އެފްސީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ފޮނުވާލާ ހިލޭ ޖެހުންތައް ދިފާއު ކުރާނެ ގޮތެއް އެނަލައިސްކޮށް ހޯދައި ދެނަގަތުމަށް ގޯލްކީޕަރުން ތެދުވެއްޖެ އެވެ.
ކުރީގެ ގޯލްކީޕަރުންނާއި މިހާރުގެ ކީޕަރުން ވަނީ، މެސީ ހިލޭޖެހުންތަކާ ބެހެގޮތުން ވާހަކަ ދައްކާފަ އެވެ. ބައެއް ކީޕަރުން ފާހަގަ ކޮށްފައިވާ ގޮތުގައި، ފާރެއްހެއް އެތުރިގެން ތިބޭ ކުޅުންތެރިން، ބޯޅައަށް ހުރަސް އަޅަން ތިބި ނަމަވެސް، ފާރުގައި ނުޖައްސައި ގޯލަށް ބޯޅަ އޮއްސާލުމުގައި މެސީ ތޫނުފިލި ކަމަށެވެ.
ބާސެލޯނާގައި ދާދި ފަހުން ވަނީ، މެސީ ފޮނުވާލާ ހިލޭ ޖެހުންތައް އެނަލައިސް ކުރުމަށް އެގްޒިބިޝަނެއް ބާއްވާފަ އެވެ. ވިލަ ރެއާލްގެ ކީޕަރު ސާޖިއޯ އެސެންހޯ ބުނީ މެސީގެ ހިލޭޖެހުމުން ބޯޅަ އަންނާނެ ދިމާ ލަފާ ކުރަންވެސް ކީޕަރުންނަށް އުނދަގޫވާ ކަމަށެވެ. އޭނާ ބުނީ މެސީ އިތުބާރާއެކު ބޯޅަ ފޮނުވާލާއިރުވެސް ކީޕަރުން ތިބެނީ ސުވާލު އުފެދިފައި ކަމަށެވެ.
"އޭނާ އެކިފަހަރު ހަދަނީ އެކި ގޮތްތައް، އެއީ އޭނާގެ އެންމެ މުހިންމު އުކުޅަކީ،" ސްޕެއިންގެ ގައުމީ ޓީމުގައި ކުރިން ހިމެނުނު އެސެންހޯ ބުންޏެވެ. "ބައެއް ފަހަރު އަހަރެން ހިނިވެސް އާދޭ، ޓީމުގެ ކުޅުންތެރިން ބުނާނެ ނިއާ ޕޯސްޓަށް އަންނަ ބޯޅަ އަހަރެން ދިފާއު ކުރަން ޖެހޭނޭ، ނަމަވެސް ހަގީތަކީ އޭނާ މާ ތޫނުފިލި ކީޕަރު ސީދާ ހުންނަ ފަޅިއަށްވެސް ބޯޅަ ފޮނުވާލަން."
މިފަހުން އެކަން އެންމެ ރަނގަޅަށް ތަޖުރިބާ ކޮށްފައި ވާނީ އެސްޕަންޔޯލްގެ ކީޕަރު، ޑިއޭގޯ ލޯޕޭޒް އެވެ. ކަޓަލާން ޑާބީގައި، އެސްޕަންޔޯލްގެ ދަނޑުގައި ބާސާ ކުޅުނު މެޗުގައި މެސީ ވަނީ ހިލޭޖެހުމުން ދެ ފަހަރު ލަނޑު ކާމިޔާބު ކޮށްފަ އެވެ.
މިހާރު ވެސްޓަހަމްއަށް ކުޅެމުންދާ، ރެއާލްގެ ބެޓިސްގެ ކުރީގެ ގޯލްކީޕަރު އެޑްރިއަން ވަނީ، ލޯޕޭޒް ކޮޅަށް މެސީ ވައްދާލި ހިލޭޖެހުމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
"އޭނާ ބޯޅައިގައި ޖަހަނީ ވަރަށް ބާރަށް، އަދި ބޯޅަ ފޮނުވާލަނީވެސް ވަރަށް މަތިން، ކީޕަރުންނަށްވެސް އަތްލަން އުނދަގޫވާ ހިސާބުން، ނުވަތަ އަތުގައި ޖެހުނަސް އަތުނުވާނެ ގޮތަށް،" އެޑްރިއަން ވާހަކަ ދެއްކި އެވެ. "އެސްޕަންޔޯލް ކޮޅަށް (މެސީ) ޖެހި ފުރަތަމަ ހިލޭ ޖެހުން ހުއްޓުވަން ވެގެން ޑިއޭގޯ ލޯޕޭޒް ވަނީ ދެތިން ފިޔަވަޅު ކުރިއަށް ޖެހިލާފަ، ނަމަވެސް އެ ބޯޅަ ހޯދުމުގައި އިތުރަށް ކުރެވޭނެ ކަމެއް ނެތް."