ދުނިޔެ

ގުދުސްގެ ހުޅަނގަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އޮސްޓްރޭލިއާއިން ބަލައިގެންފި

Dec 15, 2018

ކެންބަރާ (ޑިސެމްބަރު 15) - މާތްވެގެންވާ ގުދުސްގެ ހުޅަނަގަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަންނަން އޮސްޓްރޭލިއާ ސަރުކާރުން ނިންމާފައިވާ ކަމަށް، އެ ގައުމުގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން މިއަދު އިއުލާނު ކުރައްވައިފި އެވެ.

ނަމަވެސް، ތެލްއަވީވްގައި މިހާރު ހުރި އޮސްޓްރޭލިއާ އެމްބަސީ ގުދުސަށް ބަދަލުކުރާނީ، ސުލްހައިގެ އެއްބަސްވުމަކަށް އާދެވުމުން ކަމުގައި ވެސް މޮރިސަން ވަނީ ވިދާޅުވެފަ އެވެ.

މޮރިސަން އިތުރަށް ވިދާޅުވި ގޮތުގައި، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅަން ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ އުއްމީދަށް ވެސް އޮސްޓްރޭލިއާ ސަރުކާރުން ތާއީދުކުރާކަމަށެވެ.

ގުދުސަކީ ޔަހޫދީން ފަލަސްތީނަށް އައުމުގެ އެތައް ހާސް އަހަރެއް ކުރިން ކަންއާނީ ދަރިކޮޅުގެ އަރަބީން ބިނާކޮށްފައިވާ ރަށެކެވެ. އެރަށަކީ ދުނިޔޭގައިވާ އެންމެ ގަދީމީ ރަށްތަކުގެ ތެރެއިން ރަށެކެވެ. އަދި އޭގެ އިތުރުން އެއީ މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ އަލް މަސްޖިދުލް އަގުސާ އެބިމެއްގައިވާ ބިމެވެ.

ފަލަސްތީނުގެ ބިންތައް އިނގިރޭސިން ފޭރިގަތުމަށް ފަހު އެތަނުގައި އިޒްރޭލުގެ ދައުލަތް އުފައްދައި ދިން އިރު އެމީހުންގެ އަތުްދަށުގައި އޮތީ ގުދުސްގެ ހުޅަނގުބައި އެކަންޏެވެ.

ނަމަވެސް އޭގެ ފަހުން 1967 ވަނަ އަހަރު ކުރި ހަދުވަހުގެ ހަނގުރާމައިގައި އިޒްރޭލުން އިރުމަތީ ގުދުސް ހިފި އެވެ. އޭގެ ފަހުން އެމީހުން ދަނީ ގުދުސުން އަރަބީން ހުސްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިދިޔަ އަހަރު، އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލައިގަތުމާއެކު، މުޅި ދުނިޔޭގެ ފާޑިކިޔުން އަމާޒުވި އެވެ. ނަމަވެސް، އެ ފާޑުކިޔުންތަކަށް ބީރުކަންފަތެއް ދެއްވައި، ޓްރަމްޕް ވަނީ ތެލްއަވީވްގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސަށް މިދިޔަ މެއި މަހު ބަދަލުކުރައްވައިފަ އެވެ.