ހަބަރު

ޔޫކޭ، އީޔޫއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރަނީ

ރާއްޖެއިން މިހާރުވެސް މަސް އެކްސްޕޯޓް ކުރާ އިނގިރޭސި ވިލާތާއި ޔޫރަޕިއަން އިއްތިހާދާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ
އެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގއ. ގެމަނަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ބައިނަލް އަގްވާމީ ބާޒާރުގައި ރާއްޖޭގެ މަހަށް މިހާރަށްވުރެ ރަނގަޅު އަގެއް ހޯދުމަކީ މި ސަރުކާރުން ކުރަން ނިންމާފައިވާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އެކަމަށް ޓަކައި ޔޫރަޕްގެ މާކެޓްތައް ދިވެހި ވިޔަފާރިވެރިންނަށް މިހާރަށް ވުރެ ބޮޑަށް ހުޅުވެން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަވަށްޓެރި ބައެއް ގައުމުތަކުން އެއްވެސް ޑިއުޓީއެއްނެތި ޔޫރަޕަށް މަސް ބޭރުކުރަމުންދާއިރު ރާއްޖެއިން މަސްބޭރު ކުރަމުންދަނީ 22 ޕަސެންޓްގެ ޑިއުޓީއަކާއެކު، މިއީ ރާއްޖެ ފަދަ ނާޒުކު އިގްތިސޯދަކަށް ތަހަންމަލް ކުރެވޭ ވަރަށްވުރެ ބޮޑު ބުރައެއް،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ބައިނަލް އަގްވާމީ ބާޒާރުގައި ރާއްްޖެއަށް ރަނގަޅު ގޮތް ފަހި ކުރެވެންޖެހޭނެ ކަމަށާއި އެކަމަކީ ބައިނަލް އަގްވާމީ ދުނިޔެއާ ގުޅުން ބަދަަހި ކޮށްގެން ނުުކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އެންމެ އެކަށޭނެ ހައްލަކީ މިހާރުވެސް ރާއްޖޭގެ މަސް އެކްސްޕޯޓްކުރާ އިނގިރޭސި ވިލާތާއި ޔޫރޮޕްގެ އިއްތިހާދާއެކު މިނިވަން މިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުން، އެކަމަށް ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން،" ރައީސް
ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ، އިނގިރޭސި ވިލާތާއި ޔޫރޮޕްގެ އިއްތިހާދާއެކު މިނިވަން މިޔަފާރީގެ އެއްބަސްވުން ގާއިމް ކުރުމުގެ މަސައްކަތް ކާމިޔާބުވާނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ.

ރައީސް ވިދާޅުވީ، ބައިނަލް އަގްވާމީ މަސްވެރިކަމުގެ ސިނާއަތަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިން ދިވެހި ކަނޑުމަހަށް ލިބުނު ޕްރިމިއަމްގެ ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށްޓަކައި މަސްގަންނަ ބޭރުގެ ފަރާތްތަކާއެކު ގިނަ މަސައްކަތްތަކެއް ފަށަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. ބޭރުގެ ފަރާތްތަކާއި މަޝްވަރާކޮށް އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރީ، ޗައިނާއާ އެކު އެވެ. އެހެން ނަމަވެސް އެ އެއްބަސްވުން ނިމުމަކަށް ގެންނާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.