ހަބަރު

ތަމްރީނަކަށް އިންޑިއާގެ 45 ސިފައިންގެ މީހަކު ރާއްޖެ އަތުވެއްޖެ

ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ "އެކްސަސައިޒް އެކުވެރިން 2018" ގައި ބައިވެރިވާ އިންޑިއާ ސިފައިން މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މިމަހު 15 އިން 27 އަށް އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް، ޅ.މާފިލާފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ތަމްރީނަކީ އެކްސަސައިޒް އެކުވެރިންގެ ނުވަ ވަނަ ތަމްރީން ކަމަށާއި، މިފަހަރުގެ އެކްސަސައިޒުގައި އިންޑިއާގެ އަސްކަރިއްޔާއިން ބައިވެރިވަނީ 17 ވަނަ ބެޓޭލިއަން އޮފް މެޑްރާސް ރެޖިމެންޓްގެ 45 ސިފައިން ކަމަށެވެ.

ރާއްޖެއިން އެ ތަމްރީނުގައި ބައިވެރިވަނީ އެމްއެންޑީއެފްގެ މެރިންސް ކަމަށާއި، އެއެކްސަސައިޒުގައި ކިޔަވައިދެއްވާނީ ދެ ގައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުން ކަމަށެވެ. އަދި އެ ތަމްރީނަކީ ރާއްޖެ އާއި އިންޑިއާ އަސްކަރިއްޔާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ކައުންޓަރ ޓެރަރިޒަމާއި، ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ އެކްސަސައިރެއް ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެ ތަމްރީނުތަކުގައި މައިގަނޑުގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވޯޓަރ ބޯން އޮޕަރޭޝަންތައް ހިންގާނެ ގޮތުގެ ތަމްރީނުތަކާއި، އަސްކަރީ އިތުރު ތަމްރީނުތައް ކަމަށާއި، އެ އެކްސަސައިޒްގެ ތަމްރީނުތައް އެއްގަމާއި ކަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މާފިލާފުށީގެ އިތުރުން ޅ.އަތޮޅުގެ ބައެއް ފަޅު ރަށްތަކުގައި ވެސް ތަމްރީނުތަކުގެ ބައިތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާއާއި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން ބާއްވަމުންދާ، އެކްސަސައިޒް އެކުވެރިންނަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޤައުމެއްގައި ބާއްވަމުންގެންދާ އެކްސަސައިޒެކެވެ. އެ އެކްސަސައިޒް މިއަހަރު ދިވެހިރާއްޖޭގައި ބާއްވަމުންދާއިރު، އެންމެ ފަހުން ބޭއްވި "އެކްސަސައިޒް އެކުވެރިން 2017" ގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައި ވަނީ އިންޑިއާގެ މެޑްރާސްގަ އެވެ.