(13 ޑިސެމްބަރ 2018 އާ ގުޅޭ) -- "ސުބްޙާނައްﷲ... ބަލާބަލަ ލުގަލް، ބަލާބަލަ... މިހާ ރީތި ތަނެއް ދުށީންތަ؟" ރާޅުފަށް ފެންނަ ހިސާބަށް އާދެވުނު އީޝަލްއަށް ހުއްޓުން އެރިއެވެ. އާދެވިފައި ހުރީ ރަށުގެ ހުޅަނގު ފަރާތު އަތިރި މައްޗަށެވެ. ރާޅުފަށުގައި އެކީ އެކައްޗަކަށް އޮތީ ރެދަން ލާފައެވެ. ނޫކުލައިގެ އަލިކޮޅުތައް ރާޅާއެކު ނިވިދިއްލެމުންދިޔައެވެ. މިލަ ހަނދުވަރުގައި އަތިރިމަތި ނޫކުލައިގެ އައްޔަކުން ދިއްލިފައިވެއެވެ.
އާސޯޚުވެފައި ހުރެ އީޝަލް ރާޅުފަށަށް ފޭބިއެވެ. ފައިތަލައަށް ބާރުލައި ވެލިގަނޑުގެ ތެރޭ ފިޔަވަޅުގެ ނިޝާން އަރުވާލުމާއެކު ދުރަށް ޖެހިލައި ފައިއެޅިތަނުގެ ނިޝާނަށް ބަލާލިއެވެ. ހިލަންވުމާއެކު ރެދަންތަކުގެ ވިދުމަށް ބަދަލުއާދެއެވެ. މަޖާވެފައި ހުރެ މަޑުމަޑުން ކުރިއަށް އީޝަލް އައެވެ. އަތިތިރި މައްޗަށް ނުކުތީސުރެން ލުގަލްބަންދާ ފެންނަނީ އެކަމާ ގަޔާނުވެފައި ހުރިހެންނެވެ. ނަމަވެސް އޭނާ އީޝަލްއާއެކު މަޑުމަޑުން ކުރިއަށް އައެވެ.
ހިނގަމުން އައި އީޝަލްއަށް ހުއްޓުމެއް އައީ ލުގަލްބަންދާ އޭނާގެ ކުރި ބެއްދުމުންނެވެ. އަދި އޭނާގެ ނަގޫ އީޝަލްގެ އުނަގަނޑުގައި އޮޅާލައި އިހުނަށްވުރެ ވެސް އެ ސޮރާ ގާތްކޮށްލިއެވެ. އޭރު ލުގަލްބަންދާގެ ނަޒަރު ހުރީ މޫދަށް ހުއްޓިފައެވެ.
"ކާކު" އީޝަލްގެ ޚިއްސުތައް މަސައްކަތް ކުރަން ފެށުމާއެކު އެތަނުގައި އިތުރު މީހަކު ހުރިކަން އެނގުނެވެ. ލުގަލްބަންދާއަށް އައި ބަދަލު ފަހުމްވީ ދެނެވެ. ދެތިން ފަހަރަށް އީޝަލް ސުވާލުކުރުމަށްފަހު ލުގަލްބަންދާގެ ބުރަކަށީގައި ޖަހާލީ އެނބުރިދާން ބުނާ ފަދަ ގޮތަކަށެވެ. އޭރު ލުގަލްބަންދާ ވެސް އެ ސޮރުގެ އަނގައިން ބާރު އަޑެއް ލައްވައެވެ. ވަގެއްގެ ކަރުބުޑުން ލައްވާފަދަ އަޑެކެވެ. ހަރަކާތެއްކޮށްނުލާ ބަލަން އޮތް އިރު ލުގަލްބަންދާ އެ އޮތީ ވަރަށް ހުސިޔާރުވެކަން އީޝަލްއަށް އެނގެއެވެ. އެ ސޮރުގެ ލޯ މޫދާ ވަކިކޮށްލުމެއްނެތި ފަސްފަހަތަށް ދާންފެށީ އީޝަލް އެނބުރި ދާން ހިނގައިގަތުމުންނެވެ. އޭރު ވެސް އޭގެ ނަގޫ އޮތީ އީޝަލްގެ އުނަގަނޑުގައި އޮޅާލާފައެވެ.
"ދަނީތަ؟..." މޫދުގެ ތެރެއިން ޒުވާނެއްގެ އަޑު އިވުނެވެ. އީޝަލް މަޑުކޮށްލައި ބަލާލިއެވެ. އެތަނުގައި މީހަކު ހުރިކަން އެނގުނެއް ކަމަކު ލޮލަކަށް ނުފެނެއެވެ. އަޑު އައީ ތަންކޮޅެއް ދުރުންނެވެ.
"ކާކުތީ؟" އީޝަލް އެންމެ ފުރަތަމަ ވެސް ކުރި ސުވާލު ތަކުރާރުކުރިއެވެ. އެހިނދު ލޮނުގަނޑުގެ ތެރެއިން މީހަކު ބޯހިއްލާލިތަން ފެނުނެވެ. މަޑުމަޑުން އެ މީހަކު ލޮނުގަނޑުގެ ތެރެއިން އަރައިގެން އައެވެ. ހަމުގެ ކުލަ އަނދިރިކަމުން މިލަހަނދުވަރުގެ އަލީގައި އޭނާ ރީތިކޮށް ފެންނަ ގޮތެއްނުވެއެވެ. ނަމަވެސް ރެދަންތައް އޭނާގެ ވަށައިގެން ދިއްލިފައި ހުއްޓެވެ. އޭނާގެ ގައިގާ ވެސް ރެދަން ލާއްފައި ހުއްޓެވެ. އުނަގަނޑުން މަތި ފެންނަ ހިސާބަށް އާދެވުމުން އޭނަ މަޑުކޮށްލިއެވެ.
"ތި އޮތް ހައިވާނު މައިތިރިކޮއްބަލަ" އިރުކޮޅަކު ހުރެފައި ލޮނުގަނޑުގެ ތެރެއިން ފާޅުވި ޒުވާނާ ބުންޏެވެ. ހީވަނީ ކުރިއަށް އަންނަން އޭނާ ޖެހިލުންވަނީ ހެންނެވެ.
"ކަލޭގެ ފަރާތުން ނުރައްކަލެއްނެތްނަމަ އޭނާ ކަލެއަކަށް ކަމެއްނުކުރާނެ" ލުގަލްބަންދާގެ ބޮލުގައި ފިރުމާލަމުން އީޝަލް ބުންޏެވެ. އެއާއެކު އެ ޒުވާނާ މޫދުން އަރައިގެން އައިސް ދިޔަރެސްފަށުގައި މަޑުކޮށްލިއެވެ. އޭނާގެ ފައިގައި ރާޅު ބޮސްދީފައި ދާއިރު ވެލިގަނޑުގެ ތެރެއަށް އޭނާގެ ފައިތިލަ ގެނބިގެން ނުދެއެވެ. އޭނާގެ ފައިންފެށިގެން ބޮލަށް އީޝަލް ބަލާލިއެވެ. އުނުގައި އަނދެފައި އޮތް ފޮތިކޮޅު ފިޔަވައި އޭނާގެ ގަޔަކު ފޭރާމެއްނެތެވެ. މޫދުން އެރުމުން އޭނާގެ ގައިގާ އިހު ހުރި ރެދަންގެ އަސަރެއް ވެސް ނެތެވެ.
"އަހަރެން ދިން ހަދިޔާ ރަނގަޅުތަ؟" ކުއްލިއަކަށް ހުރެފައި އޭނާ ބުނެލިއެވެ.
"ކޮން ހަދިޔާއެއް؟" އީޝަލް ބުނެލިއެވެ. އެއާއެކު އޭނާ ކުޑަކޮށް ހީނލިއެވެ. އެ މޫނުން ޅަގޮތް ފާޅުވެއެވެ. ހިނިތުންވެލުމުން އެގޮތް މާބޮޑަށް ފާހަގަވެއެވެ. ކުރުކޮށް ހުރި ބޮލުގެ އިސްތަށި ހުރީ މުޅިން ހުދަށް ނުވާ، އަޅިކުލައަކާއި މަޑުނޫކުލައެއް އެކުވެފައި ހުރި ފަދަ ކުލައެއްގައެވެ. ބުމައާއި އެސްފިޔަތައް ވެސް ހުރީ އެގޮތަށެވެ. ހަމުގައި އާދަޔާ ޚިލާފު ދިހުންކުލައެއް ހުއްޓެވެ. ނަމަވެސް އެކަން ފާހަގަވަނީ އައްޔެއް އެޅުނީމައެވެ.
"ކުރިން ދުވަހު ފުއްޓަރު ފަރާތުގައި ހުއްޓާ ބޮއްޔެއް ދިނީމެންނު" އެ ޒުވާނާ ބުނެލިއެވެ.
"އެއީ ކަލޭތަ؟... އެ ކަޅުވެންބޮޑުމަހަކީ ކަލޭ ކުރި ކަމެއް ދޯ" އީޝަލްއަށް ހަނދާންވުމާއެކު ބުނެލިއެވެ. އެއާއެކު އަނެއްކާ ވެސް އޭނާ ލާނެތް ގޮތަކަށް ހީނލަމުން ބޯޖަހާލިއެވެ.
"ކޮބާ ކަލޭގެ ބޭނުމަކީ؟" އީޝަލް އެއްސެވެ.
"ކަލެއާ ވާހަކަދައްކާލާހިތްވީ، މި ރަށުން އަހަރެން ދުށް އެންމެ ތަފާތު ކުއްޖާ ތީ؟ ކަލޭމެންގެ މީހުން އުޅެނީ ރަށުގެ މެދުތެރޭގަތަ؟ މި ނޫނީ ދުވަހަކުވެސް ނުދެކެން" އެ ޒުވާނާ ވާހަކަދެއްކިއެވެ.
"އަހަރެމެންގެ މީހުން ތިބިތަނެއް ހޯދަނީ ކީއްކުރަން، އަދިވެސް ތީ ކާކުކަމެއް ނުބުނަމެންނު" އީޝަލް ބުންޏެވެ.
"ހާދަ ރުންކުރުކޮށޭ ތި ވާހަކަދައްކަނީ، އަހަރެން މީ ދާރިއުސް، ވާހަކަދައްކާލަން މަޑުކޮށްލަބަލަ" ދާރިއުސް ބުނެލިއެވެ. އެހިނދު އަނެއްކާ ވެސް ލުގަލްބަންދާ ނުރުހުންވެފައި އޮތްހެން ކަރުބުޑުން އަޑެއް ލައްވާލިއެވެ. އަދި އީޝަލްއަށް ބަލާލި ގޮތުން އޭނާ އެ އެދެނީ އެތަނުން ދިއުމަށްކަން ޚުދު އީޝަލްއަށް ވެސް އެނގެއެވެ. އެހެންވިޔަސް އީޝަލް ވެސް ހުރީ މި ދިމާވި ގޮތްނޭނގޭ ޖިންނީގެ ކަންކަމަށް ޝައުގުވެރިވެފައެވެ. އޭނާގެ ވާހަކަތައް އޮޅުންފިލުވަން ބޭނުންވެފައެވެ. އޭނާގެ ފަރާތުން ނުރައްކަލެއްނެތްއިރު ވާހަކަދައްކާލުމަކުން ލިބޭނެ ގެއްލުމެއްނެތްކަމުގައި އީޝަލްއަށް ވިސްނުނެވެ.
"އީޝަލް... އަހަރެންނަށް ކިޔަނީ އީޝަލް" އީޝަލްގެ އަޑުގައި ކުރިން ބެހެއްޓި ރުންކުރުގޮތް ކަނޑާލައި އާދައިގެ ގޮތަކަށް ބުންޏެވެ.
"ދާރިއުސް މި ރަށަށް އައީ ކީކުރަން؟ ކީއްވެ އެ ދުވަހު އެހާ ދުރުން އުޅުނީ، އަހަރެމެންނާ ބައްދަލުކުރަން ނައީ ކީއްވެ؟" އީޝަލް އަހާލިއެވެ.
"އަހަރެން އެހެންލާފައި ދަނިކޮށް ފަރުމަތިން އީޝަލް ފެނުނީ، އަހަރެންގެ ބޭބެ މަނާކޮށްފައި އޮތީ ރަށުތެރޭ އުޅޭ ޖިންނީންނާ ވާހަކަދެއްކުން، އީޝަލް މި ހިސާބުން ފެންނަ ޖިންނީންނާ ވަރަށް ތަފާތު، އެ ދުވަހު އަހަރެން އެކަނި ހުރީ... ހިތަށް އެރީ ގާތުން ބަލާލަން، އީޝަލްއާއެކު ދެން ހުރީ ކާކުތަ؟ އޭނާ އަޅާފައި ހުރި ހެދުމުން އެއީ އާދައިގެ ޖިންނިއެއްނޫންކަން އެނގޭ، ކައިރިއަށް ދާން އަހަރެންނަށް ނުކެރުނީ... ކުޑަކޮށް ބިރުގަތީ... ހެ ހެ ހެ ހެ... އަހަރެން އަސްލު ފިނޑީކީނޫން އިނގޭ... ކެއްސެއް ލިބިދާނެތީ ނުދިޔައީ، ބޭބެމެންނާ ވަކިން އަހަރެން އުޅެނިކޮށް ކަމެއްވެއްޖެއްޔާ އަހަރެންނަށް ޖެހޭނީ އެނބުރިދާން" ދާރިއުސްގެ ވާހަކަތަކުން އީޝަލްއަށް ހެވުނެވެ. އޭނާ ބިރުގަތްކަމަށް ބުނެފައި އަނެއްކޮޅުން އެހާ އަވަހަށް ބިރެއްނުގަންނާނޭ ބުނެ އެކަމަށް ބާރުދިނުމުގެ ގޮތުން އެތައް ވާހަކައެއް ދެއްކުމުން އީޝަލްއަށް އެކަން މަޖާވީއެވެ.
"މިހާރު ވެސް ތިއުޅެނީ ދާރިއުސް އެކަނިތަ؟" އީޝަލް އަހާލިއެވެ.
"އެ މީހުން އަތިރިމަތީގައި އެބަތިބި، އެކަމަކު ތަންކޮޅެއް ދުރުގައި... އެކޮޅަށް ހިނގައްޖެއްޔާ އެ މީހުންނާ ބައްދަލުވާނެ، އެކަމަކު އިހަށް މިތާ މަޑުކޮށްލަންވީނު އަހަންނާ ވާހަކަދައްކާލަން" ދާރިއުސް ބުންޏެވެ.
"އެހެންވީރު އަހަރެން ކުރާ ސުވާލުތަކަށް ތެދަށް ޖަވާބުދޭނަންތަ؟ އޭރުން އެކޮޅަށް ނުގޮސް މަޑުކޮށްފާނަން" ސަމާސާގޮތް އެކުލެވޭ ފަދަ ގޮތަކަށް ހީނލަމުން އީޝަލް ބުންޏެވެ.
"ކޮންކަމެއް އީޝަލް އެނގެން ބޭނުންވަނީ" ދާރިއުސް އެއްސެވެ.
"ކީއްވެ މިރަށަށް އައީ؟ ޖިންނީންގެ ތެރެއިން ކަނޑުގެދަރީންތަކެއް އުޅޭކަން އަހަރެން ވެސް އަޑުއެހިން، ކޮންތާކު ދާރިއުސްމެން އުޅެނީ؟... ދާރިއުސްގެ ޢާއިލާމީހުންނާއެކުތަ އައީ... ބޭބެމެންނޭބުނި، އެހެންވީމަ ތީ އެންމެ ހަގަށް ހުންނަ ކުއްޖާތަ؟" ވެލިގަނޑުމަތީ އީޝަލް އިށީނެވެ. އޭނާގެ ގާތުގައި ލުގަލްބަންދާ ބަނޑުޖެހިއެވެ.
"ފެންއޮތް ކޮންމެ ތަނެއްގައި އަހަރެމެން އުޅެން، ބޭނުންވެއްޖެނަމަ އެއްގަމުގައި ވެސް އުޅެން، އަހަރެންގެ ގިނަވަގުތު އަހަރެން ހޭދަކުރަނީ ބޭބެމެންނާއެކު، އަހަރެމެންގެ ތެރޭ އެންމެ ދޮށީ ރައުލް، އެކަމަކު ޢާއިލާގައި އެންމެ ދޮށީ ރައުލްއެއްނޫން، އަދި އެންމެ ހަގީ އަހަރެންނެއް ވެސް ނޫން، އަހަރެމެންގެ އެއްބަފާ ކުދީން ސަތޭކައަށްވުރެ ގިނަ، އެ އެންމެން ޚުދު އަހަންނަށް ވެސް ނޭނގޭ، އެމީހުންގެ ތެރެއިން ބައްޕައާ އެންމެ އަރިސްކޮށް އުޅޭތަން އަބަދުވެސް ފެންނަނީ ރައުލް، އޭނާއަކީ ކުޅަދާނަ ބާރުގަދަ ޖިންނިއެއް، އީޝަލް އަޖައިބުވާނެ... އެކަމަކު ބުނަން... އޭނާއާ ބައްދަލުވުމަށްވުރެ ރަނގަޅުވާނީ ނުވިއްޔާ، އޭނާ ވަރަށް ހަރުކަށިވާނެ، ބައްޕަގެ ހުރިހާ އުސޫލަކަށް ބޯލަނބާނެ، އަހަރެމެން އުޅޭތަން ދޯ... އަހަރެމެންގެ ކިއްލާ ހުންނަނީ ވަރަށް ދުރުގައި، އެކަމަކު މިހާރު ހުރީ ހިންދުކަނޑުތެރޭ، މިރަށަށް އާދެވުނީ ކަނޑުގައި ދަތުރުކުރަނިކޮށް، މާބޮޑު ގަސްދެއްނެތި، ރަށަކީ ތަފާތު ރަށެއްކަން އަހަރެމެންނަށް އެނގުނީ މިހިސާބަށް އާދެވުނީމަ، އެތައް ނަސްލެއް އެއްތަނަކުން އަހަރެން ދުށް މީ ފުރަތަމަ ފަހަރު، އެ ދުވަހު ފަރުމަތީ ތިބެފައި އީޝަލް މައްޗަށް އަރައިގެން ދިޔައިރު އަހަރެން ދުށީން... ދެ ފިޔަފަތްގަނޑު ހާދަ ރީއްޗޭ، އެ ސިފައިގައި އީޝަލްވަކިން ރީތި" ރަކި ހިނިތުންވުމަކާއެކު ދާރިއުސް ބުނެލިއެވެ. އޭނަ އިސްޖަހާލިގޮތުން ހީވީ އޭނާ ވެސް ލަދުގަތީހެންނެވެ.
އީޝަލްއާއި ދާރިއުސް ވާހަކައިގައި ތިއްބެވެ. އެ ބައްދަލުވުމުން އެ ދެމެދުގައި އެކުވެރިކަމެއް އުފެދިއްޖެކަމުގައި އީޝަލްއާއި ދާރިއުސްއަށް ވެސް ޤަބޫލުކުރެވުނެވެ.
"ތީ އީޝަލް އޮޅުކޮށްގެން ގެންގުޅޭ އެއްޗެއްތަ، ނަމެއް ކިޔާތަ؟... އެ ސޮރު ހީވަނީ އަހަރެންނާ މެދު އަދިވެސް ހިތްހަމަނުޖެހިފައި އޮތްހެން" ލުގަލް ބަންދާއަށް އިޝާރަތްވާނޭހެން ދާރިއުސް އެއްސެވެ. އެއާއެކު ލުގަލްގެ ބޮޑެތި ދިގު ދަތްތައް ފެންނަ ވަރަށް އަނގަ ހުޅުވާލައި ދާރިއުސްއާ ދިމާއަށް ހަޅޭލަވައިގަތެވެ.
"ލުގަލް... ތީއެއްނޫނެއްނު މީހުންނާ މުޚާޠިބު ކުރާނެ ގޮތަކީ، ދާރިއުސް އަހަރެންނަށް ގެއްލުމެއްދޭކަށް ނޫޅެއެއްނު" ލުގަލްގެ ބޮލުގައިވި ދެ ދަޅުން އެއްދަޅުގައި ހިފާލުމާއެކު އީޝަލް ބުންޏެވެ. ނުރުހުންފާޅުކުރަން ބޭނުންވިޔަސް ލުގަލްބަންދާ އެކަން ފަރުދާކޮށްލައި އީޝަލްގެ ކުރިމަތީ ބޯޖަހާލިއެވެ. އަދި ދާރިއުސްގެ ކުރިމަތީ އިހުނަށްވުރެ އީޝަލްގެ ގާތަށް ލުގަލްބަންދާ ޖެހިލިއެވެ.
"މީ ލުގަލްބަންދާ، އެއީ ޖަނަވާރެއްނޫން އޮޅުންކޮށްގެން ގެންގުޅޭކަށް، ދާރިއުސް އޭނާއަށް ހައިވާނެކޭ ދެން ނުބުނާތި، އޭނާއާ ވާހަކަދައްކަންވާނީ އޭނާގެ ނަމުން، އަހަރެންގެ ވަރަށް ގާތް މީހެއް ލުގަލްއަކީ" އީޝަލްގެ ވާހަކަތަކުން ލުގަލްބަންދާގެ ދެ ލޮލުގެ ވިދުން ގަދަވިއެވެ. އަދި ފަޚްރުވެރިކަމާއެކު ބޯހިއްލާލައި ދާރިއުސްއަށް ބަލާލައި މަޑުމަޑުން އަޑެއްލައްވާލިއެވެ.
"މައްސަލައެއްނެތް، އީޝަލްގެ ގާތް މީހަކަށް އަހަރެން ވެސް އިޚްތިރާމުކުރާނަން، ލުގަލް... ހައިވާނެއްގެ ސިފައިގައި ކަލޭ އޮތުމުން އަހަރެންނަށް އެހެން ބުނެވުނީ، ހައިވާނު އެއްޗެހީގެ ރޫހުގެ ވަށައިގެންވާ ފަދަ ބާރެއް ކަލޭގެ ވަށައިގެންވަނީ، ނުރައްކާތެރިކަމާއި ލެޔަށްފެންބޮވައިގަނެފައިވާ ކަހަލަ" ދާރިއުސް އިނީ ލުގަލްބަންދާއަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާ ވެސް ކަމެއް ދެނެގަންނަން މަސައްކަތް ކުރަނީ ކަހަލައެވެ. އެކަކު އަނެކަކާ ބެހޭ ގޮތުން ދާރިއުސްއާއި އީޝަލް ސުވާލު ކުރަމުންދިޔައެވެ.
ދިޔަރެސްފަށުގައި އިށީނދެ އިން ދާރިއުސް ކުއްލިއަކަށް ތެދުވިއެވެ. އޭރު އީޝަލް ވެސް ކޮޅަށް ތެދުވެއްޖެއެވެ. އިހު ކަންތައްކުރި ފަދައިން ލުގަލްބަންދާ ހަތަރެސްފައިގެ މައްޗަށް ތެދުވިގޮތަށް އޭނަގެ ނަގޫ އީޝަލްގެ ގައިގާ އޮޅާލައި ވައަތްފަރާތަށް އެނބުރިލިއެވެ. ކުރިމަތީގައި ކަހަލަ ގޮތަކަށްވާ އަނދިރިގަނޑުގެ ތެރެއިން އެވަގުތު ބަޔަކު ފާޅުވިއެވެ.
"ދާރިއުސް..." އަތިރިމަތީން ހަތަރު ފިރިހެނުން ފާޅުވެ އެ ތަނުން އެކަކު ގޮވާލިއެވެ. އެ މީހުން ފާޅުވިތާގައި ހުރި ރުކެއްގައި ލެނގިލައިގެން ހުރި މީހާގެ ސިފަ ވަކިކުރާކަށް ނޭނގެއެވެ. އަނދިރިކަމަށްވުރެ ގަދަ އަނދިރިގަނޑަކުން އުފެދިފައި ހުރި ކަޅު ހިޔަންޏެއް ފަދައެވެ. ދެން ތިބި ތިންމީހުންގެ ސިފަ އީޝަލްއަށް ފެނުނެވެ. ދާރިއުސްއާ މާބޮޑު ތަފާތެއް ނެތެވެ.
"ރަށުތެރޭގެ ކަންތައްތަކާ ނުބެހޭށޭ ރައުލް ނުބުނޭތަ؟" ހަށިގަނޑު ހިމަވެފައި އިސްކޮޅުން ދިގުކޮށް ހުރި ޒުވާނާ ބުންޏެވެ. އޭނާގެ އިސްތަށިގަނޑު ބުޅިވެފައި ކޮނޑާ ހަމައަށް ފައިބާފައި އޮތެވެ. އަލިއެޅިލާ ގޮތުން އޭނާގެ ހަމުގައި ރަންކުލައިގެ ވިދުމެއް ހުއްޓެވެ.
"ސޭމެސް" ކަންބޮޑުވެފައިވާ ފަދަ ގޮތަކަށް ދާރިއުސް ބުނެލިއެވެ. އެއާއެކު ދެންމެ އެ ވާހަކަދެއްކި މީހަކީ ސޭމެސްކަން އީޝަލްއަށް އެނގުނެވެ. ނަމަވެސް އެންމެ ފުރަތަމަ ވާހަކަދެއްކި މީހާއަކީ ކާކުކަމެއް އަދިވެސް ނޭނގެއެވެ.
"މީ ކޮންކުއްޖެއްތަ؟... ހިތްދަމައިގަންނަ ފަދަ ރީތިކަމެއް، ޕަރީންގެ ތެރެއިން ބަޔަކު މި ރަށުގައި އުޅެނީތަ؟ ދާރިއުސް... ކަލޭ މިކަހަލަ ކަމެއް ކުރާވަރަށްވުރެ އަދި މާ ޅަ" ހިނިތުންވެލައިގެން ހުރެ ކުރިއަށް ފިޔަވަޅެއް އެޅި ޒުވާނާ ބުނެލިއެވެ. އޭނާގެ އިސްތަށިގަނޑު ކަންފަތް ކައިރިން ހުރީ ކުރުކޮށެވެ. ނަމަވެސް ނިތްކުރިމަތިން ފެށިގެން ގަތާލައި ފަހަތަށް ދޫކޮށްލައިފައި ބައެއް އޮތެވެ. އޭނާގެ ލޮލުގައި ތަފާތު ވިދުމެއްވިއިރު ތުންފަތުގައިވަނީ މާނަފުން ހިނިތުންވުމެކެވެ. ޖެހިލުންވީވަރުން އީޝަލްއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެމީހެއްގެ ގަސްދާމެދު އީޝަލްގެ ހިތްބިރުގަތީއެވެ. އީޝަލްގެ އެ ހަރަކާތުން ލުގަލްބަންދާ ވަކިން ސަމާލުކަމަށް އައެވެ.
"ރާވިން... އަހަރެން ރަށުތެރޭގެ އެއްވެސް ކަމަކާ ނުބެހެމޭ، މީ... މީ އީޝަލް، އޭނާ ހިނގާލަން ނުކުމެ އުޅެނިކޮށް މިތަނުން އަހަރެމެން ބައްދަލުވީމަ ވާހަކަދައްކާލަން މަޑުކޮށްލީ، އިތުރު އެއްވެސް ކަމެއްނެތް... މީ އެ މީހުންގެ ރަށެއްނު" ކުއްލިއަކަށް ދާރިއުސް އައިސް އީޝަލްގެ ކުރިމަތީ ހުއްޓެމުން ބުނެލިއެވެ. ހީވީ ކުރިމަތީ ހުރި ރާވިން އިތުރު ފިޔަވަޅެއް އީޝަލްއާ ގާތަށް އަޅާ ފާނެތީ ހުއްޓުވީ ހެނެވެ.
"ރައުލް... ހަމަތެދެއް މިބުނީ... މީ ތި ހީކުރާކަހަލަ ކަމެއްނޫން" އާދޭސްކުރާ ފަދަ ގޮތަކަށް ދާރިއުސް ބުންޏެވެ. ރުކުގައި ލެނގިލައިގެން ހުރި މީހަކު ހުރިހާކަމެއް ބަލާކަން އީޝަލްއަށް އެނގެއެވެ. ރައުލްއަކީ އޭނާކަން އީޝަލްއަށް ޔަގީންވީ އެ މީހަކު އެތަނުގައި ހުރެފައި ފުރަގަސް ދީ ދާން ހިނގައިގަތުމުންނެވެ.
"ރާވިން، ސޭމެސް، އާދޭ.... ދާރިއުސް..." ރައުލް ހުއްޓި ފަހަތަށް ބަލާލަމުން ބުންޏެވެ. ނަމަވެސް އެ އަޑެއް އީޝަލްގެ ކަންފަތަކަށް ނުއިވުނެވެ. ދާރިއުސް ބޯޖަހާލި ގޮތުން އެ ދެމެގައި މުޢާމަލާތެއް ހިނގައިފިކަން އީޝަލް ދެނެގަތެވެ. ދެންތިބި އެންމެން ރައުލްގެ ކުރިން ހިނގައިގަތެވެ. ރައުލް ވެސް އެމީހުންނާއެކު ވަކި ހިސާބަކަށް ގޮސް މަޑުކޮށްލިއެވެ.
"އީޝަލްގެ އެކުވެރިއަކަށްވާން ވަރަށް ބޭނުން، އަހަރެމެން އެހާ އަވަހަށް މިތަނަކުން ނުދާނަން، އެކަމަކު މިރޭ ދެން މަޑެއްނުކުރެވޭނެ، އެހެންނޫނީ ރައުލް ރުޅި އަތުވެދާނެ، އޭނާ އެ މަޑުކުރަނީ އަހަންނަށް، އަދި އަނައްޗޭ މޫދުކައިރިއަށް" ވަރަށް އަވަސް އަރުވާލައިފައި ސިއްރުން ކަހަލަ ގޮތަކަށް ދާރިއުސް ބުނެލިއެވެ.
"ވަރަށް ރީތި ބޮއްޔެއް ދޭ މަތިން އަތުވެދާނަން، އެކަމަކު ޔަގީންކަމެއް ނެތް ދެން އާދެވޭނީ ކޮންއިރަކުންކަމެއް" އީޝަލް ބުނެލިއެވެ. އެ ބުނުމުން ދާރިއުސް އުފާވިކަން އޭނާގެ މުނުން ފާޅުވިއެވެ. ހިނިތުންވުމެއް ބަދަލުކޮށްލައި ދުވެފައި ކަހަލަ ގޮތަކަށް ރައުލްއާ އަރާ ހަމަކުރިއެވެ. ރައުލްއަށްވުރެ އިސްކޮޅުން ކުރު ދާރިއުސް އެހެން މީހުންނާ އަރާ ހަމަކުރިއެވެ. އެވަގުތު ރައުލް ފަސްއެނބުރި ބަލާލިއެވެ. އެ ދެ ލޯ ނުފެނުނު ކަމުގައި ވިޔަސް އެ ބެލުމުގެ އަސަރު އީޝަލްއާ ހަމައަށް ފޯރިއެވެ. ޖެހިލުންވިވަރުން ދެ އަތުގެ ތެރޭ ހެދުމުގެ ދެ އަރިމަތިން ބައެއް ބޮނޑިކޮށްލެވުނެވެ. (ނުނިމޭ)