ޕީޕީއެމް

ސަރުކާރު ހިންގާ ޕާޓީން މުޒާހަރާ ކުރުން ޒިއްމާދާރުކަން ކުޑަ: ޕީޕީއެމް

ސަރުކާރު ހިންގާ މައި ޕާޓީ ގޮތުގައި އޮވެ އެމްޑީޕީއިން މުޒާހަރާ ކުރަން ގޮވާލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.

ޕީޕީއެމްއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، އެމްޑީޕީގެ އިސްފަރާތްތަކުން ޕީޕީއެމް އޮފީސް ކައިރިިއަށް އެއްވާން ގޮވި ގޮވުމަކީ އަދި ސަރުކާރު ހިންގާ މައި ޕާޓީގެ ގޮތުގައި އޮވެ މުޒާހަރާ ކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އެޕާޓިން
ދެކޭ ކަމަށެވެ.

އެމްޑީީޕީން ޕީޕީއެމް އޮފީސް ކައިރިއަށް އެއްވާން ގޮވާލި ޓްވީޓުގައި ބުނެފައިވަނީ، ރައީސް ޔާމިން ފުލުސް އޮފީހަށް ހާޒިރު ކުރާތީ އެމްޑީޕީ އޮފީސް ކައިރިއަށް އެއްވެ، އެމަނިކުފާނު ވެރިކަމުގައި ގާނޫނާ ހިލާފަށް ކުރި ކަންތަށް ހަދާން ކޮށްދޭން ޖެހޭނެ ކަމަށެވެ.

ޕީޕީއެމްއިން ނެރުނު ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޔާމިން ފުލުސް އޮފީސްއަށް ހިންގާފައި ވަޑައިގަތުމަށް ނިންމީ އެމަނިކުފާނު ނޫން ކަމަށާއި، އެގޮތަށް ނިންމާފައިވަނީ ޕީޕީއެމް އިން ކަމަށެވެ. ނަމަވެސް އެމްޑީޕީއިން މުޒާހަރާ ކުރަން ފަށާ އެމަނުކުފާނުގެ ހަށި ކޮޅަށް ގެއްލުންދޭން ގޮވާލުމުން، ފައިމަގުގައި ފުލުސް އޮފީހަށް ދިޔުމުގެ ބަދަލުގައި ނިންމީ އެމްއެންޑީއެފް ކާރުކޮޅުގައި ވަޑައި ގަތުމަށް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ބަޔާން ނިންމާލަމުން ޕީޕީއެމްއިން ބުނެފައިވަނީ، ޔާމިން ފުލުސް އޮފީހަށް ހާޒިރު ކުރަނީ ސިޔާސީ މަގްސަދެއް ހާސިލް ކުރަން ކަމަށެވެ.

"ވެރިކަން ކުރާ ޕާޓިން މިގޮތަށް މުޒާހަރާ ކުރުމަކީ ޑިމޮކްރޮސީ އާ ބީރައްޓެހި ކަމެކެވެ،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.