ހަބަރު

ޕީޕީއެމް އިން އިހުތިޖާޖު ކުރާތީ މަޖިލިސް މެދުކަނޑާލައިފި

ޕީޕީއެމްގެ މެންބަރުން މަޖިލީހުގައި އިހުތިޖާޖުކޮށް އަޑުގަދަ ކުރާތީ މަޖިލީހުގެ ޖަލްސާ މެދު ކަނޑާލައިފި އެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާ ފެށީ 2:00 ޖަހިއިރު އެވެ. ޖަލްސާ ފެށިއިރު ބައެއް މެންބަރުން ތަޅުމުގެ ބޭރުގައި ހުރެގެން ދުންމާރިއަކުން އަޑު ގަދަ ކުރަމުން ދިޔަ އެވެ. މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އާއި ބައެއް މެންބަރުން ވާހަކަ ދައްކަވަމުން ދިޔަ އިރު ވެސް ދުންމާރި ފުމެ، ވާހަކަދައްކަން ދަތި ކުރުވުމަށް މަސައްކަތް ކުރަމުން ދިޔަ އެވެ.

އެކަމާ ހެދި ގާސިމް ވިދާޅުވީ ތަޅުމުގެ ބޭރުގައި ތިއްބަވައިގެން ބައެއް މެންބަރުން ޖަލްސާ ކުރިޔަށް ގެންދިޔުމަށް ހުރަސް އަޅަމުން ގެންދާތީ މިވަގުތަށް ޖަލްސާ މެދު ކަނޑާލާ ކަމަށެވެ. މަޖިލިސް ދެން ފަށާނެ ވަގުތެއް ގާސިމް އިއުލާނެއް ނުކުރެ އެވެ.

މަޖިލީހުގައި މިއަަދު ތާވަލުކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ކޮމިޝަނަށް ބާރު ދޭ ބިލު ފާސް ކުރުމާއި ޕެންޝަނާ ބެހޭ ގާނޫން ފާސް ކުރުމެވެ. އޭގެ އިތުރުން ވުޒާރާތަކުގެ މަަސައްކަތަށް ގެނައި ބަދަލުތައް ކޮމިޓީއަށް ފޮނުވުން ވެސް މިއަދު ތާވަލުކޮށްފައިވެ އެވެ.