ޑރ. މުހައްމަދު ޝައިނީ

ގައުމު ދޫކޮށް ދާންޖެހޭ ސަބަބެއް ނެތް: ޝައިނީ

ރާއްޖެ ދޫކުރައްވައި ފިއްލެވީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ދޮގު ކުރައްވައިފި އެވެ.

މި އަޑުތައް ފެތުރުނީ އިއްޔެ ހަވީރު ޝައިނީ އާއިލާއާއެކު ކޮލަމްބޯއަށް ވަޑައިގެންފައިވާތީ އެވެ.

އެކަމާ ގުޅިގެން އަވަސްއިން ޝައިނީއާ ސުވާލު ކުރުމުން ވިދާޅުވީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ދަރިފުޅުގެ ސްކޫލް ކަމެއްގައި ކަމަށެވެ. އަންނަ އާދިއްތަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޝައިނީ ވަނީ އެ އަޑުތައް ފެތުރުމުން ޓްވީޓެއް ވެސް ކުރައްވާފަ އެވެ. ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޓީމްގައި ހިމެނުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި ގައުމަށް ކޮށް ދެއްވުނު ހިދުމަތްތަކާމެދު ހިތްހަމަޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ފަހުރުވެރިވޭ ހާސިލް ކުރެވުނު ކަންކަމާމެދު، ފިނޑިއެއްހެން ގައުމު ދޫކޮށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތް، އަހަރެން ރާއްޖެ ދެކެ ވަރަށް ލޯބިވޭ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ލިބޭ ފުރުސަތުތަކުގައި ރާއްޖެއަށް ހިދުމަތް ކުރެއްވުމުގައި ކުރިއަށް އޮތް ތަނުގައި ވެސް ދެމިހުންނަވާނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރުގެ ގޮތުގައި ވޭތުވެދިޔަ ފަސް އަހަރު ޝައިނީ ހިދުމަތް ކުރައްވާފައިވާއިރު އިކޮނޮމިކް ކައުންސިލްގައި ވެސް ޝައިނީ އިސް ދައުރެއް އަދާ ކުރެއްވި އެވެ. އޭގެއިތުރުން ރާއްޖެއިން ބޭރުން ސަރުކާރަށް އައި ބޮޑެތި ޕްރެޝަރުތަކުން ސަލާމަތްވުމަށް ވެސް ޝައިިނީ ކުރީ ސަފުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.

އެމްޑީއޭގެ މެންބަރެއްގެ ގޮތުގައި ކެބިނެޓްގައި ހުންނެވި ޝައިނީ ވަނީ މިފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ.