ރާއްޖޭގައި 2020 ވަނަ އަހަރު ބާއްވާ، އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ)ގެ ބައްދަލުވުން ރަސްމީކޮށް ރޭ ލޯންޗް ކޮށްފި އެވެ.
ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން ދާއިރާގެ އެންމެ ގިނަ މީހުން ބައިވެރިވާ އެއް ޖަމިއްޔާގެ ބައްދަލުވުން ލޯންޗް ކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމެވެ. އަދި މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) ގެ މެންބަރު ގިނަ ކުންފުނިތަކާއި މަޝްހޫރު ވިޔަފާރިވެރިން ބައިވެރި ވަޑައިގަތެވެ.
އިފޮޕްކާގެ 45 ވަނަ ބައްދަލުވުން ލޯންޗް ކޮށްދެއްވުމަށްފަހު މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވީ މި ކޮންވެންޝަންގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. ހާއްސަކޮށް ރާއްޖެއިން އިންވެސްޓަރުން ހޯދުމަށް ކުރާ މަސައްކަތްތަކުގައި މި ކޮންވެންޝަން މުހިންމު ދައުރެއް އަދާކުރާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އާއްމު ގޮތެއްގައި އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ކޮންޓްރެކްޓަރުންނަކީ މިލިއަނަރުން ނޫނީ ބިލިއަނަރުން. މި ކޮންވެންޝަންގައި ރާއްޖެއަށް ވަޑައިގަންވާ 1500 ކޮންޓްރެކްޓަރުން މީގެ ތެރޭގައި ގިނަ ވާނީ އެ ބޭފުޅުން. އެހެންވީމަ މިއީ ރާއްޖޭގެ އިގްތިސާދަށް ހުޅުވިގެންދާނެ އާ ދޮރަކަށް ނޫނީ ނުވާނެ،" ގާސިމް ވިދާޅުވި އެވެ.
އިފޮޕްކާގެ 45 ވަނަ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ 2020 ވަނަ އަހަރުގެ 29، ޖޫންގަ އެވެ. މި ބައްދަލުވުމުގައި 1500 އެއްހާ ކުންފުނިތަކުގެ ވެރިން ބައިވެރިވަޑައިގަންނަވާނެ އެވެ. އަދި މި ބައްދަލުވުން ބާއްވަން ތައްޔާރުވަމުންދަނީ މިފަދަ ބޮޑެތި ކޮންފަރެންސްތައް ބާއްވާ ޕެރަޑައިސް އައިލެންޑް ރިސޯޓުގަ އެވެ. ރޭގެ ރަސްމިއްޔާތުގައި މި ކޮންވެންޝަންއާ ދުނިޔޭގައި އިޝްތިހާރު ކުރުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕްރޮމޯޝަން ވީޑިއޯއެއް ވެސް ވަނީ ލޯންޗް ކޮށްފަ އެވެ. މި ވީޑިއޯގައި ރާއްޖޭގެ ސަގާފަތާއި ރާއްޖޭގެ ރީތިކަން އަދި ދިވެހި ޓޫރިޒަމާއި ރާއްޖޭގެ ގިނަ ވާހަކަތަކެއް ދައްކުވައިދެ އެވެ. މީގެ އިތުރުން މި ކޮންވެންޝަންއަށް ހާއްސަކޮށްފައިވާ ވެބްސައިޓް ވެސް ރޭ ވަނީ ލޯންޗް ކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި އިފޮޕްކާގެ ރައީސް އަދި މަސީގެ ރައީސްކަން ގިނަ ދައުރުތަކެއްގައި ކުރެއްވި ޖަނާހު ވިދާޅުވީ 2008 ވަނަ އަހަރު އިފޮޕްކާއާ ގުޅުނު މައިގަނޑު ސަބަބަކީ ރާއްޖޭގެ އިގްތިސާދަށް ފައިދާހުރި މަގުތަކެއް ހޯދައިދިނުމަށް ކަމަށެވެ. އަދި މި ކޮންވެންޝަން ރާއްޖޭގައި ބޭއްވުމަށް ގިނަ ފަރާތްތަކެއްގެ އެހީ ބޭނުންވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މަސީގެ މެންބަރުގެ ތެރޭގައި އެބަތިބި 300 އެއްހާ ކުންފުނި. މީގެތެރޭގައި 150 އެކްޓިވް މެންބަރުން ހިމެނޭ. އަޅުގަނޑުމެން މީގެ 11 އަހަރު ކުރިން އިފޮޮޕްކާގެ މެންބަރުކަން ހޯދި ސަބަބަކީ މި ދާއިރާގައި ދުނިޔޭގެ އެހެން ގައުމުތަކުގެ ކުންފުނިތައްވެސް ހަރަކާތްތެރިވާ ގޮތަށް ހަރަކާތްތެރިވުން. ކުރިން މި އޮންނަ ގޮތަކީ އެއްބަޔަކު ރަނގަޅު މެޓީރިއަލްއެއް ގެނައުމުން، އެ ގަންނަނީ. މީގެ ބަދަލުގައި ކޮންޓްރަކްޝަން ދާއިރާ އަށް އަންނަ ފަހުގެ ޓެކްނޮލިޖީއާއި މެޓީރިއަލްގެ މައުލޫމާތު އެނގިގެންދޭ މިފަދަ ޖަމިއްޔާތަކުގެ ސަބަބުން،" ޖަނާހު ވިދާޅުވި އެވެ.
އޭޝިއާ އާއި އިރުމަތީ އޭޝިއާގެ 20 ގައުމު ބައިވެރިވާ މި ޖަމިއްޔާގެ އަންނަން އޮތް ދެ ދައުރުގެ ރައީސަކީ ހޮޓެލް އެންޑް ރިސޯޓުގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު އެވެ. އިފޮޕްކާގެ 45 ވަނަ ރައީސްގެ ގޮތުގައި ޖަނާހުއަށް އެ މަގާމު ހަވާލުކޮށްފައިވަނީ މެލޭޝިއާގައި މިދިޔަ މަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.