ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކޮމެޑީ ފިލްމު 'މާމުއި' އަންނަ އަހަރު ޖުލައި މަހުގެ އެކެއްގައި ސިނަމާތަކުގައި އަޅުވަން ނިންމައިފި އެވެ.
ތަފާތު ކެރެކްޓާތަކެއް ފެނިގެންދާނެ މި ފިލްމް މީގެކުރިން އަޅުވަން ހަމަޖެހިފައި އޮތީ އަންނަ އޭޕްރީލްގަ އެވެ. ނަމަވެސް އެ ތާރީހަށް އޮލިމްޕަސް ނުލިބޭތީި ޖުލައި މަހަށް ފިލްމް ފަސްކުރީ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ، މޮގާ ބުންޏެވެ.
މޮގާ ބުނި ގޮތުގައި، މިއީ ރާއްޖޭގައި މިހާތަނަށް އުފައްދާ އެންމެ އަގު ބޮޑު ފިލްމެވެ. ބޮޑު ހަރަދެއް ކޮށްގެން އުފައްދާ ފިލްމްގެ ގިނަ ޝޯތަކެއް ދެއްކުމަށް ބޭނުންވާ ކަމަށެވެ.
"ފިލްމު އެޅުވުމުގެ ތާރީހް ލަސް ކުރެވުނީ އަންނަ އަހަަރު އޭޕްރީލް މަހު އެހެން ބަޔަކަށް އޮލިމްޕަސް ދީފައި އޮތީމަ. އަދި މިއީ ރާއްޖޭގައި އުފައްދާ އެންމެ އަގުބޮޑު ފިލްމަށްވީމަ ގިނަ ދުވަހު އޮލިމްޕަހުގައި އަޅުވައިގެން ނޫނީ ފިލްމަށް ހަރަދުވި ކޮސްޓް ރިކަވާއެއް ނުކުރެވޭނެ. އެހެންވެ ޖުލައި އެކަކަށް ރިލީޒް ޑޭޓް ލަސްކޮށްލީ،" އަވަސްއާ ވާހަކަ ދައްކަމުން މޮގާ ބުންޏެވެ.
ޑާކްރެއިންއަކީ އަބަދުުވެސް ތަފާތު ޖޯންރާތަކަށް ފިލްމު އުފައްދަމުން އަންނަ ބައެކެވެ. މި ފިލްމުގެ ކެރެކްޓާތަކުގެ ހެއްވާ މަޖާ ނަންތައް ސޯޝަލް މީޑީއާގައި އިއުލާން ކުރުމާއެކު ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ. އަދި ނަންތަކުން އެކަނިވެސް ފިލްމަށް ކުރެވޭ އުއްމީދު ބޮޑުވާނެ ކަމަށް ސޯޝަލް މީޑިއާގައި ބެލުންތެރިން ދަނީ ހިޔާލު ފާޅު ކުރަމުންނެވެ.
ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގެ ލީޑު ރޯލުތަކުން ޖުމައްޔިލް ނިމާލް، އިސްމާއީލް ޖުމައިހް، މަރިޔަމް މަޖުދާ، މަރިޔަމް އައްޒަ، ޝީލާ ނަޖީބު ފެންނާނެ އެވެ. ފިލްމުގެ ހާއްސަ ފެނިލުމަކުން ކުރީިގެ މަޝްހޫރު ފިލްމީ ތަރި އިސްމާއިލް ވަޖީހުވެސް ފެންނާނެ އެވެ. މިއީ ވަޖީހު ފިލްމީ ދާއިރާއާ ދުރުގައި ވަރަށް ގިނަ ދުވަހު ހުރުމަށްފަހު ކުޅޭ ފިލްމެއް ކަމުން 'މާމުއި' ހުރިހާ ގޮތަކުންވެސް ހާއްސަ ވާނެ އެވެ.
މޮގާ އާއި އައިޝަތު ފުއާދު ތައުފީގު ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓު ކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ސްކްރީންޕްލޭ ތައްޔާރުކުރީ އައިޝަތު އާއި އަހްމަދު ތޮލާލް އެވެ. އަދި ސިނެމަޓޯގްރާފީގެ މަސައްކަތްކުރަނީ ޗިއްޕެއާއެކު އަހްމަދު ޝިނާން އެވެ.