ވިޔަފާރި

ރާއްޖެއަށް އެންމެ ގިނައިން އުދުހޭ އެއާލައިނަކަށް އެމިރޭޓްސް

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ އިން އުދުހުނު އެއާލައިނަކަށް އެމިރޭޓްސް އެއާލައިންސް ވެއްޖެ އެވެ.

އެމްއޭސީއެލް އިން ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އެމިރޭޓްސް އިން 3,236 ފްލައިޓް ރާއްޖެ އަށް ބާއްވާފައިވެ އެވެ. އަދި މި ފްލައިޓް ތަކުން 352,786 މީހުން ރާއްޖެއަށް އައިސްފައިވެ އެވެ.

އަދި 365,788 މީހުން ރާއްޖެ އިން ބޭރަށް ދިޔައިރު، މި އެއާލައިނުން އައި 35,590 މީހަކު ރާއްޖޭގައި ޓްރާންސިޓް ކޮށްފައި ވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެމިރޭޓްސް އިން 10,487,697 ޓަނުގެ ކާގޯ ރާއްޖެ އެތެރެ ކޮށްފައިވެ އެވެ. އަދި އެއާލައިނުން 2,569,345 ކިލޯގެ ކާގޯ ބޭރު ކުރި އެވެ.

އެމިރޭޓްސްގެ އިތުރުން ދެވަނަ އަށް އެންމެ ގިނައިން ރާއްޖެ އަށް ފްލައިޓް ބާއްވަނީ ސްރީލަންކަން އެއާލައިންސް އިންނެވެ. އެ އެއާލައިނުން މިދިޔަ އަހަރު 2,288 ފްލައިޓް ރާއްޖެއަށް އަޅާފައިވެ އެވެ. އަދި މި ފްލައިޓްތަކުން 281,810 މީހުން ރާއްޖެ ގެނެސްދީފައިވާއިރު، 239,526 މީހަކު ރާއްޖެއިން ބޭރަށް ގެންގޮސް ދިނެވެ.

އަދި އެއާލައިނުން މިދިޔަ އަހަރު ރާއްޖޭގައި ކުރީ އެންމެ ޓްރާންސިޓެކެވެ. އަދި ސްރީލަންކަންއިން މިދިޔަ އަހަރު 11,964,781 ޓަނުގެ ކާގޯ ވަނީ ރާއްޖެ ގެނެސް 1,759,349 ޓަނުގެ ކާގޯ ބޭރުވެސް ކޮށްދިނެ ވެ.

ތިންވަނަ އަށް އެންމެ ގިނަ ފްލައިޓް ރާއްޖެއަށް އަޅާ އެއާލައިނަކީ ގަތަރު އެއާވޭސް އެވެ. އަދި މީގެ އިތުރުން ހިމެނެނީ ޗައިނާ އީސްޓަން އާއި ސިންގަޕޯ އެއާލައިނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް ޖުމްލަ 159,242 ފްލައިޓް ވަނީ ބާއްވާފައިވެ އެވެ. މީގެ ތެރެއިން 23,820 ފްލައިޓް މޫވްމެންޓަކީ އިންޓަނޭޝަނަލް ފްލައިޓް އެވެ. އަދި 22,280 އަކީ ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރު ތަކެވެ.