ހަބަރު

ހުދުމުހުތާރުކަން ނިންމަން ފެށި މަސައްކަތް އަދި ނުނިމޭ: ޝާހިދު

Apr 1, 2019
3

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން ފެށި މަސައްކަތް އަދި ނުނިމޭކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިއަދު އިނގިރޭސި ބަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ހުދުމުހުތާރު ވެރިކަން ނިންމަން މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނުކުމެ ލީ ވޯޓުން މިސާލު ގާއިމުކުރި ނަމަވެސް، އަދި އެ މަސައްކަތް މުޅީން ނުނިމޭ ކަމަށެވެ.

"އެ ވެރިކަމުގެ އަސަރު މުޅިން ފުހެލައި، އިންސާފު ގާއިމުކުރުމަށްޓަކައި އަހަރެމެން އެބަޖެހޭ ތަރައްގީ އާ ދެކޮޅު މީހުން ބަލި ކުރަން،" ޝާހިދު ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވޭ މަޖިލީސް އިންތިހާބުގައި، އެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް ޝާހިދުގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ބޭނުންވާ ހުރިހާ ވޯޓު ކަރުދާސްތައް މިހާރު ޕްރިންޓުކޮށް ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި، އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް އެ ކޮމިޝަނުން އިތުރަށް ބުނެފައިވެ އެވެ.

މިފަހަރުގެ އިންތިހާބުގައި 87 އަށް ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި 264،589 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ.