(11 ޑިސެމްބަރ 2018 އާ ގުޅޭ) -- "ލުގަލް... ލުގަލް... ތި އައީތަ..." ހިތްއަވަސްވެފައި ހުރެ އީޝަލް ބާރަށް ގޮވާލިއެވެ. އެއާއެކު ދެން ފެނުނީ އޭނާގެ ކުރިމަތީ އޮތް ޖަނަވާރެވެ.
ލުގަލްބަންދާގެ މޫނުގައި ދެއަތުން އީޝަލް ހިފާލިއެވެ. ލުގަލްބަންދާގެ ކުރިމަތީ އީޝަލް ފެންނަނީ ކުޑަކުޑަ ކުއްޖެއްހެންނެވެ. އޭނާއަށް ވުރެ އެ ސޮރު ބިޔަވެފައި ފެންނަނީ ވަރުގަދަކޮށެވެ. އެ ސޮރުގެ އެއް އަތް ހިއްލާލައި މޫނުގައިވި އީޝަލްގެ އަތްތިލަ މަތީ ޖައްސާލިއެވެ. އަދި މަޑުމަޑުން ބޯޖަހާ އުސޫލުން ބޯ ހަރަކާތްކޮށްލިއެވެ.
"ތި އައީ ކުޑަ ދުވަސްކޮޅަކަށްތަ؟ އެކަމަކު ދެން ދާކަށް އަހަރެން ހުއްދައެއްނުދޭނަން، ލުގަލްއަށް އެނގޭތަ؟ އަހަރެން ލުގަލް މަތިން ވަރަށް ހަނދާންވޭ، އެހެން ބައެއްގެ ގާތުގައި އުޅެންޖެހޭ ސަބަބެއް އަހަރެންނަކަށް ނުވިސްނޭ، ލުގަލް... ދެން ނުދާނަން ދޯ" އީޝަލް ތަކުރާރުކޮށް ލުގަލްބަންދާގެ މޫނުގައި ފިރުމިއެވެ. އެ ސޮރު ވެސް އީޝަލްގެ ވާހަކައަށް ބޯޖަހަމުންދިޔައީ އޭނާ ކިޔާ ހުރިހާ އެއްޗެއް ދޭހަވާ ފަދައިންނެވެ.
"އެކަކު ވެސް ނުބުނޭ ލުގަލް އަންނަ ވާހަކައެއް، އަނެއްކާ ފިލައިގެންތަ ތިއައީ؟ އެކަމަކު އާރަމްބޭބެ ހިޔެއްނުވޭ އެކަހަލަ ފުރުޞަތެއް ދޭނޭހެން... އެހެންވިޔަސް ހެޔޮ... ލުގަލް އައީމަ ވަރަށް އުފާވެއްޖެ" އީޝަލް ބުންޏެވެ. އަދި ލުގަލްބަންދާގެ ކަރުގައި ދެއަތް ވަށާލައި ބައްދާލިއެވެ. ހަމަ އެހިނދު އެ ސޮރު ދުރަށް ޖެހިލިއެވެ. އީޝަލްއަށް ލިބުނީ ހައިރާންކަމެވެ. ވީގޮތެއް ނެގިފައި އީޝަލް ބަލަން ހުރުމުން ލުގަލްބަންދާ ބޯދެފަރާތަށް ހޫރުވާލިއެވެ.
"އެހާ ގިނަ ދުވަސްކޮށްފައި ފެނުމުން ބައްދާލައިގެން ވެސް ނުވަނީތަ؟" ސުވާލުގެ ނަޒަރަކުން ބަލަން ހުރެ އީޝަލް އެއްސެވެ. ދެން ވެސް ލުގަލްބަންދާ ދެ ފަރާތަށް ބޯހޫރުވާލައި މަނާވެގަތީއެވެ. އީޝަލް ދެ އަތް އުރާލައި އެއްފަރާތަކަށް އެނބުރިލައިގެން ހުރެ ތުންކޮޅު އޫކޮށްލިއެވެ. އެއާއެކު ޖަނަވާރެއްގެ ކަރުބުޑުން ލައްވާލާފައި ފަދަ އަޑެއް އިވިގެންދިޔައެވެ. ކުރިއަށްވުރެ އީޝަލް ތުން ދަމާލިއެވެ. ލުގަލް އައިސް އީޝަލްގެ ހެދުމުގެ ފަސްބަޔަށްވުރެ މަތިން ދަތްއަޅައި ދަމާލިއެވެ. އަދި އީޝަލްގެ ކުރިމަތީ އެ ސޮރު ބަނޑުޖެހިއެވެ.
"ހޫން! ހޫން! ދެން ހެވޭ... ދެން ތެދުވޭ... ބައްޕަމެންނަށް ސައި ވެސް ގެންދަން ޖެހޭ، އަހަރެން މިދަނީ ބަދިގެއަށް، އަންނާނަންތަ؟" ގުދުވެފައި ލުގަލްބަންދާގެ ބޮލުގައި މަޑުމަޑުން ޖަހާލައި ފިރުމާލަމުން އީޝަލް ބުންޏެވެ. އެ ސޮރު ތެދުވެ އީޝަލްގެ ފަހަތުން އައެވެ. ބަދިގެ ފެންނަ ހިސާބުގައި އީޝަލްގެ މަސައްކަތް ނިމެންދެން މަޑުކޮށްލައިގެން އޮތެވެ.
"ބައްޕާ... އާރަމްބޭބެ... ކޮންއިރަކު އައީ؟" ސަލާމް ގޮވާލަމުން ފެންޑާއަށް ނުކުތް އީޝަލްއަށް ލިބުނު ހައިރާންކަމާއެކު ވަގުތުން ވާހަކަދައްކަން ފެށުނެވެ. އަތުގައި ހުރި ތަބަކުގައި ހުރީ ދެ ތަށި ސައިކަމަށްވީތީ ޒިޔަޒެލްއަށްވުރެ ކުރިން މީކާޢިލް އޭނާގެ ސައިތަށި އާރަމްއަށް ދިއްކޮށްލިއެވެ. ޚަބަރުދަބަރު އޮޅުންފިލުވަން ކެތްމަދުވެފައި ހުއްޓެއްކަމަކު އީޝަލް އަވަސްވެލީ ބައްޕައަށް ސައިތަށްޓެއް ގެނެސްދިނުމަށެވެ.
"ކޮބާ ކޮއްކޮގެ އެކުވެރިޔާއާ ދިމާވެއްޖެތަ؟" އީޝަލް ހަމަޖެހިލުމުން އާރަމް އަހާލިއެވެ.
"ލައްބަ... އެކަމަކު ލުގަލް ދެން ހުންނާނީ އަޅުގަނޑުމެން ގާތުގައި، ބައްޕާ... އާދޭސްކުރަން، އާރަމްބޭބެއާއެކު ލުގަލް ދެން ފޮނުވާ ނުލައްޗޭ، ލުގަލް ތަފާތުވިޔަސް މައްސަލައެއްނޫނެއްނު، މިތާ އުޅެނީ ތަފާތު ނަސްލުތަކުގެ ޖިންނީން، މީ ލުގަލްގެ ވެސް ގެ، ޒިޔަޒެލް... ބައްޕަ ގާތު ނިކަން ބުނެދީބަލަ" ހަޤީޤަތް ނޭނގި ހުރި އީޝަލް އާދޭސްކޮށްލިއެވެ. އެއާއެކު އާރަމްއާއި ޒިޔަޒެލް ހީނގަތެވެ.
"އީޝަލްގެ ބައްޕަގެ އެދުމަށޭ ލުގަލް ގެނެސްދިނީ" އާރަމް ބުނެލިއެވެ.
"ހަމަތެދެއްތަ؟" އީޝަލްއަށް ޤަބޫލުނުކުރެވިގެން މީކާޢިލްއަށް ބަލާލެވުނެވެ. އަދި އަޖައިބުވެފައި އިން މީހަކު ފަދައިން ހުޅުވުނު އަނގަ އެއްއަތުން ނިވާކޮށްލިއެވެ.
"އީޝަލް ކޮންމެ ތާކަށް ދިޔަޔަސް ދެން ދާނީ ލުގަލް ގޮވައިގެން" މީކާޢިލް ބުންޏެވެ. އީޝަލްގެ ތުންފަތަށްވެރިވި ހިނިތުންވުމާއެކު އެ ފެހި ދެ ލޯ ދިއްލުނު ކަހަލައެވެ. ނިކަން އަވަހަށް ބޯޖަހާލިއެވެ. އަދި ލިބުނު އުފާވެރި ޚަބަރު ހިފައިގެން މިޒަރެންގެ ގާތަށް ދިއުމަށް އީޝަލް ތެދުވިއެވެ. ލުގަލްބަންދާއާއި މިޒަރެން ބައްދަލުވެއްޖެތޯ އެހުމުގެ ޝައުގުވެރިކަން އެވަގުތު އޭނާގެ ވިއެވެ.
"އަހަރެން ހައިރާންވި ކަލޭ އޭނާއަށް ލުގަލްބަންދާގެ ނަމުން ނަންދިނީމަ" އާރަމް އިނދެފައި ބުންޏެވެ. އެއާއެކު ޒިޔަޒެލް ލުއި ހީނލުމަކާއެކު ވާހަކަދެއްކިއެވެ.
"ސުމޭރިއަން ތާރީޚުގެ ތެރެއިން އައިސްފައިވާ ނަމެއް އެއީ، އަހަރެމެންނާއި އިންސާނުންގެ ދެމެދުގައި ހިނގައި ދިޔަ ކަންތައްތަކުގެ ވާހަކަތައް ވެސް އެ ތާރީޚުގެ ތެރޭގައި ލިޔެފައި ހުއްޓާ އަހަރެން ދުށީން، ބައެއްކަންކަން ހަޤީޤަތާ އެއްގޮތް، އަނެއްބައި ވާހަކަތަކަކީ ފުލޯކުވާހަކަތަކެއް، އިންސާނުންގެ ތެރެއަށް ދެވޭ ފަހަރަކު އެ މީހުންގެ ފަތްފުތްތައް ވެސް އަހަރެން ދިރާސާކުރިން، އޭނާ ފެނުމުން އަހަރެންގެ ސިކުނޑިއަށް އައީ އެ ތާރީޚީކަންކަން... ބާބިލުގެ ތާރީޚް... މެސެޕޮޓޭމިއާގެ ތާރީޚީ ހާދިސާތައް... އެއީ މިހާރުގެ ޢިރާޤާއި ބަގްދާދު ސަރަޙައްދު... ނަމާއި ޝަޙުސިއްޔަތާއި ގުޅުމެއްވާންޖެހޭނެ، ނޫންތަ އާރަމް!... ލުގަލްބަންދާއަކީ ތާރީޚުގައި ބުނާފަދައިން އާދައިގެ މީހެއްނޫން، އަހަރެން އަދިވެސް ޤަބޫލުކުރަނީ އެ ނަމާ އޭނާއާ ވަރަށް ގުޅެޔޭ.... ތަނެއްދޮރެއް ނޭނގޭ މީހުން ނަމާ މެދު ސުވާލު އުފައްދާނޭކަން އެނގޭ... ފަހަރެއްގައި ވެސް އަހަރެންނަށް ލިބިފައިހުރި ޢިލްމާމެދު ބޮޑާވަނީކީނޫން، ލިބިފައިވާ ބުއްދީގެ ބޭނުން އެ ބަޔަކު ބޭނުން ގޮތަކަށް ހިފުމުގެ ފުރިހަމަ އިޚްތިޔާރު އިންސީންނެކޭ އެއްގޮތަށް އަހަރެމެންނަށް ވެސް ލިބިގެންވޭ، އެކަމަކު އަދިވެސް ގިނައީ ޖާހިލުންގެ ވިސްނުން ގެންގުޅޭ މީހުން، ބުއްދިއަށްވުރެ އެބައިމީހުންގެ ދޫތައް ކުރިން ހަރަކާތްކުރަންފަށާ، އާކަންކަމަށް މަރުޚަބާ ކިޔަން އެބައިމީހުން ބިރުގަނޭ، އެބައިމީހުންގެ ވިސްނުންވަނީ ބަންދު ފޮށްޓެއްގެ ތެރޭގައި" ޒިޔަޒެލް ބުންޏެވެ.
"ﷲ ކަލޭގެ ޢިލްމު އިތުރުކުރައްވާށި ޒިޔަޒެލް... ކަލޭގެ ވާހަކައާ އަހަރެން ދެކޮޅެއްނުވަން، އާކަންކަން ޤަބޫލުކުރަން ގިނަ ދުވަސްނަގާނެ، މީކާޢިލް... ކަލޭ ފެނުމުން އަހަރެންގެ ހިތް ބުނާ އެއްޗެއް ބުނަންތަ؟... ޒިޔަޒެލް ނެތް ދުވަހަކުން ދެވަނަ ޒިޔަޒެލްއަށް ކަލޭ ވާނޭ، އެނގޭތަ!... އަހަންނަށް ވެސް ދަޢުވަތު އަތުވެއްޖެ ގަނޑުވަރު ތެރޭގައި ކުރެވެން އުޅޭ ކައިވެނީގެ" ހިނިތުންވެލައިގެން އިން އާރަމް ބުނެލިއެވެ.
"އެއީ ކާކުކަން އެނގޭތަ؟ މިބުނީ ބަލްޤިސްގެ ކައިވެނި ހަމަޖެހިފައި އޮތީ، ޒިޔަޒެލް އަހަރެން ގާތު އެއްގޮތަކަށް ވެސް ނުބުނި އެއީ ކާކުކަމެއް، ކޮއްކޮ ވެސް އޭނާގެ ނަމެއް ނުބުނި، އެ ދުވަހުން ދިމާވާނޭކަމަށް ބުނީ" މީކާޢިލް ބުންޏެވެ. އެއާއެކު ޒިޔަޒެލް ހިނިގަނޑެއް ޖަހާލިއެވެ.
"ތިހެން ކެތްތެރިކަން ކުޑަވެގެން ކަލޭ އުޅޭގޮތް ފެންނާނީ މަދުފަހަރަކު" ޒިޔަޒެލް ސަމާސާކޮށްލިއެވެ.
"އައިޒަންގެ ޒަމާންވީ އެކުވެރިންގެ ތެރެއިން ބިންޏާމީން ޢާއިލާގެ ހަގު ފިރިހެން ކުއްޖާ، ކަލެއަށް އޭނާ އެނގޭނެ" އާރަމް ބުންޏެވެ.
"ބިންޔާމީން... އެ މީހުންގެ... ޖޫދާތަ؟" މީކާޢިލް ވިސްނަން އިނދެފައި ކުއްލިއަކަށް ބުނެލިއެވެ.
"ރަނގަޅަށް ތި ހީވީ" އާރަމް ބުނެލިއެވެ.
މީކާޢިލްގެ ތުންފަތަށް މާނަފުން ހިނިތުންވުމެއް ވެރިވިއެވެ. އާރަމް ބުނި ފަދައިން އެއީ ކާކުކަން މީކާޢިލްއަށް އެނގުނީއެވެ. އެހެންނަމަވެސް އޭނާ ނިކަން އަވަހަށް އެ ހިނިތުން ފޮރުވާލައިފިއެވެ. އޭނާގެ ކޮއްކޮއަށް ޓަކައި ބައްޕަގެ ހޮވުން މީކާޢިލްއަށް ކަމުދިޔައެވެ.
* * * * *
އިޝާ ނަމާދުގެ ފަސްވެފައި ވަނިކޮށް ގަހުގެ މަތީ އޮފިގަނޑެއްގައި ލުގަލްބަންދާއާއެކު އީޝަލް އިނެވެ. ފަޒާގައި ދައުރުވަމުންދާ ވައި އިރުއޮއްސޭ ވަގުތައް ބަދަލުވުމަކީ އާދައެކެވެ. މޫދުން އަރައިގެން އަންނަ ލޮނުގެ ވަސް ރަށުތެރެއަށް ފެތުރެއެވެ. އެހެންޏާ ނުފެންނަ ގިނަ ޖިންނީން އިރުއޮއްސުމަށްފަހު ރަށުތެރޭގައި ހޭލަމޭލަވެ އުޅޭތަން ފެނެއެވެ. ބައިބައި ހަދައި ސައްލާ ކުރުމުގައި ޖިންނީންތައް ނުކުމެ ގަސްގަހުގެ ބުޑުގައާއި އެހެން ތަންތަންކޮޅުގައި ތިބެއެވެ. އިރުއޮއްސުމަށް މުޅި ރަށް ވެސް ހަލަބޮލިވެގެންދެއެވެ.
"ލުގަލް... ރަށުތެރޭގެ ކަންކަން ބަލާލައި ހިނގާލަން ދާހިތެއްނުވޭތަ" އުޑާ ދިމާއަށް ބަލަހައްޓައިގެން އިން އީޝަލް މަޑުމަޑުން ބުނެލިއެވެ. ވާހަކަދެއްކުމުގެ ކުޅަދާނަކަން ލިބިފައިނުވާ ލުގަލްބަންދާ އަޑެއް ލައްވާލިއެވެ.
"ބައްޕަ ޤަބޫލެއްނުވާނެ، އެކަމަކު ލުގަލް އަހަރެންނާއެކު ހުރިއްޔާ އަހަރެން ވެސް ޖެހިލުމެއްނުވާނެ، އަހަރެންގެ ސިއްރުތައް ލުގަލް ރައްކާތެރިކޮށްދޭނެކަން އެނގޭ" އީޝަލް ބުނެލިއެވެ. ގޮފިގަނޑުގައި ބަނޑުޖަހައިގެން އޮތް ލުގަލްބަންދާ އޭނާގެ ހުރަސްކޮށްލެވިފައި އޮތް ދެއަތްމަތިން ބޯ ހިއްލާލައި އީޝަލްއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އޭނާގެ ކޮންމެ ހަރަކާތެއް އީޝަލް ދެނެގަނެއެވެ. މިފަހަރު ވެސް އެވީ ގޮތް އީޝަލްއަށް އެނގުނެވެ.
"ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެއްނު، އަހަރެންގެ ރައްކާތެރިކަން... އަހަރެން ލުގަލްގެ ކަންކަން ސިއްރުކުރާނަން، އެހެންވީމަ އަހަރެންގެ ކަންކަން ލުގަލް ސިއްރު ކޮށްދޭނަމެންނު، އަހަރެން ކުރާ ހުރިހާކަމެއް ބައްޕައަށް ނޭނގުނަސް ރަނގަޅުވާނެ، ބައްޕަ ބުނެފައެއްނު އޮތީ އަހަރެން ދާ ކޮންމެތާކަށް ލުގަލް ގެންދަންވާނެއޭ، އެހެންވީމަ އެ އަމުރާ އަހަރެން ހިލާފުވީ ކަމަކަށް ވެސް ނުވާނެ އަހަންނާއެކު ލުގަލް ހުރިއްޔާ" އީޝަލް ދުރުދުރުން ވިޔަސް އެ ދައްކަނީ އޭނާއަށް ހުއްދަނެތް ކަމެއް ކުރުމުގެ ވާހަކަކަން ލުގަލްބަންދާއަށް އެނގުނެވެ. އެއާއެކު އެ ސޮރުގެ ބޮލުން އީޝަލްގެ ގޮނޑުގައި ޖެހިލިއެވެ. އަދި އީޝަލްއަށް ބަލާލަމުން ދެ ފަރާތަށް ބޯހޫރުވާލީ އީޝަލް ކުރަން އުޅޭ ކަމެއް މަނާ ކުރުމުގެ ގޮތުންނެވެ.
"ލުގަލް އަހަންނާއެކު ދާން ބޭނުންނުވަންޏާ ނުދިޔަޔަސް އޯކޭ، އަހަރެން އެކަނި ހިނގައިދާނަން، މިރޭ ރަށުތެރޭ ވަކިން ފޯރި ގަދަވާނެ، މިލަ ހަނދުވަރުގެ ތެރޭ މީހުންގެ ލޮލުގައި މާބޮޑަށް އަޅައިނުގަނެ އުޅެވޭނެ، މިތާ އުޅެ މިވަރުވީއިރު ވެސް އެންމެ ރެއަކު ވެސް މޫދު ފެންނަ ހިސާބަށް ދެވުނީކީނޫން، ރަށްމަތިންލާފައި ރޭގަނޑު ދަތުރު ކުރުމުގެ ހުއްދައެއް ވެސް ނެތް، އެކަމަކު މިރޭ އަހަރެން ނުކުންނާނަން، މިރޭ އެ ހިސާބު ބަލާލަން ދާނަން.... މިރެއަށްވުރެ ރަނގަޅު ރެއެއް ދެން ނާންނާނެ، ބައްޕަ ވެސް އެ ދިޔައީ ހިންދުކަރައަށް، އެނބުރި އަންނާނީ މާދަމާ" ހެވިފައި އިނދެ އީޝަލް ބުނެލިއެވެ. ލުގަލްބަންދާ ފުންނޭވާއެއް ދޫކޮށްލައި ދެ ފަރާތަށް ބޯ ހަލުވާލި ގޮތުން ހީވީ އީޝަލްއާ ޖަދަލުކުރަން ބޭނުންނުވެ ދޫކޮށްލީ ހެންނެވެ. އެ ގޮފިގަނޑު މަތީ އީޝަލް ވާހަކައިގައި އިންދާ ގެއަށް ޒިޔަޒެލް ވަންކަމުގެ ހިލަން ވުމާއެކު އަވަސް އަވަހަށް އެ ގޮފިގަނޑުގެ މަތިން ފައިބައިގެން އަތުވެއްޖެއެވެ.
ރޭގަނޑުގެ ކެއުމަށްފަހު ޒިޔަޒެލްއާއެކު އޭނާގެ ކުތުބު ޚާނާގައި އީޝަލް އުޅުނެވެ. ޔަގީންކޮށްލުމަށް މީކާޢިލް އެނބުރި އަންނާނީ ކޮންއިރަކުންތޯ އީޝަލް ސުވާލުކުރިއެވެ. މީކާޢިލްއާއި މިޒަރެން އެ ދިޔައީ އާރަމްގެ އަތުން އެއްޗެއް ހިފައިގެން އަންނަން ކަމުގައި ޒިޔަޒެލް ބުންޏެވެ. އަދި އާރަމްގެ ގޭގައި މަޑުކުރުމަށްފަހު ހެނދުނުން އެނބުރި އަންނާނޭކަން އޭނާ ބުންޏެވެ. ޒިޔަޒެލް ފޮތްހަރުގަނޑުން ނެގި ފޮތެއް އީޝަލްއަށް ދައްކާލިއެވެ. އަދި ނިދެންދެން އެ ފޮތުގައި ހުރި އެއްޗެއް ކިޔާ ދަސްކުރުމަށް އޭނާ ބުންޏެވެ. ވަރަށް އަވަހަށް އާ ފިލާވަޅުތަކެއް ދަސްކުރަން ޖެހޭނެކަމުގައި ޒިޔަޒެލް ބުންޏެވެ.
"އަޅުގަނޑު ބޭނުންވަނީ ބައްޕަ ހަދާހެން ފޮރުވިފައި ހުރެފައި ކުއްލިއަކަށް ފެންނަން، ބުޅަލަކަށް ބަދަލުވާނީ ކިހިނެއް؟ ކުރިން ދުވަހަކު ތާލްމެންގެއަށް ދިއުމުން އެ ގޭ ކުއްޖަކު ނަންނުގައްޗަށް ބަދަލުވިތަން ވެސް ދުށިން" އީޝަލްގެ ސުވާލުތައް ގިނަވިއެވެ.
ޒިޔަޒެލްއާއެކު ވާހަކައިގައި އިނދެފައި އީޝަލް ނިދަންދާންވީ ކަމުގައި ޒިޔަޒެލް އެންގިއެވެ. އެއާއެކު ނިކަން ފަސޭހައިން އީޝަލް ކޮޓަރިއަށް ދާން ހިނގައިގަތެވެ. އެވަގުތު އޭނާގެ ފަހަތުން ދިޔަ ލުގަލްބަންދާއަށް ޒިޔަޒެލް ގޮވާލިއެވެ. އީޝަލް ހުއްޓުމުން އޭނާ ގާތު މަޑުނުކޮށް ކޮޓަރިއަށް ދިއުމަށް ޒިޔަޒެލް އެދުނެވެ.
"ލުގަލް، ކަލޭގެ ވަޒީފާއަކީ އީޝަލް ރައްކާތެރިކުރުން، އެކަން ހަނދާންނައްތާނުލާތި، އޭނާއަކީ ކަލެއާ ފުރަތަމަ ދިމާވިއިރުގެ ބާރައަހަރުގެ ކުޑަކުއްޖާއެއްނޫން، އޭނާގެ ކޮޓަރީގެ އޮޅި ކަލޭ ގިރާކޮށްގެން ނުވާނެ، މީ އަހަރެން ދޭ އިންޒާރެއް... ކަލެއަށް ވެސް ބަދަލުތަކެއް އައިސްފައި ހުރިކަން އަހަންނަށް ފާހަގަވޭ، އެހެންވީމަ މިދައްކާ ވާހަކަތައް ކަލެއަށް ވިސްނޭނެކަން އެނގޭ، ކަލޭގެ ފަރާތުން އީޝަލްއަށް ކަމެއް ދިމާވެއްޖެނަމަ މީކާޢިލް ކަލޭގެ ފުރާނަ ދުއްވާލާނޭކަން އެނގެއެއްނު، އަހަރެން މިދެއްކި ވާހަކަތައް ހަނދާންނައްތާނުލާތި" ޒިޔަޒެލް ބުންޏެވެ. އެއާއެކު ލުގަލް ދެއަތް ތިރިކޮށް ބޯ ގުދުކުރަމުން ޒިޔަޒެލްގެ ވާހަކަތަކަށް އެއްބަސްވާކަމުގެ ރަމްޒެއްގެ ގޮތުން ބޯޖަހަމުންދިޔައެވެ.
ރޭވެ ދަންވީ ފަހުން އީޝަލް ސިއްރުން ކޮޓަރިން ނުކުތެވެ. އޭނާ ސިއްސައިގެން ދިޔައީ ކޮޓަރީގެ ބޭރު އޮޅި ކައިރީ ބަނޑު ޖަހައިގެން އޮތް ލުގަލްބަންދާ ފެނުމުންނެވެ. އެ ސޮރު ބޯހިއްލާލުމާއެކު އީޝަލް ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލައި އަޑުމަޑު ކުރުމަށް އިޝަރާތްކުރިއެވެ.
"ޒިޔަޒެލް ނިދާ ހަރުވެއްޖެތަ" ވައި އަޑުން އީޝަލް އަހާލިއެވެ. އެއާއެކު ލުގަލްބަންދާ އިރުކޮޅަކު ހަރަކާތެއްކޮށްނުލާ އިނދެފައި ކުއްލިއަކަށް އީޝަލްއަށް ބަލާލާއި ބޯޖަހާލިއެވެ.
އީޝަލް ސިއްރު ފިޔަވަޅުތަކެއް އަޅަމުން ބޭރަށް ނުކުންނަން ދިޔައެވެ. އެވަގުތު ލުގަލް އޭނަގެ ހެދުމުގައި ދަތްއަޅައި ހުއްޓުވަން މަސައްކަތް ކުރިއެވެ. އީޝަލް ދެ ލޯ ބޮޑުކޮށްލައި ތުންއަނބުރާލަމުން އަތްމަޅާލިއެވެ. ދެ ލޯ މަރާލި ލުގަލްބަންދާ އޭގެ އަނގައިގައި އޮތް އީޝަލްގެ ހެދުމުގެ ބައި ދޫކޮށްލިއެވެ. ގޮތްހުސްވެފައިވާހެން އީޝަލްގެ ފަހަތުން އެ ސޮރު އައެވެ.
"ބަލާބަލަ ލުގަލް، މީ މާމަ ދިން ހަދިޔާއެއް، މި ހުރިހާ ބޮއްޔަކީ ވެސް މޫދުން ލިބޭ ބޮލި، މޫދުގެ ވަސް ކަލެއަށް ވެސް އެބަދުވާ ދޯ" އަތިރި މައްޗަށް ނުކުންނަން އައި އީޝަލް އޭނާގެ ވައަތްފަރާތުން އެއްވަރަށް އަންނަ ލުގަލްބަންދާއާ ވާހަކަދެއްކިއެވެ. އީޝަލްގެ ވާހަކަތަކަށް ޖަވާބު ދޭ އުސޫލުން ކޮންމެ ފަހަރަކު އޭތި އަޑެއް ލައްވާލައެވެ.
"ސުބްޙާނައްﷲ... ބަލާބަލަ ލުގަލް، ބަލާބަލަ... މިހާ ރީތި ތަނެއް ދުށީންތަ؟" ރާޅުފަށް ފެންނަ ހިސާބަށް އާދެވުނު އީޝަލްއަށް ހުއްޓުން އެރިއެވެ. އާދެވިފައި ހުރީ ރަށުގެ ހުޅަނގު ފަރާތު އަތިރި މައްޗަށެވެ. ރާޅުފަށުގައި އެކީ އެކައްޗަކަށް އޮތީ ރެދަން ލާފައެވެ. ނޫކުލައިގެ އަލިކޮޅުތައް ރާޅާއެކު ނިވިދިއްލެމުންދިޔައެވެ. މިލަ ހަނދުވަރުގައި އަތިރިމަތި ނޫކުލައިގެ އައްޔަކުން ދިއްލިފައިވެއެވެ. (ނުނިމޭ)