ހަބަރު

ކޮމިޝަންތަކުގެ ބާރުތަކެއް އުނިކޮށް ހޮނިހިރު ދުވަހު ބިލް ފާސްކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ރިޔާސީ ކޮމިޝަންއަށް ބާރުދޭ ގޮތަށް ހުށަހެޅި، "ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް"އާ މެދު ގޮތެއް ނިންމުން އަންނަ ހޮނިހިރު ދުވަހަށް ތާވަލުކޮށްފި އެވެ.

މަރުތަކާއި ހިޔާނާތްތަކުގެ މައްސަލަތައް ތަހުގީގު ކުރާ ދެ ކޮމިޝަނަށް ބާރު ދޭ ގޮތާ މެދު ރައްޔިތުން މަޖިލީހުގެ ކައުންސިލާ ޖެނަރަލް އާއި ގިނަ މެންބަރުންް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް އެ ބިލު ދިރާސާ ކުރި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން ވަނީ ބައެއް ކަންބޮޑުުވުންތަކަަށް ހައްލު ހޯދުމަށް ފަހު ފާސްކޮށްފަ އެވެ. އެ ބިލު ކުރިން އޮތް ގޮތުން ޕީޖީ އޮފީހުގައި ވަކި އޮފީހެއް ހެދުމާއި ތަހުގީގު ތަކުގެ ޝަރީއަތް ހިންގާ ތާރީހުތައް ބަޔާންކޮށްފައި އޮންނަ މާއްދާ ވަނީ އުނިކޮށްފަ އެވެ. އެއީ އިދިކޮޅު ޕީޕީއެމް އިން ވެސް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރި އެއް މައްސަލަ އެވެ.

އެ ބިލާ މެދު ގޮތެއް ނިންމުމަށް އަންނަ ހޮނިހިރު ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. އެ ބިލުގެ އިތުރުން ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނު އިސްލާހު ކުރުމުގެ ބިލާ މެދު ވެސް ގޮތެއް ނިންމުމަށް އެ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

މަޖިލީހުގެ ތިން ވަނަ ދައުރު މިދޔަ މަހުގެ ނިޔަލަށް ނިމޭނެ އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުރިހަމަ ކުރުމަށް ސަރުކާރުން ފޮނުވި ބިލްތަކެއްގެ މަސައްކަތް ހުރުމުން، ދައުރު ވަނީ ހޮނިހިރު ދުވަހާ ހަމަޔަށް ދިގު ދަންމާލައިފަ އެވެ.