ހަބަރު

ކުރީގެ މެންބަރު ނާޒިމްގެ ޖަލު ހުކުމް ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މަކަރާއި ހީލަތުގެ މައްސަލައިގައި އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. ބާތިލްކުރި އެ ހުކުމް އޭނާގެ މައްޗަށް އިއްވީ ވެސް ސުޕްރީމް ކޯޓުންނެވެ.

ސުޕްރީމް ކޯޓުން ނާޒިމްގެ ހުކުމް ބާތިލްކޮށްފައިވަނީ ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ސްޕްރީމް ކޯޓުން އިއްވި ހުކުމް ރިވިއު ކުރުމަށް ނާޒިމްގެ ފަރާތުން އެ ކޯޓަށް ހުށަހެޅުމުންނެވެ. އެ ހުށަހެޅުން ނާޒިމް ހުށަހެޅުއްވީ އޭނާއާ ގާތް ގުޅުމެއް އޮތް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމުންނެވެ.

ސުޕްރީމް ކޯޓުން ނާޒިމްގެ މައްޗަށް އިއްވި ހުކުމާ ގުޅިގެން އޭރު ނާޒިމް ފުރުއްވަމުން ގެންދެވި ދިއްގަރު ދާއިރާގެ މެމްބަރުކަމުގެ ގޮނޑިވެސް ހުސްވި އެވެ. ނާޒިމް ވަނީ ހުކުމާ ގުޅިގެން ޖަލުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކުރައްވާފަ އެވެ. އޭގެ ފަހުން ބޭހަށް ވަޑައިގެން އެބުރި ރާއްޖެ ވަޑައިގެންނެވީ ރައީސް ޔާމީންގެ ވެރިކަން ބަދަލު ވުމުންނެވެ.

ނާޒިމްގެ މައްސަލައިގައި ސްޕްރީމް ކޯޓުގައި ބޮޑަށް ނަގާފައިވާ ނުކުތާއަކީ އެ މައްސަލަ އިސްތިއުނާފަށް ދައުލަތުން ހުށަހެޅީ އިސްތިއުނާފުކުރަން އޮންނަ މުއްދަތު ފާއިތުވެ އެތަކެއް ދުވަސް ވީ ފަހުން ކަމެވެ. އެ ކަމަށް ރައްދުދީ ދައުލަތުން ވަނީ ނާޒިމްގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުން ލަސްވެގެން ދިޔައީ އޭރު ޕީޖީއަކު ނެތުމުން ކަން ފާހަގަކޮށްފަ އެވެ. އެހެން ނަމަވެސް ސުޕުރީމް ކޯޓުގެ ހުކުމުގައި ވަނީ 23 ޖޫން 2014ގައި އެ މައްސަލަ އިސްތިއުނާފު ކުރުމުގެ މުއްދަތުހަމަވެފައިިވާއިރު، 22 ޖުލައި 2014 ގައި ޕީޖީއަކު އައްޔަން ކުރި ކަމަށެވެ.

ޕީޖީ އައްޔަން ކުރުމާއެކު އެންމެ ފުރަތަމަ ވެސް ކުރަންޖެހޭނީ އިސްތިއުނާފަށް ހުށަހަޅަންޖެހޭ މައްސަލަތަކުގެ ތެރެއިން މުއްދަތު ހަމަވެފައިވާ މައްސަލަތަށް ކޯޓުތަކަށް ހުށަހަޅަން ކަމަށާއި، ނާޒިމްގެ މައްސަލައިގައި އެކަށީގެންވާ ދިގު މުއްދަތެއް އިސްތިއުނާފަށް ހުށަނާޅައި ހޭދަވި ކަމަށް ދައުލަތުންވެސް އިއުތިރާފުވެފައިވާތީ އެމައްސަލަ ބެލި ސުޕުރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް އެ މައްސަލައިގައި ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް އިއްތިފާގުވެވިފައިވާ ކަމަށެވެ.

ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ އެ މައްސަލަ އިލްތިމާސަށް ހުށަހެޅުމުގަޔާއި، ސްޕްރީމް ކޯޓަށް ބަލައިގަނެ ހުއްދަ ދިނުމުގައި ގިނަ ދުވަސްތަކެއް ވެފައިވާތީ އެ ހުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް ތިން ފަނޑިޔާރުންނަށް އިއްތިފާގުވެވިފައިވާ ކަމަށާއި، އެހެން ކަމުން އެ މައްސަލާގައި އެ ކޯޓުން ކުރިން ކޮށްފައިވާ ހުކުމް ބާތިލް ކުރާ ކަމަށެވެ.

ނާޒިމްގެ ހުކުމުގެ ފާހަގަ ކުރެވުނު ނުކުތާތަށް ސްޕްރީމް ކޯޓުން އިއްވިއިރު ނާޒިމްގެ ފަރާތުން ހުކުމް ބާތިލް ކުރަން ހުށަހެޅި ފުރަތަމަ ނުކުތާއާއި، ދެވަނަ ނުކުތާގެ ފާހަގަކުރެވުނު ކަންކަން އިއްވާފައެއް ނުވެއެވެ. ހުކުމުގެ ފާހަގަ ކުރެވުނުކަންކަން ފަނޑިޔާރު އިއްވަން ފެށީ ތިން ވަނަ ނުކުތާއިން ފެށިގެންނެވެ.

އެނުކުތާގައި ނާޒިމް ވަނީ އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ ދައުލަތުގެ ވަރަށް ބާރު ހުރި މަގާމެއްގައި ތިބި ބައެއްގެ ނުފޫޒުން ކަން ފާހަގަ ކުރައްވާފަ އެވެ. ނާޒިމްގެ ހުކުމް ބާތިލް ކުރުމާއެކު، މިއީ ސުޕުރީމް ކޯޓުން އެ ކޯޓުގެ ނިހާއީ ހުކުމެއް ބަދަލުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.