ރައްޔިތުން މަޖިލީހުގެ ފަހު ދައުރު ނިމޭ އިރު ވެސް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ތާވަލެއް ނުކުރި އެވެ.
ޕީޖީ ބިޝާމްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (އަބުޅޯ) އެވެ. އޭނާ އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފަހު އެ ދުވަހު ވަނީ އަނބުރާ ނަގައިފަ އެވެ. ނަމަވެސް މިދިޔަ މަހު ފަހުކޮޅު އަބުޅޯ ވަނީ އެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅާފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލަ ކުރިން ގެންދެވީ ވެސް އިތުބާރު ނެތް ކަމަށް ހުށަހަޅާ އިތުރު ސަބަބުތައް ހިމަނުއްވަން ބޭނުންވާތީ ކަމަށެވެ.
މަޖިލީހުގެ ތިން ވަނަ ދައުރު އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް ދިގު ދަންމާފައިވީ ނަމަވެސް އެ ދުވަހުގެ ތާވަލުގައި ވެސް ބިޝާމްގެ މައްސަލަ ހިމަނާފައެއް ނުވެ އެވެ. ފަހު ދައުރު ނިމޭއިރު އެ މައްސަލައާ މެދު ގޮތެއް ނުނިންމައި އަދި އެޖެންޑާ ވެސް ނުކޮށް އޮތީ ކޮން ސަބަބަކާ ހުރެ ކަމެއް މަޖިލީހުން ހާމައެއް ނުކުރެ އެވެ.
އެކަމާ ބެހޭ ގޮތުން "އަވަސް" އިން ސުވާލު ކުރުމުން މައްސަލަ ހުށަހެޅި މެންބަރު އަބުޅޯ ވިދާޅުވީ އެ މައްސަލަ މަޖިލީހުން ބަލައިގެންފައިވާ ކަމަށެވެ. އަދި މިހާރު އެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޮތް ކަމަށް މައުލޫމާތު ލިބޭ ކަމަށް އަބުޅޯ ވިދާޅުވި އެވެ.
"އެ މައްސަލަ ދިޔަ ހިސާބެއް އަޅުގަނޑު އިއްޔެ ބަލައިލިން، އެންމެ ފަހުން މައުލޫމާތު ލިބިފައި ވަނީ އެކަން މިނިވަން މުއައްސަސާތަކު ކޮމިޓީގައި އޮތްކަން، އިތުރު މައުލޫމާތެއް އަޅުގަނޑަކަށް ސާފެއް ނުވޭ،" އަބުޅޯ ވިދާޅުވި އެވެ.
ބިޝާމްގެ މައްސަލާގައި މަޖިލީހުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
މައްސަލަ ހުށަހެޅުއްވި މައިގަނޑު ސަބަބުތައް:
1- ނިމިދިޔަ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ޕްރޮސިކިއުޓާ ޖެނެރަލްގެ އެދިވަޑައިގަތުމަށް ހައްޔަރުކުރިއިރު، އެ މެންބަރުންގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށުގެ ވަށައިގެންވާ ކަންކަމަކީ ކޮބައިތޯއާއި، އެ މެންބަރުން ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕްރޮސިކިއުޓާ ޖެނެރަލް ކަށަވަރު ކުރައްވާފައި ނުވުމާއި، ފުލުހުންގެ އިދާރާއިން އެދޭ ކޮންމެކަމެއް ކޮށްދެއްވަމުން ގެންދަވާ އުސޫލުން އަމަލުކުރައްވާފައިވުން.
2. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ ކުށެއްގެ ތުހުމަތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އެދިވަޑައިގަތުމާނުލައި ބަންދުކޮށްފައި ބެހެއްޓިއިރު، އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރުމުގައި އަމަލުކުރަން އޮންނަ އިޖުރާއަތާ ހިލާފު ކަމެއްކަމަށްވާ އިރުވެސް، އެކަން ބައްލަވައި، އެ އިޖުރާއަތަށް އަމަލުކުރެއްވުމަށް ކަމާބެހޭ ފަރާތްތަކަށް އެ ހިނދުން އެހިނދަށް އަންގަވާފައި ނުވުމުގެ އިތުރަށް، އެ މެންބަރު ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބަހައްޓާފައިވާއިރު، އެކަން ރަނގަޅު ކުރެއްވުމަށް އެއްވެސް މަސައްކަތެއް ގާނޫނީ މަގުން ނުވަތަ ޝަރުއީމަގުން ނަމަވެސް ކުރައްވާފައި ނުވުން.
3. ޖިނާއީ ކުށްކުށުގައި ބަންދުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމުގައި އަމަލުކުރުމަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އެކަން ހުއްޓުވާފައި ނުވުމާއި، އެކަމުން މަނާވެގެންފައި ނުވުން.
4. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަނުވެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް ޝަރީއަތް ހިނގަމުންދިޔައިރު، އެކަން ހުއްޓުވާފައި ނުވުމާއި ގާނޫނާ އެއްގޮތަށް އެކަންކުރުމަށް ބާރު އަޅުއްވާފައި ނުވުން.
5. ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާއަށް އޭނާގެ ހާޒިރުގައި ޝަރީއަތްކުރެވުމުގެ ހައްގު ލިބިދީފައިވާ އިރު، އަދި އެ ހައްގު ގާނޫނަކުން ހަނިކޮށްފައިނުވާ އިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ޝަރީއަތްކޮށް ޣައިރު ހާޒިރުގައި ހުކުމް ކުރެވިގެންދިޔައިރު، އެކަން ހުއްޓުވާފައި ނުވުމާއި އެކަން ރަނގަޅު ކުރެއްވުމަށް މަސައްކަތްކުރައްވާފައި ނުވުން.
މީގެ އިތުރުން ޝަރީއަތުން ހުކުމް ކުރުމުގެ ކުރިން އެތަށް ރައްޔިތުންނެއްގެ މިނިވަންކަން ނިގުޅައިގެންފައިވާ އިރު، އެކަމުގައި ޕީޖީ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަން ވަނީ ފާހަގަކޮށްފަ އެވެ. އެކަން ދިފާއުކުރުމާއި، މަޖިލީހުގެ މެމްބަރަކު ފުލުހަށް ހާޒިރުވާން ޝަރުތުކޮށް، އެ މެމްބަރުގެ އަނބިމީހާ ފުލުހުންގެ އިދާރާގައި ރަހީނު ކުރި މައްސަލައިގައި އެއްވެސް އެއްޗެއް ޕީޖީ ވިދާޅުވެފައިނުވާކަންވެސް އެމައްސަލާގައި ވަނީ ފާހަގަކޮށްފަ އެވެ.
އެ މައްސަލައިގައި އިތުރަށް ފާހަގަކޮށްފައިވަނީ، ސިޔާސީ ސަބަބުތަކަށް ފުލުހުންގެ ބަންދަށް ގެންދިޔަ ފަރާތްތަކަށް ލިބެންޖެހޭ އިނާޔަތްތައް ނުދިނުމާއި، ބަންދުކޮށްފައިތިބޭ ތަންތަނުގެ ހާލަތާއިމެދު ހުށަހެޅުނު ޝަކުވާތަށް ބަލާފައި ނުވުމެވެ.