ހަބަރު

އިންޑިއާގެ ދަތުރުން ދިވެހިންގެ ޝަކުވާތަކަށް ހައްލު ލިބޭނެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަވައްޓެރި އިންޑިޔާއަށް މިއަދު ފައްޓަވާ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ދަތިވާ ކަންކަން އޮޅުން ފިލުވާ، އެކަންކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އިންޑިޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ދަތުރުން ލިބިވަޑައިގަންނަވާނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ގައުމުގައި ދިރިއުުޅުއްވާ ދިވެހި އާއިލާތަކާ ބައްދަލުކޮށް، އެ ބޭފުޅުންގެ ހާލު އޯލުން ފިލުވުން ކަމަށެވެ. އެގޮތުން އެ ފަރާތްތަކަށް ދަތިވާ ކަންކަން އޮޅުން ފިލުވާނެ ކަމަށާއި އެކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން އެންމެ އިސްކަމެއް ދީގެން ކުރައްވާނެ މަސައްކަތަކީ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަކޮށްދިނުމަށް އިންޑިޔާ ސަރުކާރާއެކު އެއްބަސްވުމެއް ގާއިމް ކުރުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އޭގެ ސަބަބުން ޑިޕެންޑަންޓް ވިސާ އާއި ބޭސްފަރުވާގެ ވިސާ ހޯދުމަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި ވިސާގެ އިތުރު ލުއިތަކެއް ވެސް ލިބިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން ސިއްހީ ދާއިރާ އާއި ސަގާފީ އަދި ދިފާއީ ކަންކަމުން ވެސް ގުޅުން ބަދަހިވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިންޑިޔާއަކީ ރާއްޖެއާ އެންމެ ފުރަތަމަ ސިޔާސީ ގުޅުން ގާއިމް ކުރި ފުރަތަމަ ގައުމު، އިންޑިޔާއިން ރާއްޖެއަށް ދޭ އެހީތެރިކަން އަބްދުވެސް ފާހަގަ ކުރާނަން، އަދި ކުރިމަގުގައި ވެސް ރާއްޖެއަށް ބޭނުންވާ ހުރިހާ ދާއިރާތަކުން އިންޑިޔާގެ އެހީތެރިކަން ލިބިގެންދާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ދެވަނައަށް އެންމެ އިސްކަމެއް ދޭނެ ކަމަކީ ރާއްޖޭގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުން ކަމަށާއި އެކަމާ ގުޅޭ ގޮތުން އިންޑީޔާ ސަރުކާރާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން އިންފްރާސްޓްރަކްޗާއަށް ބޭނުންވާ އިންވެސްޓްމަންޓުތައް ހޯދުމަށް ވެސް މަޝްވަރާކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއަދު ފައްޓަވާ ދަތުރުފުޅުގައި އިންޑިޔާގެ ބޮޑު ވަޒީރާއި އެ ގައުމުގެ ރައީސްއާ ބައްދަލުކޮށް، ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އެ ގައުމުގެ އިސްވެރިންނާ ވިޔަފާރިވެރިންނާ ބައްދަލުކޮށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދީ އެ ބޭފުޅުންގެ ޝައުގުވެރިކަން ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދު ކުރަނީ މިއީ ވަރަށް ކާމިޔާބު ދަތުރަކަށް ވާނެ ކަމަށް، އަދި މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެން ދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު އިންޑިޔާއަށް ފައްޓަވާފައި ވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ކުރައްވާ ފުރަތަމަ ރަސްމީ
ދަތުރުފުޅެވެ.