ހަބަރު

ބޮޑު ޖަނަރޭޓަރުގެ މައްސަލަ ހައްލު ކުރާތީ ކަރަންޓް ކެނޑޭނެ: ސްޓެލްކޯ

ސްޓެލްކޯގެ ބޮޑު ޖަނަރޭޓަރަށް ދިމާވި މައްސަލައެއް ހައްލު ކުރަމުންދާތީވެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ، އެކުންފުނީގައި ކަރަންޓްގެ ހިދުމަތް ދިނުމަށް ބޭނުންކުރަމުންދާ ބޮޑު ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން އެމައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެމަސައްކަތް ކުރަމުންދާ ވަގުތުތަކުގައި މާލޭގެ ބައެއް ސަރަހައްދުތަކުން އެއް ގަޑި އިރަށް ކަރަންޓްގެ ހިދުމަތް ކެނޑުން އެކަށީގެންވާ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

ރައްޔިތުން ކަރަންޓް ބޭނުން ކުރުމުގައި އިގްތިސޯދުކޮށް ބޭނުން ކުރުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ސްޓެލްކޯ އިން ވަނީ މާފަށްވެސް އެދިފަ އެވެ.

މައްސަލަ ދިމާވެ މިއަދު ހެނދުނުވެސް ވަނީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފަ އެވެ.