ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ގައްސާން މައުމޫނަށް އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމްއިން ޓިކެޓް މިރޭ ދީފި އެވެ.
ޕްރައިމަރީއަކާ ނުލާ އާޒިމާއަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ޓިކެޓް ދީފައިވަނީ ނ. ހޮޅުދޫ ދާއިރާއަށް ވާދަ ކުރެއްވުމަށެވެ. ގައްސާން މައުމޫންއަށް ޓިކެޓް ދިނީ ތ. ގުރައިދޫ ދާއިރާއަށް ވާދަކުރެއްވުމަށެވެ.
މީގެ އިތުރުން ސްޓެލްކޯގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރަށް ޓިކެޓް ދިނީ ގދ. ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރެއްވުމަށެވެ. އަދި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރުމަށް ޓިކެޓް ދިނީ، ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަށެވެ. ކ. ކާށިދޫ ދާއިރާއަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު، ކާނަލް ނަޝީދަށް ވެސް ވަނީ ރައީސް ޔާމީންގެ ފަރާތުން ޕީޕީއެމްގެ ޓިކެޓް އަރުވައިފަ އެވެ. އަދި ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ފިޝާވީން ސަލީމް އަށް ވެސް ވަނީ ޓިކެޓް ދީފަ އެވެ.
ޓިކެޓް ހަވާލުކުރި ބޭފުޅުން:
- ނ. ހޮޅުދޫ ދާއިރާއަށް އައިޝަތު އާޒިމާ ޝަކޫރު
- ފ. ބިލެތްދޫ ދާއިރާއަށް އަހުމަދު ޝަފީގު
- ތ ގުރައިދޫ ދާއިރާއަށް މުހައްމަދު ގައްސާން މައުމޫން
- ތ. ތިމަރަފުށީ ދާއިރާއަށް އިބްރާހިމް ސަމާހު
- ގދ. ތިނަދޫ އުތުރު ދާއިރާއަށް އަހުމަދު ޒުހޫރު
- ފުވަމުލަކު ސިޓީ މެދުދާއިރާއަށް ހަސަން ހާލިދު
- އައްޑޫ ހިތަދޫ މެދު ދާއިރާއަށް ޒާހިދު ރަމީޒް
- އައްޑޫ ހިތަދޫ ދެކުނު ދާއިރާއާށް މުހައްމަދު ލަތީފް
- މައްޗަންގޮޅި އުތުރު ދާއިރާއަށް ޖަމީލާ އަލީ ހާލިދު
- ހުޅުމާލެ ދާއިރާއަށް އިބްރާހިމް ފައިސަލް
- ހެންވޭރު އުތުރު ދާއިރާއާށް ޑރ. މުހައްމަދު ޝައިނީ
- ހިންނަވަރު ދާއިރާއަށް ނާޒިމް އިބްރާހިމް
- މަތިވެރި ދާއިރާއަށް ލަޔާލް މަނިކް
- ބިލެއްދޫ ދާއިރާއަށް އަހުމަދު ޝަފީއު
- ތޮއްޑޫ ދާއިރާއަށް މުހައްމަދު މަބްރޫކް
- ކާށިދޫ ދާއިރާއަށް މުހައްމަދު ނަޝީދު، ކާނަލް ނަޝީދު
- ހެންވޭރު ދެކުނު ދާއިރާއަށް މުހައްމަދު ފިޝާވީން ސަލީމް
- ގއ. ވިލިނގިލީ ދާއިރާއަށް ޝަހީބު އިބްރާހިމް
މި ފަރާތްތަކާއި މީގެ ކުރިން ޕީޕީއެމްއިން ޓިކެޓް ދިން 24 ފަރާތާ އެކު ޖުމްލަ 41 ފަރާތަކަށް މިހާރު މިވަނީ މަޖިލިސް އިންތިހާބުގެ ޓިކެޓް ޕީޕީއެމްއިން ހަވާލުކޮށްފަ އެވެ. މީގެ ކުރިން ޓިކެޓް ދިން 24 ފަރާތަކީ މިހާރުވެސް ރައްޔިތުން މަޖިލީހުގެ އެ ދާއިރާތައް ތަމްސީލް ކުރައްވާ ފަރާތްތަކެވެ.
މިރޭގެ ހަފްލާގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ސަރުކާރު ޒިންމާދާރު ކުރުމަށް ޕީޕީއެމް އިން ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރުން މުހިންމު ކަމަށެވެ. އަދި ޕީޕީއެމްއިން ޓިކެޓް ދީފައިވާ ފަރާތްތަކަށް އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި އެވެ.