ފީފާ

އަންހެން ކުޅުންތެރިންނާ "ބެހުމުން" އަފްގާން އެފްއޭގެ ވެރިން ސަސްޕެންޑް

އަފްގާނިސްތާންގެ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖިންސީ ގޯނާ ކުރުމުން އަފްގާނިސްތާންގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް ކަރަމުއްދީން ކާރިމް އާއި އިތުރު ވެރިންތަކެއް ސަސްޕެންޑް ކޮށްފި އެވެ.

ދަ ގާޑިއަންއިން މި މަސައްލަ ފެންމަތި ކޮށްގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އަންހެން ޓީމުގެ ކުޅުންތެރިންނާ ހަވާލާދީ ދަ ގާޑިއަންގައި ބުނެފައި ވަނީ، އަފްގާނިސްތާންގެ ފުޓްބޯޅަ ފެޑްރޭޝަންގެ އިދާރާގައި، ކާރިމް އާއި އެފްއޭއެގެ ބައެއް އެހެން ވެރިން ގުޅިގެން އަންހެން ޓީމުގެ ބައެއް ކުޅުންތެރިންނަށް ޖިންސީ ގޯނާ ކޮށް ފުރައްސާރަ ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، މިދިޔަ ފެބްރުއަރީ މަހު، އުރުދުންގައި، އަންހެން ޓީމުން ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕްގައިވެސް ފެޑްރޭޝަންގެ ވެރިން، އަންހެން ޓީމުގެ ކުޅުންތެރިންނާ "ބެހެން" މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިދިޔަ ހޯމަ ދުވަހު އަފްގާނިސްތާންގެ ބަންޑަރަނައިބު އޮފީހުން ވަނީ އެ މައްސަލަ ބެލުމަށް ކާރިމްގެ އިތުރުން އިތުރުން ފެޑްރޭޝްންގެ އިތުރު ފަސް ވެރިއަކު ސަސްޕެންޑް ކޮށްފައެވެ.

ފީފާއިން ވަނީ ކާރިމް އާއި ފެޑްރޭޝަންގެ ޖެނަރަލް ސެކެޓްރީ 90 ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ. ދަ ގާޑިއައިން މި މައްސަލަ ފެންމަތި ކުރުމުން، އަފްގާންގެ ފެޑްރޭޝަނުން ވަނީ އެއީ ދޮގެއް ކަމަށް ބުނެފަ އެވެ.

މި ކަމާ ގުޅިގެން އަފްގާނިސްތާންގެ ރައީސް އަޝްރަފް ގާނީގެ ތަރުޖަމާން ވިދާޅުވީ، ކާރިމް އާއި ފެޑްރޭޝްންގެ ވެރިންގެ އެ އަމަލަކީ އަފްގާންިސްތާނަށް ކުރިމަތިވި ލުދުވެތި ކަމެއް ކަމަށެވެ.