ހަބަރު

ހައްޖަށް ދާން ޕެންޝަން ފަންޑުގެ 80 ޕަސަންޓު ނަގަން ފާސްކޮށްފި

Jun 24, 2019
6

ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު 80 ޕަސަންޓަށް ބޮޑު ކުރުމަށް ޕެންޝަނާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ބަލައިގަންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކެނދިކޮޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި ވަނީ އެ ގާނޫނުގެ 38 ވަނަ މާއްދާ އިސްލާހުކޮށް ހައްޖުވާން ފައިސާ ދޫކުރާ މިންވަރުގެ 80 ޕަސަންޓަށް އިތުރު ކުރުމަށެވެ.

އެ އިސްލާހު ބަލައިގަންނަން ފާސް ކޮށްފައިވަނީ މިއަދު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާގުންނެވެ. ވޯޓު ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، މެންބަރުން ވޯޓު ދެއްވާފައިވަނީ ކޮޅަށްތެދުވެވަޑައިގެން ނެގި ރޯލްކޯލް ވޯޓަކުންނެވެ.

އެ ބިލަށް މިއަދު ކުރި ބަހުސްގައި ގިނަ މެންބަރުން ވަނީ ހައްޖުވުމަށް ފައިސާ ދޫކުރެވޭ މިންވަރު އިތުރުކުރަން ތާއީދުކުރާކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އެ އަދަދު 100 ޕަސަންޓަށް އިތުރުކުރަންޖެހޭކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ.

އެގޮތުން، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން ވީހާވެސް ގިނަ އަދަދަކަށް ފައިސާ ދޫކުރަންޖެހޭ ކަމަށެވެ. ސަލީމް އިތުރަށް ވިދާޅުވި ގޮތުގައި، އާ ސަރުކާރާއެކު ކުރެވުނު އުއްމީދުތަކާ ހިލާފަށް ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުނުވާ ކަމަށެވެ. އެހެންކަމުން، ހައްޖަށް ދިއުން ފަދަ ކަންތައްތަކުގައި ރައްޔިތުންނަށް ވީހާވެސް ލުއި ގޮތަކަށް ނިޒާމް ބަދަލުކުރުމަކީ މަޖީލީހުން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާބެހޭ ގާނޫނު ބަދަލު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރު ތެރޭގައި ވަނީ އެ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފަ އެވެ. އޭރު ޕެންޝަން ފަންޑުން ދޫކުރާނީ އެ އަހަރަކު ހައްޖަށް ދިއުމުގެ އަގު ކަމުގައި ސަރުކާރުން ކަނޑައަޅާ އަގުގެ 50 ޕަސަންޓެވެ.

އެ އިސްލާހުގެ ދަށުން، ހައްޖަށް ދެވޭނީ ރިޓަޔާމެންޓް ސޭވިން އަކައުންޓުގެ ބެލެންސްގައި 336،000 ގިނަ ރުފިޔާ ޖަމާވެފައި ހުންނަ ފަރާތްތަކަށް ކަމަށް ފެންޝަން އޮފީހުން ވަނީ ބުނެފަ އެވެ. އެގޮތުން، މިހާރު ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރަމުންދާ ފަރާތްތަކުގެ ތެރެއިން، އެ އަދަދަށް ފައިސާ ޖަމާވެފައިވަނީ އެންމެ 6،000 އެއްހާ މީހުންކަމަށްވެސް ޕެންޝަން އޮފީހުން ވަނީ ހާމަކޮށްފަ އެވެ.