ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޝާހިދަށް ދެ މަގާމުގައި ނުހުންނެވޭނެ، އެކަން ގާނޫނާ ހިލާފް: ޖަމީލް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ދެ މަގާމުގައި ނުހުންނެވޭނެ ކަމަށާއި އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އާއި ޕީއެންސީ އިން މިނިވަންކަމާ ދެކޮޅަށް ކެމްޕޭނެއް ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ މިނިސްޓަރަކު މިނިސްޓަރުކަމުގައި ހުންނަވައިގެން އިތުރު އެއްވެސް މަސައްކަތެއް ނުވަތަ ވަޒީފާއެއް އަދާ ކޮށްގެން ނުވާނެކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މިނިސްޓަރު ޝާހިދު މަގާމުގައި ހުންނަވައިގެން އެހެން މަގާމެއް އަދާ ނުކުރެއްވޭނެ ކަމަށް ވިދާޅުވި އެވެ. ޑރ. ޖަމީލް މިފަދައިން ވިދާޅުވިއިރު މިނިސްޓަރު ޝާހިދު ވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފަ އެވެ.

ޑރ. ޖަމީލް ވިދާޅުވީ ގާނޫނު އަސާސީގައި އެއީ ގާނޫނާ ހިލާފު ކަމެއްކަން ސާފުކޮށް ބަޔާންކޮށްފައި އޮއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެގޮތަށް އަމަލުކުރައްވަމުން ގެންދަވާތީ މި ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަން ހާމަވާ ކަމަށެވެ.

"ހަގީގަތުގައި މި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރާ މައި ޗާބީ އޮތީ، އޭގެ ތަޅުދަނޑި ހިއްޕަވައިގެން ހުންނެވީ އަބްދުﷲ ޝާހިދު،"

ޑރ. ޖަމީލްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މިނިވަންކަން ދިފާއުކުރަން ބޭނުންނަމަ އަދި ދިވެހިން އަމިއްލަ ބައެއްގެ ގޮތުގައި އުޅެން ބޭނުންނަމަ އޮތް ހައްލަކީ އެމްޑީޕީ އަތުން ވެރިކަން ހޯދުން ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރަން ބޭނުންނަމަ އެމްޑީޕީ އިން ވެރިކަމަށް އައިސް ހިންގާ ވަރަށް ބިޔަ ދެ މަޝްރޫއެއް ހުއްޓުވަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

އެމްޑީޕީ ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު އިސްލާމް ދީން ނޫން އެހެން ގޮތެއް ހޯދަން ޖެހޭނެ ކަމަށް ގޮވާލައި، ދިޔާ އެއްޗިއްސާ ހިކި އެއްޗެހި ބޮވޭނެ ކަމަށް ގޮވައިލާ ކަމަށް ވިދާޅުވެ ޖަމީލް ވަނީ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"އަޅުގަނޑަށް ވަރަށް އުނދަގޫ ވާހަކައެއް އަބަދުވެސް އިވޭ. އެމްޑީޕީ ވެރިކަމަށް އައީމަ އަބަދުވެސް ކުއްލިއަކަށް ތުނބުޅިއެއްލާފަ ބުރުގަލެއް އަޅާފަ އެހެންނޫނީ ވަރަށް މަޑުމައިތިރިކޮށް ވާހަކަ ދައްކާ މީހަކަށްވިޔަސް އެމީހަކު ހަރުކަށި ފިކުރުގެ މީހަކަށް ވާތީ. މިއެއް ނޫން މައްސަލައަކީ. މައްސަލައަކީ އެމްޑީޕީއަށް ދިވެހި ރާއްޖޭގަ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް އިސްލާމީ ވަންތަ ގޮތަކަށް އުޅޭ އެއްވެސް މީހަކު ބަލައިނުގަނެވެނީ. އެއީ ހަރުކަށި ފިކުރަކީ،"

ޑރ. ޖަމީލް ވިދާޅުވީ އަނެއް މަޝްރޫއަކީ ބޮޑެތި ގާނޫނުތަކެއް އުފައްދައި ގާނޫނުތަކަށް ގެންނަ ބަދަލު ކަމަށެވެ. އެމަނިކުފާނު އިޝާރާތް ކުރެއްވީ ހިސާން ބިލަށެވެ. އެހެންކަމުން އެމްޑީޕީގެ ވެރިކަމަކީ ޣައިރު ގާނޫނީ ވެރިކަމެއްކަން ކަނޑައަޅަން ޖެހޭނެ ކަމަށާއި ވެރިކަން ޣައިރު ގާނޫނީ ވާނެ ގިނަ ގޮތްތައް ފެންނަން ހުރި ކަމަށްވެސް ވިދާޅުވި އެވެ.

އެގޮތުން ވެރިކަން ހިންގަން ޖެހޭނީ އިސްލާމް ދީނުގެ އަސާސްތަކުގެ ތެރޭގައި ކަމަށާއި ގާނޫނު އަސާސީގެ ދަށުން ކުރާ ހުވާގައި ރާއްޖެ ދަމަހައްތަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެމްޑީޕީ އަކީ މިއިން އެއްވެސް ކަމެއްގެ ތެރެއިން ވެރިކަން ހިންގާ ޕާޓީއެއް ނޫން ކަމަށް ޖަމީލް ވިދާޅުވިއެވެ.