އިންޑިއާއިން ރާއްޖެއަށް ދީފައިވާ ދެ ހެލިކެޕްޓަރުގެ އެއްބަސްވުން ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވެސް ވަނީ އާކޮށްފައި ކަމަށް ފޮރިން މިނިސްޓިރީން ބުނެފި އެވެ.
މިނިސްޓިރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ފުރަތަމަ ހެލިކޮޕްޓަރު ހަވާލުކުރުމުގެ ލެޓާސް އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފައިވަނީ 2010 ވަނަ އަހަރުގެ މާޗް މަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކަމަށެވެ. އަދި އެ އެއްބަސްވުން ވަނީ 2012 ވަނަ އަހަރު ކުރީގެ ރައީސް ޑރ މުހަންމަދު ވަހީދު ހަސަންގެ ސަރުކާރުންނާއި 2014 ވަަނަ ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުން އާކޮށްފައި ކަމަށެވެ.
އެ ނޫސް ބަޔާނުގައި ބުނީ ދެ ވަނަ ހެލިކޮޕްޓަރު ދިވެހި ސަރުކާރާ ހަވާލުކުރުމަށް ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު ކުރީގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނ، އިންޑިއާ ސަރުކާރުން ރާއްޖެއަށް ހެލިކެޕްޓަރު ދީފައި ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނީޓާކޮށް ބެލެހެއްޓުމުގެ އިތުރުން، ރާއްޖޭގެ ދިފާއީ ބާރަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އަދި އެދެ ހެލިކޮފްޓަރު ވަނީ ކުއްލި ހާލަތުގައި 151 ބަލި މީހުން އުފުލުމުގެ އިތުރުން ސާޗް އެންޑް ރެސްކިއުގެ އޮޕަރޭޝަން ތަކުގައި 50 ފަަހަރު ބޭނުން ކޮށްފައިކަމަށް ވެސް ބަޔާނުގައިވެ އެވެ.
އެ ދެ ހެލިކޮޕްޓަރު ރާއްޖޭގައި އޮންނަ މައްސަލައިގައި އިދިކޮޅު ޕީޕީއެމްއިން ގެންދަނީ ސަރުކާރަށް ފާޑު ކިޔަމުން އެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ވަނީ ހެލިކޮޕްޓަރުތައް ފޮނުވާލައި، އޭގެ ބަދަލުގައި ސާޗް އޮޕަރޭޝަންތަކުގައި ބޭނުން ކުރާ ދޯނިއާ ފްލައިޓެއް ހޯދަން އެދިފަ އެވެ. އެހެން ނަމަވެސް، އެކި ފަހަރުމަތިން ހެލިކޮޕްޓަރުތައް ފޮނުވާލާ ކަމަށް ބުނި ނަމަވެސް ރަސްމީކޮށް އެކަން ހިނގާފައެއް ނުވެ އެވެ. ރައީސް ޔާމީންގެ ސަރުކާރުން ވަނީ އިންޑިއާޔާ ވަރަށް ބޮޑަށް ދުރުވެ، ޗައިނާއާ ގާތްގުޅުންތަކެއް އުފައްދައިފަ އެވެ.