ރިޕޯޓް

ބަހަނާތަކުން ބޮޑު ހިޔާނާތް އޮއްބާލެވޭކަށް ނެތް!

Dec 12, 2018
9

ބޮޑު ހިޔާނާތުގެ ވާހަކަ ނޭނގޭ މީހަކު ނެތެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ގެއްލުނު އަދަދުތައް ހިތުދަސް ނުވާ ދިވެއްސަކު މަދުވާނެ އެވެ. މިވާހަކަ އަޑުއިވި ދިވެހިންގެ މަތިން "ފޫހިވި" އެތަށް ބަޔަކު އެބަތިއްބެވެ. އެކަމަކު މިއަދާ ހަމަ އަށް ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުން ގެއްލުމުގެ 1.22 ބިލިއަން ރުފިޔާ ހޯދިފައެއް ނެތެވެ. އަދި ޒިންމާ ވާނީ ކާކު ކަމެއް، ނުވަތަ އެކަމުގައި އުޅުނީ ކޮން ބައެއް ކަމެއް ވެސް އެނގޭ މީހަކު ނުވި އެވެ. މީގެ ބަދަލުގައި މުޅިން ވެސް ދައްކަނީ އެކަމާ މުޅިން ނުގުޅޭ ވާހަކަ ތަކެވެ. ބޮޑު ހިޔާނާތުގެ ވާހަކަ އޮތީ އޮތްތާނގަ އެވެ. އެކަމުގައި ބައިވެރިވި މީހުން
މިނިވަންކަމާއެކު އުދުހެނީ އެވެ؟

"ހަގީގަތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކައިގެ އަސްލު ވާހަކަ ނުދައްކާ. މި ދައްކަނީ އެކަމާ ނުކުޅޭ ވާހަކަތަކެއް. އެކަމަކުގައި އެންމެ އިސްކޮށް ތިބި މީހުން އުޅެނީ ފްރީކޮށް. އެ މީހުން ބަލަނީ ހަގީގީ ވާހަކަ ދެއްކިޔަ ނުދޭން،" ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރާ އިސް ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ހަމައަށް ދިއުމުގެ ކުރިން އެ މައްސަލައިގެ ފުރަތަމަ ތިލަވީ 29، އޮކްޓޫބަރު 2014 ވަނަ އަހަރު އޭރުގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ނެރުއްވި "އެމްއެމްޕީއާރުސީ މެދުވެރިކޮށް އެމްޕީއެލްގެ 77.1 މިލިއަން ރުފިޔާއާއި އެމްޓީޑީސީގެ 1، މިލިއަން ޑޮލަރު ބޭނުންކޮށްގެން ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓެވެ". މިއީ ބޮޑު ހިޔާނާތުގެ ފުރަތަމަ ތިލަވާން ފެށި ހިސާބެވެ.

އޭރުގެ އޮޑިޓަ ޖެނެރަލް ނިޔާޒު ނެރުއްވި ރިޕޯޓުގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ އަމިއްލަ ގިނަ ކުންފުނިތަކުގެ ނަންތައް ހާމަވި އެވެ.

ސުވާލަކީ މި ވަރުން ވެސް އޭސީސީ ފަދަ މުއައްސަސާތައް "އެލާޓް" ނުވީ ކީއްވެގެން ހެއްޔެވެ؟ މިކަމަށްފަހު ދެން ފެނުނީ އޮޑިޓަ ޖެނެރަލް ނިޔާޒު މަގާމުން "ހޫރާލި" ތަނެވެ. މިކަންކުރުމަށް ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުން އަތާ އަތް ގުޅާލި އެވެ. ސުވާލަކީ ބޮޑު ހިޔާނާތް ފެންމަތިވުމުގެ ކުރިން އެކަން ހުއްޓުވުމުގައި މަޖިލީހުގެ ޒިންމާ އެންމެ ރަނގަޅަށް އަދާ ކުރެވުނު ހެއްޔެވެ؟

ފައިސާ ނަގަން އެމްއެމްޕީއާރުސީ އަށް: ކީއްވެ؟

އެމްއެމްޕީއާރުސީއަކީ ރާއްޖެ އިޝްތިހާރު ކުރަން ހާއްސަކޮށްފައިވާ ކުންފުންޏެވެ. އެ ކުންފުނީގެ ކަމަކީ ރާއްޖެ އިޝްތިހާރު ކުރަން ފެއާތަކަށް ދިއުމެވެ. ނަމަވެސް ރާއްޖޭގެ ރަށްތައް ކުއްޔަން ދިނުމާއި ރަށްރަށުގެ އެކުއެޒިޝަން ފީ ބަލައިގަންނަ ކުންފުންޏެއްގެ ގޮތުގައި އެމްއެމްޕީއާރުސީ ހެދީ ކޮން ނިޔަތެއްގައި ހެއްޔެވެ؟ ދައުލަތަށް ލިބޭ ފީ އާއި އާމްދަނީީ ބަލައި ގަންނަ ކުންފުންޏެއްގެ ގޮތުގައި މީރާ އޮތްއިރު އެ ބާރު ނަގައި އެމްއެމްޕީއާރުސީއާ ހަވާލު ކުރުންވީ ހިޔާނާތް ފެށުމަށް ލިބުނު ފެހި ސިގްނަލް އެވެ. މިބާރު ދެވޭނީ އޭރަކު ރައީސަކަށް ހުންނަ ބޭފުޅަކަށެވެ. އެކަން ކުރެއްވީ ރައީސް އަބްދުﷲ ޔާމީން އެވެ.

ބޮޑު ހިޔާނާތް ފަޅާއެރުމާއެކު މި މައްސަލާގައި މުގުލުގައި ތިއްބެވި ކަމަށް ތުހުމަތު ކުރެވޭ އޭރުގެ ނައިބް ރައީސް އަހުމަދު އަދީބު އާއި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ "ބޮލަށް" މިކަން ކަނޑާލަން ފެއްޓެވި އެވެ. އަދި ތުހުމަތުގެ ގިނަ ވާހަކަތަކެއް ފެންމަތި ކުރި އެވެ. ނަމަވެސް މި އަދާހަމައަށް ވެސް މިކަމުގެ ތެރޭގައި އުޅުނު ގިނަ މީހުން ތިބީ ރާއްޖޭން ބޭރުގަ އެވެ. އަދި މި ހިޔާނާތުގައި އެންމެ ގިނަ މީހުން ތުހުމަތުގެ އިނގިލި ދިއްކުރާ އަހުމަދު އަދީބު ގޭގައި ހުންނަވައިގެން ގިޓާ ކުޅުއްވަނީ އެވެ. އަދި ރައީސް ޔާމީން "ބިޒީ ވެރިކަމެއް" ކުރެއްވުމަށްފަހު އަރާމު ކުރައް ވަނީ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަމަލު ހިންގަމުން ދިޔައިރު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ވެސް އެންގި ކަމަށްވެ އެވެ. ބީއެމްއެލްއިން ސީދާ އެ ޔުނިޓަށް ވެސް މައްސަލަ އެތައް ފަހަރަކު ހުށަހެޅި އެވެ. ނަމަވެސް އެކަމަށް ތަހުގީގީ އިރާދާ ތަކުން ދިނީ ބީރު ކަންފަތެވެ. ސުވާލަކީ އޭރު އަޅާ ނުލީ ކީއްވެގެން ހެއްޔެވެ؟ ފުލުހުންގެ އިދާރާއިން ފިޔަވަޅު އެޅިނަމަ، ބިލިއަނެއްހާ ރުފިޔާއަށް ވުރެ ކުޑަވަރަކުން މި ހިޔާނާތަށް ނިމުމެއް ގެނެވޭނެ އެވެ.

މައްސަލަކީ ނިޒާމެއް ނޫން!

ބޮޑު ހިޔާނާތުގައި އެމްއެމްޕީއާރުސީ އަށް މީހުން ދެއްކި ފައިސާ އަމިއްލަ ކުންފުނިތަކުގެ އެކައުންޓްތަކަށް އަނބުރާލީ ޗެކް އެންޑޯސް ކޮށްގެންނެވެ. ޗެކުގެ ނުފުށުގައި ސޮއިކޮށް އަމިއްލަ ކުންފުންޏެއް ކަމަށްވާ، އެސްއޯއެފްގެ އެކައުންޓަށް އެ ޗެކްގައިވާ ފައިސާތައް ޖަމާކޮށްލައިގެންނެވެ. އޮގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓް، އޯސީސީއާރްޕީ އިން ނެރުނު ރިޕޯޓުގައިވާ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ރައީސް ޔާމީން ގުޅިގެން 50 އަށްވުރެ ގިނަ ފަޅު ރަށާއި ފަޅުތައް ދޫކޮށް އެ ފައިސާ އަމިއްލަ ކުންފުނިތަކަށް ވަނީ ޖަމާކޮށްފަ އެވެ. ސުވާލަކީ ޗެކް އެންޑޯޒް ކުރެވޭ ގޮތަށް އޮތުމަކީ މިކަން ހިނގި ސަބަބު ހެއްޔެވެ؟ ނަމަވެސް ޗެކް އެންޑޯޒް ކުރެވޭ ގޮތަށް އޮންނަނީ ހަމައެކަނި ރާއްޖޭގައި ހެއްޔެވެ؟

ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޭންކްތަކުގައި ޗެކް އެންޑޯޒް ކުރެވޭ ގޮތަށް ހުރެ އެވެ. އަދި ރާއްޖޭގައި މިކަން ކުރާތާ 30 އަށް ވުރެ ގިނަ އަހަރު ވަނީ ވެފަ އެވެ. ނަމަވެސް މީގެ ކުރިން މިފަދަ ބޮޑު ކަމެއް ކޮށްފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި މިއީ ބޭންކިން ސިސްޓަމްގެ ތެރޭގައި އޮތް ބާގަނޑެއްގެ ބޭނުންކޮށް ދުރާލާ ރާވައިގެން ހިނގާފައިވާ "އޮގަނައިޒް ކްރައިމް" އެކެވެ. މި ކްރައިމްގައި ބައިވެރި ނުވާ ދައުލަތުގެ މުއައްސަސާއެއް ނެތް ކަމަށް ބުނެވިދާނެ އެވެ. އެއީ ރައީސް ޔާމީން ވެސް ހިމެނޭ ގޮތުން އެވެ.

ނަމަވެސް، ޗެކް އެންޑޯޒް ކުރުން ރާއްޖޭގައި މިހާރު އެމްއެމްޕީއާރުސީގެ މައްސަލަ އަށް ފަހު ވަނީ ހުއްޓާލާފަ އެވެ.

ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ ޗެކް އެންޑޯޒް ކުރުމަކީ ރާއްޖޭގެ ގާނޫނުން މަނާކަމެއް ނޫން ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތް ދިޔަ ގޮތުން އެފަދަ މައްސަލަތަކެއް ފާހަގަވެފައިވާތީ އެކަން ކުރުން ވެސް ހުއްޓާލާފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އެކަމަކު ސުވާލަކީ އެގޮތަށް ޗެކްތައް އެންޑޯސްވަމުން ދިޔައިރުމ އެ ފިޔަވަޅު އެޅުން ލަސްވީ ކޮން ގޮތަކުން ހެއްޔެވެ؟

"އެމްއެމްޕީއާރުސީގެ މައްސަލާގައި މިވީ ގޮތަކީ އެ ކުންފުންޏަށް [އެމްއެމްޕީއާރުސީ] އަށް ޖަހާފައި އިން ޗެކެއް މި ޖަމާ ކުރެވިގެން ދިޔައީ އެހެން ކުންފުންޏަކަށް. އަނެއް ފަރާތަކުގައި ސޮއިކޮށް، އެންޑޯޒް ކުރެވިގެން،" ގަވަރުނަރު ވިދާޅުވި އެވެ.

އަވަހަށް މައްސަލަ ނިންމަން ޖެހޭ!

ރާއްޖެއަކީ ދުނިޔޭގެ އެކި ގައުމުތަކާ ގުޅިލާމެހިގެން ވިޔަފާރިކުރާ ގައުމެކެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތަށް ފަހު ދުނިޔެ އަށް ހާމަވި "ސްޓީލިން ޕެރަޑައިސް" އިން އެ ހިޔާނާތް މުޅު ދުނިޔެއަށް ބޭޒާރުވުމުން ރާއްޖޭގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއްވި އެވެ. ހާއްސަކޮށް ގައުމީ ބޭންކާއި މަރުކަޒީ ބޭންކަށް ލައްކަ މަސައްކަތް ކުރަން ޖެހުނެވެ. ނަމަވެސް ކަޅު ފައިސާގެ މުއާމަލާތްތަކުގެ ސުވަރުގޭގެ ގޮތުގައި ދުނިޔޭގެ މީޑިއާގައި، ރާއްޖޭގެ އިގްތިސާދުގެ މޫނުމަތި ހަޑިވެ އޮފް ކެނޑުނެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރު ނަސީރު ވިދާޅުވީ މި މައްސަލައިގެ ސަބަބުން ރާއްޖެ އަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އަދި މި މައްސަލަ އަވަހަށް ނިންމައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭކަން ގަވަރުނަރު ވިދާޅުވި
އެވެ.

"އަޅުގަނޑު މަގާމާ ހަވާލުވިއިރުވެސް އެނގޭ އެމްއެމްއޭއާ މެދު ކުރެވޭ ތުހުމަތުތަކާއި ނެރެފައިވާ އޮޑިޓް ރިޕޯޓް ތަކަކީ ކޮބައިކަން ވެސް. އެހެންކަމުން އެންމެ ފުރަތަމަ ކަމަކަށް ސަމާލުކަން ދިނީ އެފަދަ ކަމެއް ތަކުރާރު ވިޔަނުދޭން އެޅޭނީ ކޮން ފިޔަވަޅު ތަކެއް ތޯ؟ އެންމެ ފުރަތަމަ ކަމަކަށް ފިޔަވަޅު އަޅާފައިވާނީ ބޭންކް އޮފް މޯލްޑިވްސްގެ އޮޕަރޭޝަނަލް ޕްރޮޒީޖާސް ތަކާ ބެހޭ ގޮތުން ވަނީ ތިންވަނަ ފަރާތެއް މެދުވެރިކޮށް އޮޑިޓެއް ހަދާފަ. އަދި ރަނގަޅު ކުރަން ޖެހޭ ކަންކަން
ވާނީ ފާހަގަކޮށް އަންގާފަ،" ނަސީރު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިނގި ފަހުން ދުވަސްތަކެއް ވެއްޖެ އެވެ. އަދި މިއަދުގެ ސަރުކާރުން ވަނީ އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އެކަމަށް ހާއްސަ ކޮމިޝަނެއް އެކުލަވާލައި އެ ކޮމިޝަނަށް ގާނޫނީ ބާރު ހޯދަން ވަނީ މަޖިލީހަށް ވައްދާފަ އެވެ. ނަމަވެސް އެ މަސައްކަތުގެ ދުވެލި އެއަށް ވުރެ ބާރު ކުރަން ޖެހެ އެވެ. އެހެން ނޫނީ ރާއްޖޭގެ މޫނުމަތީ ޖެހިފައިވާ މިވާ ލައްގަނޑުން ސަލާމަތެއް ނުވެވޭނެ އެވެ.

ރާއްޖޭގެ މާލީ ދާއިރާގެ އިސް ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވީ މިއަދުގެ ސަރުކާރުން ވެސް އެމްއެމްޕީއާރުސީގެ މައްސަލާގައި ސީރިއަސްކަން ނުފެންނަ ކަމަށެވެ.

"ވެދާނެ މި ވާހަކަ ބުނަން ތަން ކޮޅެއް އަވަސް ކަމަށް ވެސް. އެކަމަކު ހަގީގަތުގައި އެކަށީގެންވާ ވަރަށް ސީރިއަސްކަމެއް ނުފެނޭ. މިކަމުގައި ޝާމިލްވާ އެންމެ އިސް ބޭފުޅުން މިއަދު އެ ފެންނަނީ ސިޔާސީ ގޮތުންވެސް ބާރު ގަދަ ކުރާތަން. މި ފެންނަނީ އަސްލު ހަގީގީ ވާހަކަ ނުދައްކައި އެ ވާހަކަ އޮއްބާލަންއެހެން ވާހަކައެއް ދައްކާތަން."