ނެގުމުގެ ސަބަބުން ރިޓަޔާ ކުރާއިރު ވަކިވަކި ފަރުދުންނަށް ޕެންޝަން ފައިސާގެ ގޮތުގައި ލިބޭނެ މިންވަރު ބޮޑުތަނުން ކުޑަވެގެންދާ ދިއުން ކަމަށެވެ.
"މިހާރު ޕެންޝަން ފަންޑަށް މި ޖަމާވަނީ އަސާސީ މުސާރައިން ވަޒީފާދޭ ފަރާތުން ހަތް ޕަސަންޓް އަދި ވަޒީފާ އަދާކުރާ މީހާ ހަތް ޕަސަންޓް. އެއީ ޖުމްލަ 14 ޕަސަންޓް. ވަރަށް ކުޑަ އަދަދެއް ހަގީގަތުގައި މި ޖަމާވަނީ. ދެން ޕެންޝަން ފައިސާ މި ދޫކުރުނީ އެމީހެއްގެ އެކައުންޓުގައި ހުންނަ ޖުމްލަ އަދަދުން. އޭގެން ބޮޑުބައެއް ހައްޖަށް ދާން ވެސް އަދި އެހެން ކަމަކަށް ވިޔަސް ނެގީމަ، ރިޓަޔާކުރީމަ ލިބޭ އަދަދު ވަރަށް ބޮޑުތަނުން މަދުވެގެންދާނެ،" އާތިފާ ތަފްސީލު ކޮށްދެއްވި އެވެ.
ފަންޑަށް އަދި ބަޖެޓަށް ވެސް އަސަރެއް ނުކުރާނެ
އާތިފާގެ އިތުރުން އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ ބޯޑު މެންބަރުން ވެސް ވިދާޅުވީ ހައްޖަށްދާން ފައިސާ ނެގުމުން މުޅި ފަންޑަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ. ނަމަވެސް، އެގޮތަށް އެކި ކަންކަމުގައި ފައިސާ ނަގާނަމަ، ރިޓަޔާ ކުރާ މީހުންނަށް ގާނޫނުގައި ބަޔާން ކުރާ ގޮތަށް އެކަށީގެންވާ އިޖުތިމާއީ ރައްކާތެރިކަމެއް ފޯރުކޮށް ނުދެވޭނެ ކަމަށެވެ.
ޕެންޝަން ފަންޑުގައި ހުރި ފައިސާގެ ހިއްސާއެއް ދައުލަތުގެ ބަޖެޓުގެ ބައެއް ކަންކަން ހަމަޖެއްސުމަށް ބޭނުން ކުރަމުންދާއިރު، ހައްޖަށް ދާން ފައިސާ ނަގައިގެން ދައުލަތުގެ ބަޖެޓަށް އަދި މުޅި ޕެންޝަން ފަންޑުގެ ނިޒާމަށް ވެސް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަލިީ މަނިކު ވަނީ ތަކުރާރުކޮށް ފާހަގަ ކުރައްވައިފަ އެވެ.
އެ ގާނޫނަށް ގެނެވޭ އިސްލާހުގެ ސަބަބުން މުޅި ނިޒާމަށް މުސްތަގުބަލުގައި ކުރާނެ އަސަރުތަކާ ގުޅޭގޮތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވީ މިހާރު ފާސްކޮށްފައިވާ އިސްލާހުގެ ދަށުން ވެސް 6،311 މީހުންނަށް ހައްޖަށް ދެވޭ ކަމަށާއި އެ އަދަދު 10 އަހަރު ދުވަހުގެ ތެރޭގައި 30،000 އަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
އިސްލާހު ކުރަންވީ މުޅި ޕެންޝަން ފަންޑުގެ އޮނިގަނޑު
ޕެންޝަން އޮފީހުގެ ފަރާތުން ފާޅުކުރި ކަންބޮޑުވުންތަކަށް އެއްވެސް ހައްލުތަކެއް ހުށަހަޅާފައިނުވާކަން ކޮމިޓީގެ މެންބަރުން ވަނީ ފާހަގަކުރައްވައި ތަކުރާރުކޮށް ސުވާލުތައް ކުރިމަތިކުރުވާފަ އެވެ. އެކަމުގެ ރައްދުގައި، ބޯޑު މެންބަރު ނޫރުބާން ފަހުމީ ވިދާޅުވީ ބޯޑުގެ ކަންބޮޑުވުމަކީ ޕެންޝަނާބެހޭ ގާނޫނުގެ އޮނިގަނޑަށް ބަދަލުނުގެނެސް އެ ފަންޑުން ފައިސާ ނެގޭނެ ދޮރު ހުޅުވިގެންދާތީ ކަމަށެވެ.
"އޭރު 50 ޕަސަންޓަށް ފައިސާ ނެގޭ ގޮތަށް ހުށަހެޅުމުންވެސް އަޅުގަނޑުމެން ފާޅުކުރި ކަންބޮޑުވުންތައް މިއަދުވެސް ހުރީ. އޭރުވެސް އަޅުގަނޑުމެން ބުނީ އެގޮތަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ ދޮރު ހުޅުވިއްޖެއްޔާ އިތުރު ޑިމާންޑުތައް އަންނާނެއޭ. އެގޮތަށް ވެގެން މިދިޔައީވެސް. މިހާރު 50 ޕަސަންޓުން 80 ޕަސަންޓަށް ބޮޑުކުރަން ވަރަށް ކައިރި ކައިރީގައި އިސްލާހުތަކެއް އައިސްގެން މިއުޅެނީ،" ނޫރުބާން ފާހަގަކުރެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ޕެންޝަން ފަންޑަކީ އޭގެ ޒާތުގައި ބޮޑު ފަންޑެއް ކަމުން، ބަޔަކު ހައްޖަންދާން ފައިސާ ނަގައިގެން މުޅި ފަންޑަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ. ނަމަވެސް، ހައްޖަށްދާން ފައިސާ ނެގުމުން އެމީހަކު ރިޓަޔާކުރާ އިރު މަހުން މަހަށް ދެވެން އޮންނަ އަދަދު ކުޑަވެގެން ދިއުމުގެ ސަބަބުން ދައުލަތުން އެބުރަ އުފުލަންޖެހުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު މިދަންނަވަނީ ކުދިކުދި އިސްލާހުތަކެއް ގެނައުމުގެ ބަދަލުގައި މުޅި ގާނޫނޫގެ އޮނިގަނޑަށް ބަދަލުގެނެސްގެންނޭ މިކަން ކުރަންވާނީ. އެހެން ނޫނީ މި ގާނޫނުގެ ހަގީގީ މަގްސަދު ހާސިލެއް ނުވާނެއޭ،" ނޫރުބާން ވިދާޅުވި އެވެ.
އެ ހުރިހާ ވާހަކަތަކަށް ރިއާޔަތްކުރައްވަމުން، އެ އިސްލާހު ހުށަހެޅުއްވި އަދި ކޮމިޓީގެ މުގައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ނިންމެވީ އިސްލާހުގެ ސަބަބުން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ކޮށްފާނެ އަސަރުތަކާގުޅޭ އަންދާޒާތަކެއް ޕެންޝަން އޮފީހުގެ އިތުރުން ފިނޭންސް މިނިސްޓްރީން ލިޔުމުން ހުށަހެޅުމަށެވެ.
އެކަމާގުޅޭގޮތުން ކޮމިޓީން ގޮތެއް ނިންމާނީ އެ އަންދާޒާތަކަށް ރިއާޔަތްކޮށް މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ކަމަށް އީސާ ވަނީ ވިދާޅުވެފަ އެވެ.
ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާބެހޭ ގާނޫނު ބަދަލު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރު ތެރޭގައި ވަނީ އެ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފަ އެވެ. އޭރު ޕެންޝަން ފަންޑުން ދޫކުރާނީ އެ އަހަރަކު ހައްޖަށް ދިއުމުގެ އަގު ކަމުގައި ސަރުކާރުން ކަނޑައަޅާ އަގުގެ 50 ޕަސަންޓެވެ.
އެ އިސްލާހުގެ ދަށުން، ހައްޖަށް ދެވޭނީ ރިޓަޔާމެންޓް ސޭވިން އަކައުންޓުގެ ބެލެންސްގައި 336،000 ގިނަ ރުފިޔާ ޖަމާވެފައި ހުންނަ ފަރާތްތަކަށް ކަމަށް ފެންޝަން އޮފީހުން ވަނީ ބުނެފަ އެވެ. އެގޮތުން، މިހާރު ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރަމުންދާ ފަރާތްތަކުގެ ތެރެއިން، އެ އަދަދަށް ފައިސާ ޖަމާވެފައިވަނީ އެންމެ 6،000 އެއްހާ މީހުންކަމަށްވެސް ޕެންޝަން އޮފީހުން ވަނީ ހާމަކޮށްފަ އެވެ.