ވިކްޓަރީ

ބޯޑު އުވާލުމަށްފަހު ވިކްޓަރީ އަލުން އާ އިންތިހާބަކަށް!

ހާލަތު މުޅިން ބޮއްސުންލާފައިވާ، ވިކްޓަރީ ސުޕޯޓްސް ކުލަބުގެ އެގްޒެކެޓިވް ބޯޑު އުވާލުމަށްފަހު، އަލުން އާ އިންތިހާބަކަށް ދިއުމަށް އިއުލާން ކޮށްފި އެވެ.

ރާއްޖޭގެ ކުޅިވަރުގައި މެދު ކެނޑުމެއް ނެތި ހަތަކާތްތެރިވާ އެންމެ ދޮށީ ކުލަބު ވިކްޓަރީގެ އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު މަދަރުސާގަ އެވެ. ވިކްޓަރީގެ އެގްޒެކެޓިވް ކޮމިޓީއަށް ކުރިމަތި ލުމުގެ ސުންގަނޑީއަކީ މިއަންނަ އަންގާރަ ދުވަހުގެ މެދުރު ފަހު 3:00 ގެ ކުރިންނެވެ. ވިކްޓަރީން ބުނީ އިންތިހާބަށް ކުރިމަތި ލެއްވަން ބޭނުން ފުޅުވާ ފަރާތްތަކުން، ވިކްޓަރީގެ މެއިލް އެޑްރެސް [[email protected]] އަށް މެއިލް ކުރުން ނުވަތަ، އެފްއޭމްގައި ހުންނަ ވިކްޓަރީގެ ކުލަބު އޮފީހަށް ސިޓީއަކުން ފޮނުވުމަށް އެދޭ ކަމަށެވެ.

ވިކްޓަރީން ވަނީ، ޗެއާމަން އާއި ދެ ވައިސް ޗެއާމަންގެ އިތުރުން ބޯޑުގެ އެގްޒެކެޓިވް މެންްބަރު ކަމުގެ 10 މަގާމަށް ކުރމަތި ލުމަށް އިއުލާން ކޮށްފަ އެވެ.

ވިކްޓަރީގެ ޗެއާމަންކަމަށް، ކުރިމަތި ލައްވާނެ ކަމަށް، މިހާތަނަށް އިއުލާން ކޮށްފައި ވަނީ، އެ ކުލަބުގެ ކުރީގެ ބޯޑު މެންބަރު ޑރ. އިބްރާހިމް ނާޝިދު 'ނާޝް' އެވެ. ޑރ. ނާޝިދު އަކީ ވިކްޓަރީގެ ލެޖެންޑަރީ ޗެއާމަން، ގ. ކެނެރިގޭ އަބްދު ސައްތާރުގެ ބޭފުޅެކެވެ. އަށްޑިހައިގެ އަހަރުތަކުގައި ވިކްޓަރީގެ ޓީމު ބައްދަލުވުންތަކާއި ޓީމު މެޗަށް ތައްޔާރުވެގެން ދަނޑަށް ދާން އަންނަނީ ކެނެރީގެއިން ނިކުމެގެންނެވެ. ޑރ. ނާޝިދުއަށް ބޮޑުބޭބެ ވިދާޅުވާ ވިކްޓަރީގެ ކުރީގެ ޗެއާޕާސަން އިވާ އަބްދުﷲ ދައުރުގައިވެސް ވިކްޓަރީން ވަނީ ގ. ކެނެރީގެއިން ނިކުމެގެން ދަނޑަށް އައިސްފަ އެވެ.

ނާޝިދު އަލުން ވިކްޓަރީގެ ބޯޑަށް އަންނަން ތައްޔާރު ވަނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މިދިޔަ ސީޒަންގައި އެ ކުލަބު ކުޅުނު އެންމެ ފަހު މެޗަށް ޓީމު ނިކުތުމުގެ ކުރިން، ދަނޑަށް ވަޑައިގެން ޑރ. ނާޝް ވަނީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލު ކޮށްފަ އެވެ.

11 އަހަރަށް ފަހު މާއްޓޭ އެނބުރި ވިކްޓަރީއަށް!

އޭނާގެ ނައިބުންގެ ގޮތުގައި ތިއްބަވާނެ ކަމަށް ބެލެވެނީ، ކުރިން ވިކްޓަރީ އަށް ކުޅުނު އަދި އެ ޓީމުގެ ތާރީހްގައި ފެނުނު އެންމެ ކާމިޔާބު ކޯޗް މައުރޫފް އަހްމަދު 'މާއްޓޭ' އާއި ގައުމީ ޓީމުގެ ފުރަތަމަ ކެޕްޓަން އަދި ދިވެހި ކުޅިވަރުގެ ލެޖެންޑް އިބްރާހިމް އިސްމާއީލް އެވެ. މާއްޓޭ، މިއަދު ވަނީ ވިކްޓަރީގެ މާކެޓިން ފައިނޭންސްގެ ވައިސް ޗެއާމަންކަން ކަމަށް ކުރިމަތި ލައްވާނެ ކަމަށް އިއުލާން ކޮށްފަ އެވެ. މާއްޓޭ އަލުން ވިކްޓަރީގެ ތެރެއަށް މި އަންނަނީ 11 އަހަރު ފަހުންނެވެ. އޭނާގެ ފޭސްބުކްގައި މާއްޓޭ ބުނީ، ވިކްޓަރީގެ ރަން ދުވަސްތައް އަލުން ތަކުރާރު ކުރުމަށް އޭނާ އެހީތެރި ވެދޭނެ ކަމަށެވެ.

"ވިކްޓަރީގެ ގެއްލިފައިވާ މަގުބޫލު ކަމާއި ކާމިޔާބު އަލުން ހޯދައިދޭން އަޅުގަނޑު މަސައްކަޔތް ކުރާނަން،" މާއްޓޭ ބުނެފައި ވެއެވެ. "ވިކްޓަރީ ސުޕޯޓްސް ކުލަބަކީ ބްރޭންޑެއް، މާޒީގައި އެ ކުލަބަކީ ވަރަށް ހައިބަވެތި ކާމިޔާބަކާއި ޝަރަފެއް ހޯސާފައިވާ ކުލަބެއް."

ކުރިން، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު އަދާކޮށްފައިވާ، މާއްޓޭ ވަނީ، ބާސެލޯނާގައި ހުންނަ ޔޯހާން ކްރައިފް އިންސްޓްޓިޔުޓުން، ސްޕޯޓްސް މެނޭޖުމެންޓާއި ސްޕޯޓިް މާކެޓިންއިން މާސްޓާސް ހާސިލު ކޮށްފަ އެވެ. ނިއު ލެގޫންސާއި، ވެލެންސިއާއަށްވެސް ކުޅުނު މާއްޓޭ އެންމެ ފަހުން ވިކްޓަރީގައި މަސައްކަތް ކުރީ 2007 ވަނަ އަހަރު އެވެ. އޭނާ ވަނީ އެ އަހަރު ދިވެހި ލީގް ވިކްޓަރީއަށް ހޯދައިދީފަ އެވެ. އޭގެ ފަހުން ވިކްޓަރީއަށް ދިވެހި ލީގް ހޯދިފަ އެއް ނުވެ އެވެ.

ކުރީގެ ފުޓްބޯޅައިގެ ގަދަ ބާރު ވިކްޓަރީ އަޑިއަޅާލީ 2012 ވަނަ އަހަރަށް ފަހު އެވެ. ޖެހިގެން އައި 2013 ވަނަ އަހަރު އެ ކުލަބު ރެލިގޭޓުވާން ދަނިކޮށް، ކުީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމްގެ ކެޕްޓަން ކަމުގެ ދަށުން ކުޅުނު ވިކްޓަރީ ސަލާމަތްވީ ރެލިގޭޝަންގެ ޕްލޭއޮފްގައި ނައިޖީރިއާގެ މިޑްފީލްޑާ ޗިންޑަ ކަކާ ވީބީ އައްޑޫ އެފްސީ ކޮޅަށް ވައްދާލި ތާރީހީ ލަނޑުނެވެ.

މި އަހަރަކީ ވިކްޓަރީގެ ތާރީހްގައި އެ ޓީމަށް ކުރިމަތިވި އެންމެ ލަދުވެތި ސީޒަނެވެ. ލީގްގައި ކުޅެން އޮތް ދެ މެޗު އެ ޓީމުން ވަނީ ނުކުޅެ ދޫކޮށްލާފަ އެވެ. ވިކްޓަރީގެ ހާލަތު ރަނގަޅު ކުރުމަށް، މިއަހަރު އެ ޓީމުގެ ޗެއާމަން ކަމަށް، ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ވައިސް ޗެއާމަން ކަމަށް ކެލޭ ދާއިރާގެ މެންބަރު އަލީ އާރިފް ވަޑައިގެންނެވި އެވެ.

ނަމަވެސް، ސީޒަން ދެބައިވި ފަހުން ވިކްޓަރީއަށް އެ ދެބޭފުޅުންގެ އެއްބާރުލުން ނުލިބޭކަމަށް ވިކްޓަރީން ބުނެފައިވެ އެވެ. ވިކްޓަރީގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ވަގުތު ދެ ބޭފުޅުން ވަނީ ވިކްޓަރީގެ މާގަމުތަކުން އިސްތިއުފާ ދީފަ އެވެ.