މަަސްވެރިންނަށް ފައިދާ ހޯދާ ދިނުމަށް ކަމަށް ބުނެ ގެއުމުގައި މިފްކޯ ހިންގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިފްކޯ ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގއ. ގެމަނަފުށީގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މިފްކޯ ގެއްލުމުގައި ހިންގައިގެން ނަމަވެސް މަސްވެރިންނަށް ރަނގަޅު އަގެއް ދިނުމަށް ކުރާ މަސައްކަތުގެ ސަބަބުން މިފްކޯގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށެވެ. އަދި އެގޮތުގައި މިފްކޯ ހިފެހެއްޓުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުގެ އަމާޒަކީ މިފްކޯ އަކީ ފައިދާހުރި ކުންފުންޏެއްގެ ގޮތުގައި ހިންގުން ކަމަށާއި އެކަމުގެ މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ހަދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މަސްވެރިންނަށް ދިމާވެފައިވާ އަނެއް ދައްޗަކީ ކިރުވާ މަހަށް ވަގުތުން ފައިސާ ނުލިބުން ކަމަށެވެ. އެކަމަށް މިފްކޯގެ އޮނިގަނޑަށް ބަދަލު ގެނެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ އިންވެސްޓްމެންޓްތަކެއް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުގެ މަސް ކުންފުނިތަކުން މަސްވެރިންނަށް މިހާތަނަށް ދޭން ޖެހިފައި ހުރި 68 މިލިއަން ރުފިޔާ އިއްޔެ ވަނީ އެކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން ދޫކޮށްފަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އުންމީދަކީ ކުރިއަށްއޮތް ދެތިން ދުވަހެއްގެ ތެރޭގައި އެފައިސާ މަސްވެރިންނަށް ލިބިގެންދާނެ ކަމަށެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ވެސް 30 މިލިއަން ރުފިޔާ އެސްޓީއޯ މެދުވެރިކޮށް މަސްވެރިންނަށް ދޫކޮށްފައި ވެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިފްކޯއަކީ ސަރުކާރުގެ މައި ކުންފުނީގެ ދަށަށް ބަދަލުކުރީ އެ ކުންފުނީގެ ދަރަނި ބޮޑުވެ ބަނގުރޫޓުވާން ކައިރިވެފައިވަނިކޮށެވެ. ނަވާރަ ސަތޭކަ ނުވަދިޔަ ތިން ވަނަ އަހަރު އުފެއްދި މިފްކޯ، އެސްޓީއޯގެ ދަށަށް ގެނައިއިރު 300 މިލިއަނެއްހާ ރުފިޔާގެ ދަރަނި އޮތެވެ. އަދި ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލު ކުރިއިރު، އެކި ފަރާތަކަށް ވަނީ އެ ކުންފުނި ދަރާ ވިކިފަ އެވެ. އަދި އެ ކުންފުނީގެ އޮޕަރޭޝަނަށް ކޮންމެހެން ބޭނުންވާ ތަންތަން ވަނީ ހަލާކުވެފަ އެވެ. ހާއްސަކޮށް ކަނޑުއޮތް ގިރި ފަދަ ތަންތަން އޮތީ ވަރަށް ހާލުގަ އެވެ. އަދި އޭގެ ފަހުން ސަރުކާރުން އެކި ފަހަރު މަތިން ވަނީ މިފްކޯއަށް ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފަ އެވެ.