ހަބަރު

ރައީސް ސޯލިހް އިންޑިއާއަށް ފުރާވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އިންޑިއާއަށް ފުރާވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ. އެމަނިކުފާނުގެ އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރާއި އިންފްރާސްޓްރަކްޗަ މިނިސްޓަރު މުހައްމަދު އަސްލްމް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެލެއްވުމަށްފަހު މިއީ ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ ދައުތަވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް އިންޑިއާއަށް ފުރާވަޑައިގެންނެވީ އެ ގައުމުގެ ސަރުކާރުން ފޮނުއްވި ހާއްސަ މަތިންދާބޯޓެއްގަ އެވެ.

ތިން ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅުގައި އިންޑީއާއާއެކު މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ހަމަޖެހިފައި ވެއެވެ. އެންމެ މުހިންމު އެއްބަސްވުމެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ވިސާގެ ލުއިތަކެއް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރުމެވެ. ރައީސް ރާއްޖެ ވަޑައިގަންނަވާނީ އަންނަ އަންގާރަ ދުވަހު އެވެ.

ދަތުރުގެ ކުރިން މިނިސްޓަރު ޝާހިދު "އަވަސް" އަށް ވިދާޅުވީ، ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅުގައި އަސްކަރިއްޔާއާ ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރައްވާނެ ކަމަށެވެ. އަދި އިންޑިއާގެ އަސްކަރިއްޔާއާ އެކު އެއްބަސްވުމެއް ގާއިމްކުރުމުގެ މަޝްވަރާއެއް ވެސް މި ދަތުރުފުޅުގައި ނުކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދަތުރުފުޅުގެ އެންމެ މުހިންމު ކަމަކަށް ވާނީ، ދިވެހިންނަށް އިންޑިއާއިން ވިސާގެ ލުއިތަކެއް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރުމެވެ. އަދި އެ އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރަން އުފެދިގެން ދާނެ އާ ދޮރެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެ އެއްބަސްވުމުގައި އޮންނާނީ، އިންޑިއާއަށް އެކި ބޭނުންތަކުގައި ދާ ދިވެހިންނާއި އެގައުމުގައި ކިޔަވަން ތިބޭ ދިވެހި ކުދިންނާއި އެމީހުންގެ އާއިލާތަކަށް ވިސާގެ ލުއިތަކެއް އިންޑިއާއިން ހަމަޖައްސައިދިނުން ކަމަށެވެ.

ޝާހިދު އަދި ވިދާޅުވީ، ވިޔަފާރިޔާއި އިންވެސްޓްމަންޓްތަކުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ވެސް ރައީސް މަޝްވަރާ ކުރައްވާނެ އެވެ. އެގޮތުން ރާއްޖެއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އިންޑިއާގެ އެހީތެރިކަން ހޯދުމާއި ބަޖެޓް ސަޕޯޓަށް ވީހާ ވެސް ކުޑަ އިންޓަރެސްޓް ރޭޓްގައި މާލީ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ މި ދަތުރުފުޅުގެ ސަބަބުން އުފެދިގެން މިދަނީ، ދެ ގައުމުގެ ދެމެދުގައި މުޅިންއާ ބާބެކެވެ.

ރައީސް ސޯލިހް، އިންޑިއާއަށް ފުރާވަޑައިގެންފައިވާއިރު، ނަރެންދުރަ މޯދީ ވަނީ ރައީސް ސޯލިހްގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންފަ އެވެ. އަދި އެންމެ ފުރަތަމަ ހުވާކުރެެއްވުމަށްފަހު ރައީސް ސޯލިހް ބޭރުގެ ވެރިއަކަށް ބައްދަލުކުރެއްވީ ނަރެންދުރަ މޯދީއާ އެވެ. ރައީސް ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަނީ އިންޑިއާއާ ރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.