ހަބަރު

މަޖިލީހުގެ އިންތިހާބު އެޕްރީލް 6 ގައި

އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބު އަންނަ އެޕްރީލް 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަން ސެންޓަރު، ބާޖަމާލުއްދީންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ، އިންތިހާބަށް ކުރިމަތިލާން ހުޅުވާލަން ނިންމާފައި ވަނީ ޖެނުއަރީ މަހުގެ ފަހުކޮޅު ކަމަށާއި ވަގުތީ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަސް ކަމަށެވެ.

"މަޖިލީހުގެ އިންތިހާބުގެ އިންތިހާބް ބާއްވާނެ ވަކި ތާރީހެއް މަޖިލީހުން މިހާރު ވަނީ ނިންމަވާފައި، އެއީ 6 އޭޕްރީލް 2019 ވާ ހޮނިހިރު ދުވަހު، މަޖިލީހުގެ އިންތިހާބް ބާއްވަން އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ ފާސްކޮށްފަ. އަދި އެއާއެކީގައި ޑޭޓް އަދި ފައިނަލައިޒް ނުވި ކަމުގައިވީ ނަމަވެސް އިިންތިހާބަށް ހުޅުވާލުމަށް ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުން މިދަނީ ޖެނުއަރީ މަހުގެ ފަހުކޮޅުގައި، ވަގުތީ ޑޭޓެއްގެ ގޮތުގައި 28 ޖެނުއަރީ 2019ގައި އަޅުގަނޑުމެން ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނަން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، މިހާރު ކުރިއަށް ދަނީ އިންތިހާބީ ދާއިރާތަށް ފައިނަލް ކުރުމުގެ މަސައްކަތް ކަމަށާއި މީގެ ކުރިން މާލެ އަށް ދެ ދާއިރާއެއް އިތުރުވާނެކަން އިއުލާން ކޮށްފައިވާނެ ކަމަށެވެ. އަދި މައްޗަންގޮޅީގެ ދާއިރާތަކަށާއި ހެންވޭރުގެ ދާއިރާތަށް ފިޔަވާ މާލޭގެ އިތުރު ދާއިރާއެއްގެ ބައުންޑްރީސްއަށް ބަދަލު ނާންނާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

"ލ. އަތޮޅުގެ ގަމުގެ ދާއިރާގެ ބައުންޑްރީއަށް ކޮންމެސް ވަރެއްގެ ބަދަލެއް އެބަ އާދެ، އަޅުގަނޑުމެން މި ހަފްތާ ތެރޭގައި ބައުންޑްރީސްތައް ފައިނަލައިޒް ކޮށްފައި އާންމުކޮށް އިއުލާން ކުރާނަން، މިހާރު އިންތިހާބީ ދާއިރާތަށް ކަނޑައެޅުމުގެ ދުސްތޫރީ މައްސަލައެއް މިހާރު ވަނީ ހައި ކޯޓަށް އަމިއްލަ ފަރާތަކުން ހުށަހަޅާފަ، އެއީ އައްޑު އަތޮޅުގެ މަރަދޫ ފޭދޫ ވަކި ދާއިރާއެއް ކަނޑައެޅުމާއި އަދި މީދޫ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމަށް، މާދަމާ ޖަވާބުދާރީވާން އަންގާފައިވަނީ، އެހެންކަމުން އެއަށް ޖަވާބުދާރީ ވުމުގެ މަސައްކަތްތައް މިހާރު ކުރަމުން މިދަނީ،" ޝަރީފް ވިދާޅުވި އެވެ.

ކޯޓްގައި އެމައްސަލަ އޮތް ކަމުގައިވީ ނަމަވެސް ހައި ކޯޓުން ވަކި ގޮތަކަށް އަމަލު ކުރަން އަމުރުކޮށްފައިނުވާ ކަމަށާއި އެހެންކަމުން ކުރިންވެސް އަމަލު ކުރަމުން ގެންދާ އުސޫލުގެ މަތީން މިހާރުވެސް އަމަލު ކުރަމުން ގެންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އަދި ދާއިރާތަކުގެ ހިސާބުތައް ކަނޑައެޅުމުގައި ލަސްވުންތަކެއް މިކަމުގެ ސަބަބުން އަތުވެދާނެ ކަމަށާއި ނަމަވެސް އިންތިހާބު ލަސްވުމަށް އެއްވެސް ފުރުސަތެއް އޮތް ކަމަކަށް ގަބޫލު ނުކުރަށްވާ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، އިންތިހާބަށް ބޭނުންވާ ފައިސާ މިހާރު ވަނީ ބަޖެޓް ކުރެވިފައި ކަމަށާއި ފިނޭންސް މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގައިވެސް ވަނީ އެފައިސާ އެއްވެސް ދަތިކަމެއްނެތި ލިބިލައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަށް މިހާރު ވެސް ޕާޓީތަކުގެ ތެރޭގައި ކެމްޕެއިން ވަނީ ފަށާފަ އެވެ. ކޮންމެ ފަސް އަހަރަކުން އެއް އަހަރު ރައްޔިތުންގެ މަޖިލިސް ބާއްވާއިރު އަންނަ މަޖިލީހަށް ދެ ދާއިރާއެއް އިތުރު ކުރަން ވަނީ ނިންމާފަ އެވެ. މިހާރު 85 މެންބަރުން ތިއްބަވާއިރު، އަންނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާނެ އެވެ.