ހަބަރު

ޔާމީން ހާޒިރު ކުރަނީ ކެމްޕެއިނަށް ލިބުނު ފައިސާތަކާ ގުޅިގެން: އާޒިމާ

ކުރީގެ ރައީސް އަބުދުﷲ ޔާމިން ޕޮލިހަށް ހާޒިރުކުރަން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަަށް އެމަނިކުފާނަށް އެކިގޮތްގޮތަށް ލިބިފައިވާ ފައިސާގެ މައްސަލައިގައި ކަމަށް އެމަނިކުފާނުގެ ސަރުކާރުގެ ލީގަލް އެފެއާޒު މިނިސްޓަރުކަން ކުރެއްވި އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ނައިބް ރައީސާކަންވެސް ކުރައްވާ އާޒިމާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެކި ގޮތްގޮތަށް އެމަނިކުފާނުގެ އެކައުންޓަށް ފައިސާ ވަދެފައިވާތީ ކަމަށެވެ.

އެހެން ނަމަވެސް އެ އެކައުންޓަކީ ރިޔާސީ އިންތިހާބުގެ ގާނޫނީ އޮނިގަނޑުގައިވާގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނުން ޑިކްލެއާ ކޮށްފައިވާ އެކައުންޓެއް ކަމަށް އާޒިމާ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މާދަމާގެ މެންދުރު 2:00 އަށެވެ. ފުލުހުން ވަނީ ރައީސުލް ޖުމްހޫރިއްޔާ ކަމުގައި މަގާމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ރައީސް ޔާމީން ހިންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދައުލަތުގެ އިދާރާތަކުން ހުށަހަޅައިގެން ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެމައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް
އިންޓެލިޖެންސް ޔުނިޓުންނެވެ.