ހަބަރު

ޝައިނީއަށް ފިޔަވަޅު އަޅަން މިދަނީ މަޝްވަރާ ކުރަމުން: ޕީޕީއެމް

ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާމެދު ފިޔަވަޅު އެޅުމަށް މަޝްވަރާކުރަމުންދާ ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.

ޝައިނީއަށް ފިޔަވަޅު އެޅުމަށް ޕީޕީއެމް އިން މަޝްވަރާކުރަމުންދަނީ ޝައިނީ ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ. ކުރީގެ ނައިބް ރައީސް އަހުމަދު އަަދީބާއި ބައްދަލު ކުރައްވާ ކުރެއްވި ޓުވީޓެއްގައި ޝައިނީ ވިދާޅުވީ، ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލާ އޭނާ މަރާލަން އުޅުނު ހާދިސާއާއި ގުޅުންހުރި ކަންކަން ސާފުކުރަން އަދީބާއި ބައްދަލުކުރައްވާފައިވާ ކަަމަށެވެ. އަދި އެކަމާއި ގުޅިގެން އަދީބު ދެއްކެވި ބައެއް ވާހަކަތަށް ގަބޫލު ކުރެއްވޭކަމަށެވެ.

މިއަދު ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބް ރައީސް އަބުދުއްރަހީމް އަބުދުﷲ ވަނީ ޝައިނީއަށް ފިޔަވަޅު އެޅުމާއި މެދު ވިސްނަމުންދާކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުންވެސް ވަކި ވަޒީރެއްގެ ނަންފުޅު ވިދާޅުނުވެ، ބައެއް މީޑިއާ ތަކަށް ވަޒީރަކު އަރުއްވައިގެން ޕީޕީއެމްއާއި ގުޅޭގޮތުން ތާފާތު ވާހަކަތަކެއް ވިދާޅުވަމުންގެންދަވާ ކަމަށްބުނެ ވަނީ ފާޑު ވިދާޅުވެފައެވެ.

އެގޮތުން އެ ބޭފުޅަކު އެގޮތަށް ވާހަކަ ނުދައްކަވާ ރީއްޗަށް މިހާރު ހުންނެވި ކޮޅު ސާފުކޮށްލަދިނުން މާ ރަނގަޅުވާނެ ކަމަށް އަބުދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.

އަބުދުއްރަހީމް އެގޮތަށް ވިދާޅުވެފައިވާއިރު "އަވަސް ހުކުރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ޝައިނީ ވިދާޅުވީ، ރައީސް ޔާމީން ފިޔަވާ ޕީޕީއެމްގެ ލީޑާޝިފްގެ ބޭފުޅުން އެމަނިކުފާނާއި ދެކޮޅު ކަމަށެވެ. އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ޝައިނީގެ ޓުވީޓް މައްސަލަ ތަހުގީގު ކުރަން ގޮވާލުމާއި ގުޅޭގޮތުން ސުވާލު ކުރުމުން ޝައިނީ ވިދާޅުވީ ޕީޕީއެމްއަކީ ތަހުގީގީ އިދާރާއެއް ނޫން ކަމަށެވެ.

އަވަސް ހުކުރުގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ، ފިނިފެންމާ ލޯންޗް ގޮއްވާލީ އެހެން ފަރާތަކުންކަމަށް އަދީބު ތުހުމަތު ކުރައްވާ ކަމަށާއި، ކަންކަން ހިނގާދިޔަ ގޮތުން އަދީބު އެދައްކަވާ ވާހަަކަ ކޮންމެވެސް ވަރަކަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އެ މައްސަލަ ވަރަށް ބޮޑަށް ބަލަން ބޭނުންވާކަންވެސް ޝައިނީ ވަނީ ފާހަގަކުރައްވާފަ އެވެ. ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި އިރު ޝައިނީވެސް އެ ލޯންޗުގައި އިންނެވި އެވެ.