ހަބަރު

ރައީސްގެ އިންޑިއާ ދަތުރުގައި އަސްކަރީ އެއްބަސްވުމެއްގައި ސޮއިނުކުރާނެ: ޝާހިދު

Dec 16, 2018
3

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިންޑިއާއަށް ފައްޓަވާ ރަސްމީ ދަތުރުފުޅުގައި އެއްވެސް އަސްކަރީ އެއްބަސްވުމެއްގައި ސޮއި ކުރަން ހަމަޖެހިފައި ނުވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު ބޭރުގެ ގައުމަކަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، މިއަދު ރައީސްގެ އަރިހުގައި އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން، "އަވަސް"އަށް ދެއްވި އިންޓަވިއެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ދޭ އެހީތަކުގެ ބަދަލުގައި އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖެއިން ފުރުސަތު ދޭން އުޅޭ ކަމަށް ބުނެ އާންމުންގެ މެދުގައި ވާހަކަތައް ފަތުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަޑީގައި ހުންނަވައިގެން ކަމަށެވެ. ޝާހިދު ވިދާޅުވީ މި ސަރުކާރުން އެއްވެސް ގައުމަކާ އަނެއް ގައުމެއް ޖެއްސުމަށް މަސައްކަތް ނުކުރާނެ ކަމަށާއި އިންޑިއާޔާ އެކު ވެސް ގުޅުން ބަދަހި ކުރަނީ ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް ބުރުނާރާނެ ގޮތެއްގެ މަތިން ކަމަށެވެ. އަދި ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތަކާ މެދު އާންމުންގެ މެދުގައި ފިތުނަ އުފެއްދުމުގެ ވާހަކަތައް އެއްވެސް ފަރާތަކުން ނުފެތުރުމަށް ޝާހިދު ގޮވާލެއްވި އެވެ.

"ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅުގައި އަސްކަރިއްޔާއާ ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރައްވާނެ. އަދި އިންޑިއާގެ އަސްކަރިއްޔާއާ އެކު އެއްބަސްވުމެއް ގާއިމްކުރުމުގެ މަޝްވަރާއެއް ވެސް މި ދަތުރުފުޅުގައި ނުކުރައްވާނެ،" އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދަތުރުފުޅުގެ އެންމެ މުހިންމު ކަމަކަށް ވާނީ، ދިވެހިންނަށް އިންޑިއާއިން ވިސާގެ ލުއިތަކެއް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރުމެވެ. އަދި އެ އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރަން އުފެދިގެން ދާނެ އާ ދޮރެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެ އެއްބަސްވުމުގައި އޮންނާނީ، އިންޑިއާއަށް އެކި ބޭނުންތަކުގައި ދާ ދިވެހިންނާއި އެގައުމުގައި ކިޔަވަން ތިބޭ ދިވެހި ކުދިންނާއި އެމީހުންގެ އާއިލާތަކަށް ވިސާގެ ލުއިތަކެއް އިންޑިއާއިން ހަމަޖައްސައިދިނުން ކަމަށެވެ.

"ކުރީ ސަރުކާރުގައި ބައެއް ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާއެއް ނުލިބުނު، ވިސާގެ ހިތްދަތިކަން އެ އާއިލާތަކުން ތަހައްމަލުކުރި، ހުރިހާ މީހުންނަކީ ދަރިން ސިންގަޕޫރަށް ފޮނުވުމުގެ ކުޅަދާނަކަން ހުރި ބައެއް ނޫން، އެންމެ ކައިރިން މިއޮތީ އިންޑިއާ، އެންމެ ގިނަ ދިވެހިން އުޅެނީ ވެސް އިންޑިއާގަ، އެހެންވެ އިންޑިއާގެ ހުރިހާ ވަސީލަތެއް ދިވެހިންނަށް ފުރިހަމަ ގޮތުގައި ލިބުން މީގެ ބޭނުމަކީ،" މިނިސްޓަރު ވިދާޅުވި އެވެ. "ރައީސް ޔާމީންގެ ސަރުކާރުގައި ދިވެހިންނަށް އިންޑިއާގައި ގިނަ އުނދަގޫތަކެއް ކުރިމަތިވި. އެ އުނދަގޫތައް ދެން ވެސް ހައްލުވެ، ލުއިތަކެއް ލިބުމަށް އެމަނިކުފާނު [ރައީސް ޔާމީން] ބޭނުންފުޅު ނުވޭ ކަން ނޭނގެ. އެހެންވެ ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދައްކަވަނީ. މި ސަރުކާރުން ބޭނުން ވަނީ ކުރީގެ ސަރުކާރުގައި ދިވެހިންނަށް އިންޑިއާގައި ލިބުނު ހިތްދަތިކަން ފިލުވާލުން،"

ޝާހިދު އަދި ވިދާޅުވީ، ވިޔަފާރިޔާއި އިންވެސްޓްމަންޓްތަކުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ވެސް ރައީސް މަޝްވަރާ ކުރައްވާނެ އެވެ. އެގޮތުން ރާއްޖެއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އިންޑިއާގެ އެހީތެރިކަން ހޯދުމާއި ބަޖެޓް ސަޕޯޓަށް ވީހާ ވެސް ކުޑަ އިންޓަރެސްޓް ރޭޓްގައި މާލީ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ މި ދަތުރުފުޅުގެ ސަބަބުން އުފެދިގެން މިދަނީ، ދެ ގައުމުގެ ދެމެދުގައި މުޅިންއާ ބާބެކެވެ.

"ރައީސްގެ ދަތުރުފުޅާއެކު އިންޑިއާ އާއި ރާއްޖޭގެ ގުޅުން އާ ހަރުފަތްތަކަކަށް އަދި އާ އުދަރެހަކަށް ވާސިލްވާނެ. ހާއްސަކޮށް ދިވެހިންނަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެއްބަސްވުންތަކެއް ދެ ގައުމުގެ ދެ މެދުގައި ސޮއި ކުރުމަކީ އޭގެ ހެއްކެއް،" މިނިސްޓަރު ވިދާޅުވި އެވެ.