ހަބަރު

ކަސްޓަމްސްގެ އިސްވެރިއަކަށް ނުއުމާން އައްޔަންކޮށްފި

ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް އަދާލަތު ޕާޓީގެ އަހްމަދު ނުއުމާން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފިއެވެ.

އަދާލަތު ޕާޓީގެ ޖެންޑާ އާއި އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ ރައީސް އަހުމަދު ނުއުމާން ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްކަމުގެ ލިޔުން ހަވާލު ‏‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސް އޮފީހުގަ އެވެ. ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްކަމުގެ ހުވާ ކުރައްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ‏‏އަރީފްގެ ކުރިފުޅުމަތީގައި އެވެ.

ނުއުމާން އެމަގާމަށް އައްޔަން ކުރައްވާފައިވަނީ މިނިސްޓަރު ފެންވަރުގަ އެވެ.

ނުއުމާން ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަމުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.