ހައްޖުގެ އަޅުކަން

ހައްޖަށް ދާން ޕެންޝަނުގެ 80 ޕަސަންޓު ދޭން ފާސްކޮށްފި

ހައްޖަށް ދާން ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު 80 ޕަސަންޓަށް ބޮޑު ކުރަން ޕެންޝަނާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެޑައިގެންނެވި 70 މެންބަރުންގެ އިއްތިފާގުންނެވެ.

އީސަ ހުށަހެޅުއްވި އިސްލާހު އިޖުތިމާއީ ކޮމިޓީން ދިރާސާ ކުރިއިރު، އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ނަމަވެސް ބައެއް ރެކޮމޭޑޭޝަންތައް ހިމަނަން ކޮމިޓީން ނިންމި އެވެ.

އެ ގޮތުން ހައްޖަށް ދިއުމުގެ ހަރަދަށްވާ އަގު ދައްކަން ފައިސާ ޖަމާކުރާނެ ޝަރުއީ ހަމަތަކަށް ފެތޭ ވޮލަންޓަރީ ސްކީމެއް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ މެމްބަރުންނަށް އަމާޒުކޮށްގެން ހިންގަން ވާނެ ކަމަށް ކޮމިޓީ ރިޕޯޓުގައިވެ އެވެ. އަދި ފައިސާގެ 80 ޕަސެންޓު ދޫކުރަން ވާނީ މަދުވެގެން 420،000 ރުފިޔާގެ ބެލެންސެއް ހުރެގެން ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ. އެ ގޮތަށް ނިންމި އިރު އެ ވަރަށް ފައިސާ ޖަމާވެފައި ހުރީ 36000 އަށްވުރެ ގިނަ މީހުންގެ އެކައުންޓުގަ އެވެ.

ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ގޮތުން ޕެންޝަނާ ބެހޭ ގާނޫނަށް އެ ގޮތަށް ބަދަލު ވެސް ގެނަ އެވެ. ނަމަވެސް އޭރު ފާސް ކުރީ ހައްޖަށް ދިއުމުގެ އަގު ކަމުގައި ސަރުކާރުން ކަނޑައަޅާ އަގުގެ 50 ޕަސެންޓު ދޫކުރާ ގޮތަށެވެ.