ހަބަރު

ޕީޕީއެމްގެ ލީޑާޝިޕް ޝައިނީއާ ދެކޮޅު!

ޕީޕީއެމްގެ ލީޑާޝިޕުން ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

"އަވަސް" ހުކުރު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ޝައިނީ ވިދާޅުވީ ޕީޕީއެމްގެ ކޮންގްރަސްއަށް ތައްޔާރުވަމުން ދިޔަ އިރު ލީޑާޝިޕުން އެކުގައި މަސައްކަތްކޮށްގެން ނިކުތުމަށް އެއްބަސްވެވުނު ކަމަށެވެ. ނަމަވެސް ސިޔާސީ އެކި ކަންކަމާ ހެދި ކޮންގްރަސް ތެރޭގައި ސީދާ އޭނާއާ ދެކޮޅަށް ބަޔަކު ނިކުމެ މަސައްކަތް ކުރަން ފެއްޓެވި ކަމަަށް ޝައިނީ ވިދާޅުވި އެވެ. އެގޮތުން ގާތްގަނޑަކަށް ޕީޕީއެމް ލީޑާޝިޕްގެ ހުރިހާ ބޭފުޅުންނާ ދެކޮޅަށް ނިކުންނަން ޖެހުނު ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

"އެ ހިސާބުން ފެށިގެން އަޅުގަނޑަށް އެނގިއްޖެ ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑަށް އުނދަގޫވާނެ ކަން މިކަން ކުރަން، އެހެން ނަމަވެސް އަޅުގަނޑަށް ފެށިފަ ހުރި ކަމެއްވީމަ ކުރިޔަށް ދިޔައީ، ގާތްގަނޑަކަށް ޕީޕީއެމްގެ ލީޑާޝިޕްގައި ތިބި ހުރިހާ އެންމެނާ ދެކޮޅަށް އަޅުގަނޑު ނިކުމެ 140 ވޯޓު ހޯދުނީމަ އަޅުގަނޑު ގަބޫލު ކުރަނީ ޕީޕީއެމްގެ ތެރޭގައި އަޅުގަނޑުގެ ސަޕޯޓު ވަރަށް ބޮޑޭ،" ޝައިނި ވިދާޅުވި އެވެ.

ޕީޕީއެމްގެ ލީޑާޝިޕުގެ ތެރެއިން ޝައިނީއާ ދެކޮޅަށް ނުނިކުމެ، ވަކި ކޮޅަކަށް ނުޖެހި ހުންނެވި ހަމައެކަނި ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ލީޑާޝިޕްގައި ދެން ތިބި އެންމެން އޭނާއާ ދެކޮޅަށް މަސައްކަތް ކުރި ކަމަށާއި ސީދާ އެންޓި ކެމްޕެއިން ކުރައްވަމުން ގެންދެވި ކަމަށް ޝައިނީ ވިދާޅުވި އެވެ.

"އެހެންވެ ހުރިހާ އެންމެން އަޅުގަނޑާ ދެކޮޅަށް ނިކުމެގެން ވެސް 140 ވޯޓު ލިބިފައި ދެން އެންމެ ކައިރިން ސައީދަށް 160 ވޯޓު ލިބުނީމަ އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ ތާއީދު ޕީޕީއެމްގެ ތެރޭގައި ވަރަށް ބޮޑުހެން،" ޝައިނީ ވިދާޅުވި އެވެ.

ޝާއިނީ ވިދާޅުވީ އޭނާ ހިދުމަތް ކުރައްވަމުން ގެންދެވީ ޕީޕީއެމްގެ ލީޑާޝިޕްއަކަށް ނޫން ކަމަށެވެ. ފިޝަރީޒް މިނިސްޓަރު ކަމުގަ އާއި ޕީޕީއެމްގެ ތެރޭގައި ވެސް މަސައްކަަތްކޮށްދެއްވީ ރައްޔިތުންނަށްޓަކައި ކަމަށާއި ދެން ވެސް ހިދުމަތް ކުރާނީ ރައްޔިތުންނަށް ކަމަށް ޝައިނީ ވިދާޅުވި އެވެ. އެގޮތުން ޕީޕީއެމް އިން ޓިކެޓު އަނބުރާ ނެގިޔަސް، އަމިއްލަ ގޮތުން ނަމަވެސް ކުރިޔަށް އޮތް މަޖިލީސް އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.