(10 ޑިސެމްބަރ 2018 އާ ގުޅޭ) -- މެންދުރު ބާރަޖަހަން ވާއިރަށް މަންހާމެންގެ ފަސްކުދިންގެ ގްރޫޕުން ފަސްވަރަކަށް ގެއަށްވަދެ އެގޭގޭގެ މީހުންނަށް އެހީތެރިވެދިނެވެ. ބަންގިގޮވުމުން ހުރިހާ ދަރިވަރުން ގާތު ފަނަރަވަރަކަށް މިނެޓުގެ ބްރޭކެއް ނެގުމަށް ޓީޗަރުން އެދިލެއްވިއެވެ. ފުރުޞަތުގެ ބޭނުން ހިފާލަމުން މަންހާ އޭނަގެ ރަޙުމަތްތެރިންނަށް ކައިރީގައި ހުރި އުސް އިމާރާތެއް ދައްކާލިއެވެ.
"އެއީ އެގެތަ...." އަލީޝާގެ ދެލޯ ބޮޑުކޮއްލަމުން އަވަސް އަވަހަށް އަހާލިއެވެ. މަންހާ އެއާއެކު ބޯޖަހާލިއެވެ.
"ދެން ދާނީ އެގެއަށް ދޯ.....އެހެންނޫނީ ނިންމާލަން ބުނާއިރުވެސް އޮންނާނީ އެގެއަށް ނުދެވިފަ" އަމާނީ ބުނެލިއެވެ.
"ތެދެއް މަންހާ، ދެން ދާނީ އެގެއަށް ދޯ، މަށަށްވެސް މިހާރު ހުރެވެނީކީނޫން ތި ހެންޑަސަމް ދެކިލާހިތުން" ޝިފްނާ ބުނެލިއެވެ.
"ހޭ ގާރލްސް، ސްޓޮޕިޓް.....ދެން ފަހުން ދާނީ، އަދި ޓައިމް އެބައޮތޭ" މަންހާ ލަދުވެތިގޮތަކަށް އޭނަގެ ރައްޓެހިންނަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ. ހަގީގަތުގައި މަންހާ އެގެއަށް ވަންނަން ކިތަންމެހާވެސް ބޭނުމެވެ. އެހެންނަމަވެސް ހަމަ ހިތްބިރު ގަންނަނީއެވެ. އެހާ ކައިރިން އޭނަ ފެނުނީމަ ދެންވާނެ ގޮތެއް ނޭގޭތީއެވެ. އެ ޒުވާނާ ފެނިފަ އޭނަ އަނބުރައިވެސް ގަނެދާނެއެވެ. އޭނަ އެހާވެސް ފުރިހަމަވެފަ ސްމާޓެވެ. މަންހާގެ ހިތުގެ އެންމެ ފުންމިނަށް އެޒުވާނާ ފީނައިގަތުމަށް އެހިތްވަނީ ހުޅުވާލެވިފައެވެ.
"ތިއުޅެނީ މިހިސާބަށް އައިސްފަވެސް އަހަރުމެންނަށް އޭނަ ނުދައްކަންވެގެން.....ދޯ" އަލީޝާ ވިސްނާލަން ހުރެފައި މަންހާގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.
"ޑިއާރސް، ބްރޭކްގަޑިވެސް ނިމެނީނު، ހިނގާ އެގެއާ ދިމާލަށް ދަމާ" ޝިފްނާ ވަހަކަދެއްކިއެވެ.
ފަސްކުދިންގެ ފަހަތުން އެމީހުންނާއި ހަވާލުވެގެން އުޅޭ ޓީޗަރުވެސް ހިނގައިގަތެވެ. އެކުދިން ގޮސް ހުއްޓުނީ ގ.އާނިއާ ގޭގެ ދޮރުމައްޗަށެވެ. އެގެއަށް ވަންނަންވެގެން ދޮރުގެ އަތްގަނޑުގައި ހިފާލީ އަލީޝާއެވެ. އެހެންނަމަވެސް އެދޮރުހުރީ ތަޅުލާފައެވެ.
"މީ ދީނު ބަޒާ، ވީ ހޭވް ޓު ޔޫސް ދިސް.....އޭރުންނޭ އަންސާކުރާނީ" މަންހާ ދޮރުގެ އެއްފަރާތުގައި ހަރުކޮށްފައިވާ ސްވިޗް ބޯޑު ދައްކާލަމުން ބުނެލިއެވެ.
ދަރިވަރުން އުޅޭ ނޫޅޭގޮތް ބަލަން އެމީހުންނާއި ހަވާލުވެގެން ހުރި ޓީޗަރު ފަހަތުގައި މަޑުކޮއްލައިގެން ހުއްޓެވެ. ސްވިޗް ބޯޑަށް ފިއްތާލުމާއިއެކު ގޭތެރެއިން މީހެއްގެ އަޑުއިވުނެވެ. މަންހާއަކީ ގްރޫޕުގެ ލީޑަރަށްވުމާއިއެކު، އެއީ ކީއްކުރާ ކުދިބައެއްކަން އޮޅުންފިލުވާދިނެވެ. ބަޒާރ އިން ދެން އިވުނީ އަންހެނެއްގެ އަޑެކެވެ. އެކުދިންނަށް ގޭތެރެއަށް ވަނުމަށްއެދުނެވެ. އަދި އެގޭގައިވާ ލިފްޓުގެ އެހީގައި ނުވަވަނަ ބުރިއަށް އައުމަށް އެދުނެވެ.
މަންހާ އާއި އޭނަގެ ގުރޫޕުގެ ކުދިން އެގޭތެރެއަށްވަދެ ލިފްޓަށްއެރިއެވެ. އޭރު މަންހާގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. އެންމެ ފަހުން އޭނަގެ ހިތްއެދޭ ޒުވާނާ އާއި ބައްދަލުވާތީ އެކަމުގެ އުފަލުގައެވެ. ލިފްޓުގެ ތެރޭ ހުރި އަލީޝާ މަންހާގެ ކޮނޑުގައި އޭނަގެ ކޮނޑު ގެނެސް ޖައްސާލިއެވެ. އެއާއެކު މަންހާ ކޮންމެވެސް ވަރަކަށް ސިހުނެވެ. މަންހާއަށް އަލީޝާ އާއި އޭނަގެ ރަހުމަތްތެރިންގެ ބެލުމުގައި ވަނީ ލާނެތް ހިނިތުންވުންތަކެކެވެ. އޭނަ އާއި ދިމާކުރާފަދަ ބެލުންތަކެކެވެ.
"އޯ މައި ގޯޑް.........އައި ތިންކް އައިމް ގޮނާ ފްރީޒް ޓު ޑެތް........އޯ މައި ގޯޑް......" މަންހާއަށް ބުނެލެވުނެވެ.
"ހޫމް ހޫމް ދެން ހިނިއައިސްފަ، ކޮލްގެޓް އިސްތިހާރެއްހެން ހުރެބަލަ......މިކަންތައްވެސް މިއޮތީ ފައިނަލީ ވެފައެއްނު" ޝިފްނާ ލިފްޓުން ނުކުންނަމުން ބުނެލިއެވެ. އެހެންނަމަވެސް މަންހާގެ ހާސްކަމާއި އޭނަގެ އަތްފައި ފިނިވުމާއި ހިތް ނޭގޭ ބާރުމިނެއްގައި ތެޅުމަށް ހަމަ އެއްވެސް ބަދަލެއް ނާދެއެވެ. މަންހާއަށް ކުރިއަށް ފިޔަވަޅުއަންވެސް އުނދަގޫވިއެވެ. އަނެއްކާ ބޫޓުވެސް ބަރުވީބާއެވެ. ނޭވާލާންވެސް ދަތިވަނީއެވެ. އަނެއްކާ ޔުނީފޯމް ބާރުވީބާއެވެ. މަންހާއަށް ލާފައިހުރި ޓީޝާޓުގެ ކަރު ރަނގަޅުކޮއްލެވުނެވެ.
"ކަމޯން....ބީ ކޫލް ޑިއަރ" އަމާނީ މަންހާގެ ބުރިކަށީގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ. އޭރު ނުވަވަނަ ބުރީގައި ހުރި ދޮރުހުޅުވާލައިފައި އެގޭތެރެއަށް ވަދެވެނީއެވެ.
"އާދޭ އެތެރެއަށް..........ހުރިހާ ކުދިންވެސް ވަދެ އިށީނދޭ، ހެލޯ، މީ ޒާރާ" ޒާރާ ހުރިހާ ކުދިންނަށް އިށީނުމަށް އެދުނެވެ. އަދި އެކުދިންނާއި ހަވާލުވެގެން އައި ޓީޗަރަށް އަމިއްލައަށް ތައާރަފްވެލަމުން ސަލާމްކުރުމަށް އަތްދިއްކޮއްލިއެވެ.
"ހޭ މަން....ޔޫ ގެ ހެންޑްސަމްގެ ކޮއްކޮ ކަންނޭގެ ދޯ، ސަޅި ދޯ" އަލީޝާ ސިއްރު ސިއްރުން މަންހާއަށް ގޮވާލާފައި ބުނެލިއެވެ.
މަންހާއަށް ހީނލާންވެސް ނޭގިފައި އިނެވެ. އޭނަގެ ނިތްކުރިމަތިން ކޮންމެވެސް ވަރަކަށް ދާތިކިތައްވެސް ފާޅުވަމުން ދިޔައެވެ. އެހެންނަމަވެސް މަންހާ އިނީ ޒާރާއަށް ބަލަންށެވެ. ޒާރާގެ ގައިގާ އޭނަގެ ޕްރިންސް ޗާރމިންގ އާއި ވައްތަރު އެއްވެސް ސިފައެއްނެތެވެ. އެކަމަކު އެއީ ރީތި އަންހެނެވެ. ހަމުގެ ކުލައަލިވެފައި އާދައިގެ އިސްކޮޅެކެވެ. އޭނަގެ ރީތިކަން އިތުރުކޮއްދޭ އެއްޗެއް ކަމުގައި އޭނަގެ ފަށުވި އިސްތަށިގަނޑުވެއެވެ. ގަދަ މުށިކުލައަކުން ކުލަޖައްސާލާފައި ވާއިރު ތަންތަންކޮޅު މަޑު މުށިކުލައަކުން ހައިލައިޓް ކޮއްލާފައިވެއެވެ. ލާފައިވާ ކުޑަ ޓީޝާޓު ކޮޅާއި ކަށިމައްޗާ ހަމައަށް އަރާ ޖިންސުން ޒާރާއަކީ ފަހުގެ ފެށަންތަކަށް ލޯބިކުރާ މީހެއްކަން އިނގެއެވެ. ގޭތެރޭގައިވެސް އޭނަ އުޅެނީ ފައިވާނުގައެވެ. އެކަމަކު އޭނަގެ ވާހަކަ ދެއްކުމުގައި އެއްވެސް ވަރަކަށް ގޮތްދެއްކުމެއް ނެތެވެ. އެއަށްވުރެ މަޖާ ހިތްހެޔޮ މީހުންނާއި ގުޅޭ ކަހަލަ މީހެއްހެން ޒާރާ ހީވެއެވެ.
ޒާރާ ހުރިހާ ކުދިންނަށް ފިނި ބުއިން ގެނެސް ދިނެވެ. އަދި އެގޭގައި ސާފުކުރާކަށް މާގިނަ ތަންތަނެއް ނުހުންނާއޭ ބުންޏެވެ. އެއީ ތެދެކެވެ. ޒާރާގެ ކައިރީގައި އޭނަގެ ކޮންމެ ކަމެއް ކޮއްދިނުމުގައި ހާދިމުން ތިބެއެވެ. ހީވާކަހަލައެވެ. އެއީ ގަނޑުވަރެއްގައި އިން ރާނީއެކެވެ.
"ޔޫ ގާރލްސް ކޮންމެވެސް ކަމެއް ކުރަން ބޭނުންވާތީ މިބުނީ، މި ކާޕެޓް ވެކުމް ކޮއްލާ، އެވަރުން އޯކޭވާނެ، ދެން ނުހުންނާނެ ސާފުކުރާނެ ތަނެއް، އުކާލާނެ ކުންޏެއްވެސް ނުހުންނާނެ....." ޒާރާ ހިނިއައިސްފައި ދަރިވަރުންނާއި ވާހަކަދެއްކިއެވެ.
މަންހާގެ އަނގައިން ހަމަ ބަހެއްވެސް ނުނިކުތެވެ. އޭނަ މަޑުމަޑުން ތެދުވެ އެހެން ކުދިންނަށް އިރުޝާދު ދޭންފެށިއެވެ. އެގޭގައި ގެންގުޅޭ ޕްލިޕިންސް ހިސާބު އަންހެން ކުއްޖަކު ވެކުމް ކްލީނާ ގެނެސް އެމީހުންނާއި ހަވާލުކުރިއެވެ. އަދި އެޖައްސާނެ މިންގަނޑު ބުނެދިނެވެ. އަމާނީ އެމީހުންނަށް ޖޫސްގެނެސްދިން ތަށިތަށް ތަބަކާއިއެކު ސިންކުކައިރިއަށް ގެންގޮސްދިނެވެ. އެކަމަކު ޒާރާ އެކަންތައް އެކުދިންލައްވާ ކުރުވާކަށް ބޭނުމެއްނުވިއެވެ. މަންހާ ނޫނީ އެހެން ކުދިން ތިބީ ވަރަށް ހަމަޖެހިލާފައެވެ. ޒާރާ ގޮތަށް އެކުދިންނާއި އެހާ ގުޅިގެން ކަންތައްތައް ކޮއްދިން މީހަކު އެހެން ގެއަކުން ދިމާނުވީތީއެވެ.
އަލީޝާ މަޑުމަޑުން މަންހާ ގެންގުޅުނު ފައިލް ހިފައިގެން ފަސް ފަހަތަށް ޖެހެމުން ގޮސް ޒާރާގެ ގާތުގައި މަޑުކޮއްލިއެވެ. އޭރު އަމާނީ އާއި ގުރޫޕުގެ އެހެން ކުއްޖެއް އުޅެނީ މަންހާއަށް އެހީވުމުގައެވެ. ޝިފްނާ ހުރީ ޓީޗަރާއި ވާހަކަދައްކާށެވެ.
"ހެލޯ، މީ އަލީޝާ......މިގޭގަ ދައްތަ ފިޔަވައި އެހެން މީހެއް ނޫޅޭތަ؟" އަލީޝާ އަހާލިއެވެ.
"ދައްތަ ނުކިޔަސް އޯކޭވާނެ، ޒާރާ ކިޔާ.......ވެލް، މިގޭގަ ދެން އުޅޭނީ މިމީހުން" ޒާރާ އޭނަގެ ކައިރީ މަސައްކަތްކުރާ މީހުންނަށް އިޝާރަތްކޮއްލަމުން ބުނެލިއެވެ.
"ދެން އެއްވެސް ފިރިހެނަކު ނޫޅޭތަ؟"އަލީޝާ ކެތްމަދުވެފައިވާ ގޮތަކަށް އަހާލިއެވެ.
"ނޫނޭ، ދާއިން އުޅޭނެ.........މިދުވަސްކޮޅު ވަރަށް ބުރަކޮއްއުޅޭތީ ވީ އޮފީހުގަ، މިހާރު......." ޒާރާގެ ޖުމްލަ ފުރިހަމަ ނުކުރެވެނިސް ޓީޗަރު ޒާރާގެ ގާތަށް އައިސް ވާހަކަދައްކަންފެށިއެވެ.
ޒާރާ ހަވާލުކުރި މަސައްކަތް ނިމުމާއިއެކު ޓީޗަރު ޒާރާގެ ގާތުން އެދުނީ އެމީހުން އެގެއިން ދިއުމުގެ ހުއްދައަކަށެވެ. ޒާރާގެ ގާތުގައި ހުރި އަލީޝާ މާޔޫސްކަމާއިއެކު ހިނިތުންވެލައިގެން ހުއްޓެވެ. މަންހާ އާއި އެހެންކުދިން އައިސް ނުކުންނަ ދޮރުކައިރި މަޑުކޮއްލުމާއިއެކު އަލީޝާވެސް މަންހާގެ ގާތުގައި އައިސް ހުއްޓިއްޖެއެވެ. ޒާރާއަށް ޝުކުރުއަދާކުރަމުން ޓީޗަރު ހުރިހާ ކުދިންނަށް ނުކުތުމަށް އިޝާރާތްކޮއްލިއެވެ. ހުރިހާ ކުދިންގެ ކުރީގައި ހުރި މަންހާ ދޮރު ހުޅުވާލި ވަގުތާއި ބޭރުން އައިމީހާވެސް ދޮރުހުޅުވާލި ވަގުތާވީ އެއްވަގުތަކަށެވެ. އެއާއެކު ދެމީހުން އެކަކު އަނެކަކުގެ ގައިގާ ކުއްލިއަކަށް ގޮސް ޖެހުނެވެ. މަންހާއަށް ލިބުނު ސިހުމާއިއެކު އަވަހަށް ފަހަތަށް ޖެހިލެވުނެވެ. އަދި އެމީހަކަށް ބަލާލަމުން ސޮރީއޭ ބުނެލިއެވެ.
ކުއްލިއަކަށް މަންހާއަށް ހުއްޓުންއެރިއެވެ. ކުރިމަތީހުރި ޒުވާނާ ފެނުމުންނެވެ. މަންހާގެ ހިތް ބާރަށް ތެޅެންފެށިއެވެ. މުޅިމީހާވެސް ހީވަނީ ގަނޑުވެފައި ހުރިހެންނެވެ. މަންހާގެ އެކުވެރިންނަށް މިވީ ކިހިނެތްކަން އެނގިއްޖެއެވެ.
"އިޓްސް އޯކޭ......" ހިނިތުންވެލަމުން އެޒުވާނާ މަންހާއަށް ބުނެލިއެވެ. ނަމަވެސް އެސްފިޔަ ޖަހާލުމެއްނެތި ބަލަން ހުރި މަންހާއަށް އެއަޑު އިވުނު ހެނެއް ހިޔެއްނުވެއެވެ. އެހެންވެ އަނެއްކާވެސް އެޒުވާނާ ކުރިންބުނި ޖުމްލަ ތަކުރާރު ކޮއްލިއެވެ. އަދި މަންހާގެ ލޯކުރިމަތީ އަތްހޫރާލިއެވެ. ހަމައެވަގުތު އަލީޝާ މަންހާގެ އަތުގައި ހިފާ އެއްފަރާތަށް ދަމައިގަތެވެ. މަންހާއަށް ހޭވެރިކަންވީވެސް އެހާ ހިސާބުންނެވެ.
"ދާއިން....." ޒާރާ ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލިއެވެ. އޭނަގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ.
އެއަޑު އިވުނު މަންހާއަށް އިތުރު ހައިރާންކަން ލިބިގެން ދިޔައެވެ. ނަމަވެސް އެމީހުންނަށް އިތުރަށް އެގޭގައި މަޑުކުރެވޭކަށް ނެތެވެ. އެޓީމާއި ހަވާލުވެގެން ހުރި ޓީޗަރު އިސްވެ އެގޭން ނުކުތުމަށް ހިނގައިގަތެވެ. އޭނަގެ ފަހަތުން ހުރިހާ ދަރިވަރުންވެސް ނުކުމެގެން ގޮސް ލިފްޓަށް އެރިއެވެ.
"ވަޓް ހެޕެން ޓު ޔޫ ގާލް، އެއީ އޭނަ ދޯ....." އަލީޝާ ލިފްޓުތެރޭ ހުރެ ވައިއަޑުން ވާހަކަ ދެއްކިއެވެ.
"މަށަށްވެސް އިނގުނު އެއީ ހަމަ އޭނަކަން، އެހެންނު ވާނީ މަންހާއަށް ވީގޮތް ފެނިފަ ނޭގޭނެ މީހަކު ނުހުންނާނެ......ހެ ހެ ހެ ހެ" އަމާނީ ހެމުން ހެމުން ބުނެލިއެވެ.
"ދާއިން.........ދާ....އި......ން........." މަންހާއަށް މަޑުމަޑުން ބުނެލެވުނެވެ. އެއާއެކު އަތުގައި އޮތް ފައިލު ގެނެސް މޭގައި ޖައްސާލަމުން ދެއަތުން ހިފަހައްޓާލެވުނެވެ. އެއާއެކު އޭނަގެ ތުންފަތުގައި ރަކި ހިނިތުންވުމެއް ދުވެލިއެވެ.
ސާފުކުރުމުގެ ދުވަސް ނިންމާލަން ހަމަޖެހިފައިވާ ގަޑިޖެހުނު އިރުވެސް މަންހާއަށް ދާއިން ފެނުނުފަހުން އެނޫންކަމަކާ ނުވިސްނެއެވެ. ކައިރީގައި އުޅުނު ރަޙުމަތްތެރިންގެ އަޑުވެސް މަންހާއަށް ބައެއްފަހަރު ނީވޭ ފަދައެވެ. މުޅިމީހާވަނީ ހިޔާލީ ދުނިޔެއެއްގެ ތެރޭގައެވެ. އިސްކޫލަށް ހުރިހާ ކުދިން އައިއިރު އެކުދިން ބަލާއައިސްތިބި ބެލެނިވެރިން ސްކޫލުގެ ވަށައިގެން ތަންތަންކޮޅުގައި މަޑުކޮއްލައިގެން ތިއްބެއެވެ.
ޓީޗަރުން ކުދިންގެ ހާޒިރީ ބެލުމަށްފަހު، ގުރޫޕު ލީޑަރުންނާއި ހަވާލުކުރެވުނު ފައިލްތައް އަތުލިއެވެ. އަދި ދުވަސް ދިޔަގޮތާއި ދަރިވަރުންގެ އަޙްލާގާއި ދަރިވަރުންގެ މަސައްކަތައް ތައުރީފުކޮށް ހިތްވަރުދިނެވެ. އަދި ފެށެން ކައިރިވެފައިވާ އިމްތިހާނަށް ހުރިހާ ކުދިންވެސް ތައްޔާރުވެގެން އައުމަށް ނަސޭޙަތްތެރިވިއެވެ. ދަރިވަރުން ގެއަށް ދިއުމަށް ފޮނުވާލުމާއިއެކު މަންހާވެސް އޭނަގެ ރަޙުމަތްތެރިންނާއިއެކު ހިނގައިގަތީ ސްކޫލްގެ ލިލީމަގަށް ހުންނަ ގޭޓާ ދިމާލަށެވެ.
"ސޯ......" ޝިފްނާ މަންހާއަށް ބަލާލަމުން އަހާލިއެވެ.
"ސޯ ވަޓް" މަންހާގެ މޫނުމަތިން ފެނަމުންދިޔަ ހިތްހަމަޖެހުމުގެ އަސަރުތައް ފޮރުވަން މަސައްކަތް ކުރަމުން ބުނެލިއެވެ.
"ދެން އެނގެއެއްނު މިއަހަނީ ކޮންވާހަކައެއްކަން....." އަލީޝާގެ ކޮނޑުގައި އަތްއަޅުވާލަމުން މަންހާއަށް ބަލާލި އަމާނީ ބުނެލިއެވެ.
"އެއުޅެނީ ނޭގިގެނެއްނޫނޭ.....ދެން އަހަރުންމެންލައްވާ ހަމަ ދާއިންގެ ނަން ކިޔުއްވަންވެގެން..........މަންހާ ބޭނުމިއްޔާ އަހަރުމެން ތިބެދާނަމޭ އިރުއިރުކޮޅާ ދާއިން، ދާއިން........ކިޔާލަ ކިޔާލަ........ހެ ހެ ހެ ހެ ހޭ" އަލީޝާ މަންހާއާއި ދިމާކޮއްލިއެވެ. އެއާއެކު އެންމެންގެ ގާތަށް ހިނިއަތުވެއްޖެއެވެ.
"ދެން ޓެސްޓު ނިމުނީމަ ތިކަމާ ވިސްނޭނީ، އެހެންނޫނީ މަންމައަށް ބަސްޓުވެދާނެ.......މަންޑޭގަ ފުރަތަމަ އެގްޒޭމް އެއޮތީ، އެހެންވީމަ އަބަދު ދާއިންގެ ނަން ކިޔޭކަށް ނެތެއްނު......" މަންހާ ވިސްނުންތެރިކަމާއިއެކު ބުނެލިއެވެ.
"ތީވެސް ތެދެއް، އަހަރެން އަދި އިސްލާމް ފޮތުގަ އަތްވެސް ނުލަން......." އަލީޝާ ބުނި ޖުމްލައިން ހުރިހާ ކުދިންގެ ނަޒަރުގޮސް ހުއްޓުނީ އަލީޝާއަށެވެ.
"އެލީ.........." ހުރިހާ ކުދިންނަށް އެއްފަހަރާ ގޮތަކަށް ބުނެލެވުނެވެ.
"އެލީ ކީއްވެ މިހާ ލަސްވަންދެން ފިލާވަޅު ދަސްކުރަން މަޑުކުރީ، ޕްލީސް އެލީ، މިފަހަރު އެލީވެސްވާނެ ހުރިހާ ސަބްޖެކްޓަކުން ޕާސްއެއް ހޯދަން......." ކަންބޮޑުވެފައިވާ މަންހާއަށް ބުނެލެވުނެވެ. އަލީޝާއަށް އޭނަގެ ރަޙުމަތްތެރިން ހިތްވަރުދިނެވެ.
ގޭޓުން ބޭރު ބަލާލި މަންހާއަށް ސައިކަލުގައި އިން ސަޢީދުފެނުނެވެ. އަވަހަށް ރަޙްމަތްތެރިން ގާތު ދަނީއޭ ބުނެ ހިނގައިގަތީ އޭނަގެ ބައްޕަގެ ސައިކަލު ފަހަތަށް އެރުމަށެވެ. ސަޢީދު ހިނިތުންވެލަމުން މަންހާގޮވައިގެން ސައިކަލު ދުއްވާލިއެވެ. ތިމާވެށި ދުވަހާއި ގުޅިގެން ދެން ކުރީ ކޮންކަމެއްތޯ އޭނަ މަންހާއާއި ސުވާލުކުރިއެވެ. މަންހާ ވަރަށް ގަޔާވެގެން އިނދެގެން ޒާރާމެންގޭގެ ވާހަކަވެސް ކިޔާދިނެވެ. މުޅިދުވަހު އެވަރުގެ ހިތްހެޔޮ މީހަކާ ދިމާނުވާކަމެވެ. އެހެންނަމަވެސް މަންހާ ދާއިންގެ ވާހަކައެއް ނުބުނެއެވެ. ސަޢީދުއަށް މަންހާއަށް ލިބިފައިވާ ހިތްހަމަޖެހުމާ އުފާވެރިކަން ނަގައިގަނެވުނީ މުޅިން ތަފާތު ގޮތަކަށެވެ. އެކަމާއި މީހަކާ ގުޅިފައިވާކަމެއް ސަޢީދުއަކަށްނޭގެއެވެ. އޭނަގެ ދަރިފުޅުވެސް ބޮޑުވަން ފަށައިފިކަން އޭނައަށް އަދި ނޭގެނީއެވެ. (ނުނިމޭ)