ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝުކޫރަަށް ކުރާ ދެ ދައުވާގެ އަޑުއެހުންތައް އަހަރަކަށްވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށްފަހު މާދަމާއަށް ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ތާވަލުކޮށްފި އެވެ.
އާޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އެވެ. އާޒިމާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހު އެވެ.
އާޒިމާގެ މައްޗަށް އޮތް ތުހުމަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައިގައި އެ ހިޔާނާތް ހިންގުމަށް މަގުފަހިކޮށްދީފައިވާ ކަމަށެވެ. އާޒިމާ ވަނީ ރައީސް ޔާމީންގެ ވަކީލްކަން ކުރައްވާފަ އެވެ.
ދޮގު މައުލޫމާތު ދިން ކަމަށް ދައުލަތުން ތުހުމަތު ކުރަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހަގީގަތާ ހިލާފު މައުލޫމާތަކެއް އާޒިމާ ދެއްވާފައިވާތީ އެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފަށައިފައިވާއިރު އާޒިމާ ވަނީ ދައުވާތަކަށް އިންކާރުކުރައްވާފަ އެވެ. އާޒިމާއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ކުރީގެ ރައީސް ޔާމީނާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ، އޭސީސީގެ ކުރީގެ ނާއިބް ރައީސް މުއައްވިޒު ރަޝީދާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ.
މި މައްސަލަ ކްރިމިނަލް ކޯޓުގައި އެންމެ ފުރަތަމަ ބެއްލެވީ ގާޒީ އަހުމަދު ހައިލަމް އެވެ. ނަމަވެސް ހައިލަމް މަގާމުން ވަކިކުރުމުން ފަހުން އެ މައްސަލަ އާއި ހަވާލުވެވަޑައިގެންނެވީ ގާޒީ ހަސަން ސައީދު އެވެ. އެކަމަކު ހަސަން ސައީދު ވެސް ވަނީ މައްސަލައިން ތަވާޒުލްވެފަ އެވެ. މިހާރު އެ މައްސަލަ އެހެން ސެކްޝަނަކަށް ބަދަލުކޮށް މައްސަލައާއި ހަވާލުވެވަޑައިގެންފައި ވަނީ ގާޒީ އަލީ އާދަމް އެވެ.
މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ މާދަމާ މެންދުރު 11:00 އަށެވެ.