ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އީއައިއޭ ހެދުމުގެ ހުރިހާ ބާރެއް އަލުން އެންވަޔަރުމަންޓް މިނިސްޓްރީއަށް

ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގެ ކުރިން ހަދަން ޖެހޭ، އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެޓް، އީއައިއޭ ހެދުމުގެ ހުރިހާ ބާރުތަކެއް އަލުން، އެންވަޔަރުމެންޓް މިނިސްޓްރީއަށް ދޭން ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

"ރަށް ފެހި" މަޝްރޫއު ފެށުމަށް ހުޅުމާލޭ ފޭސް-2 ބޭއްވި ގަސްއިންދުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޓޫރިޒަމް މިނިސްޓިރީން އީއައިއޭ ހެދުމުގެ ބާރު ނަގާ އެންވަޔަރުމެންޓް މިނިސްޓިރީ އަށް ދިނުމުގެ ގޮތުން މަޖިލިސް ހުށަހަޅާފައިވާ ބިލް މިހާރު ފާސްކޮށް ނިންމާފައިވާ ކަމަށެވެ.

"އީއައިއޭ ހެދުމުގެ ޒިންމާތަށް ޓޫރިޒަމާ ބެހޭ މިނިސްޓިރީން ވަކިކޮށް ތިމާވެއްޓާ ބެހޭ މިނިސްޓިރީއަށް ވަރަށް އަވަހަށް ބަދަލު ކުރެވޭނެ. އެކަމައްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސް
ކޮށްފައި" ރައީސް ވިދާޅުވިއެވެ.

އެންވަޔަރުމެންޓް މިނިސްޓިރީއަށް އީއައިއޭ ހެދުމުގެ ބާރު ދިނުމަކީ ތިމާވެށި ހިމާޔަތް ކުރަން ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެއްރަށް ފެހިކުރުމަށް އަނެއް ރަށް ހަނަފަސް ސަހަރާއަކަށް ބަދަލު ކޮށްލުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށްވެސްވަނީ ވިދާޅުވެފެ އެވެ.

ވާކަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހުޅުމާލޭގައި މިއަދު އިންދަން ހަމަޖެހިފައިވާ 250 ރުށް ގަހަކީ އެއްވެސް ރަށަކުން ގެނެސްފައިވާ ރުށްް ގަސްތަކެއް ނޫން ކަމަށާއި، އެއީ ހުޅުމާލެ ނާސަރީގައި މުޑިވައްކޮށް އިންދާފައިވާ ރުށް ގަސް ކަމަށެވެ. މީގެ އިތުރުން ރއީސް ވިދާޅުވީ، ތަރައްގީ ގެންނަންވާނީ ގުދުރަތީގޮތުން މިވެށީގައި ލައްވާފައިވާ ވަޒަން ހަމަކޮށް ނުގެއްލޭ ގޮތަށްް ކަމަށެވެ.

"މިއަދު މިއިންދަނީ ހުޅުމާލޭ ނާސަރީގައި މުޑުވައްކޮށް އިންދާފައިވާ ރުށްގަސް" ރައީސް ވިދާޅުވިއެވެ.