ހަބަރު

މަޖިލިސް އިންތިހާބުގެ ރީރެޖިސްޓްރޭޝަނަށް ބަދަލުތަކެއް

އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބްގައި ރީ ރެޖިސްޓާ ކުރަންޖެހޭނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން ކަމަށާއި އަދި ރީރެޖިސްޓާ ކުރާ ފޯމް އޭގެ ވެރިފަރާތް ނޫން އެހެން ފަރާތަކުން ހުށަހަޅާނަމަ އެފަރާތުގެ އިގުރާރަކާއެކު ނޫނީ ފޯމް ބަލައި ނުގަންނާނެ ކަމަށް އިލެކްޝަން ކޮމިޝަން، އީސީ އިން ބުނެފި އެވެ.

އިލެކްޝަން ސެންޓަރު، ބާޖަމާލުއްދީނުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ، ވޯޓާސް ލިސްޓް ފައިނަލައިޒް ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި މާލެ އާއި އައްޑޫ ސަރަހައްދުގެ ވޯޓާސް ލިސްޓް ފައިނަލް ކުރުމަށްޓަކައި ފިޒިކަލް ސާވޭއެއް ހަދަންޖެހޭ ކަމަށެވެ.

"ސަބަބަކީ ބްލޮކްތަކަށް ކޮންމެސް ވަރެއްގެ ބަދަލުތަކެއް އައިސް އަދި އިތުރު ގެތަކެއް އޭގެ ތެރެއަށް ހިމެނިފައިވާތީވެ މި ދެ ސަރަހައްދުގައި އަޅުގަނޑުމެންނަށް ފިޒިކަލް ސާވޭއެއް ކުރަން ޖެހިދާނެ ކަމަށް ލަފާކޮށް އެމަސައްކަތް ކުރުމަށް ތައްޔާރީތައް ވަމުން މިދަނީ، ކަނޑައެޅިފައިވާ ތާރީހުގެ ތެރޭގައި ވޯޓާސް ލިސްޓް އާންމު ކުރާނަން،" ޝަރީފް ވިދާޅުވި އެވެ.

"ވޯޓާސް ލިސްޓް އިއުލާން ކުރުމާއެކީގައި އޭގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ މައުލޫމާތު ސައްހަތޯ ނުވަތަ ނޫންތޯ ނުވަތަ ކަނޑައެޅިފައިވާ ދާއިރާއަކީ އެބޭފުޅާގެ ހަމަ ހަގީގަތުގައިވެސް ދާއިމީ އެޑްރެސް އޮންނަ ދާއިރާތޯ ނުވަތަ ނޫންތޯ ބެއްލެވުމަށްފަހުގައި ފަރުދީ ހައިސިއްޔަތުންވެސް އަދި ޕާޓީތަކުންވެސް އަދި އެހެނިހެން ޖަމާއަތްތަކުންވެސް ވޯޓާސްލިސްޓް ސައްހަކަން ކަށަވަރު ކުރުމަށްޓަކައި މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް އެދޭ އެދުމެއް،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، މިފަހަރު ރީރެޖިސްޓްރޭޝަނަށް ހުޅުވާލާނީ މިދިޔަ ރިޔާސީ އިންތިހާބްގައި ވޯޓްލާން ރެޖިސްޓާވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓްލާން ރެޖިސްޓާވާން ބޭނުންވާ ފަރާތްތަކަށް ކަމަށެވެ.

"ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓާސް ރެޖިސްޓްރޭޝަންގައި ދިމާވި މައްސަލަތައް ހައްލު ކުރުމަށްޓަކައި އަޅުގަނޑު މިފަހަރު ވަނީ ވޯޓާސް ރެޖިސްޓްރޭޝަން ފޯމްގައި ވަރަށް މުހިންމު ބައިތަކެއް ހިމަނާފައި، އެއީ ވޯޓް ރެޖިސްޓްރީކުރަން ބޭނުންވާ ފަރާތް ނޫން އެހެން ފަރާތެއް ވަޑައިގަންނަވާނަމަ އެމީހާގެ އިގްރާރަކާއެކީގައި، އެއީ އެފޯމަކީ ސައްހަ ފޯމެއްކަމާއި އެފޯމަކީ ސައްހަ ފޯމެއް ނޫންކަމަށް އެއްވެސް ޝަރުއީ މަރުހަލާއެއްގައި ސާބިތުވެއްޖެ ކަމަށްވާނަމަ ފުރިހަމަ ޒިންމާ އެހިފައިގެން އަންނަ ފަރާތުގެ އިގްރާރަކާއެކީގައި ވޯޓާސް ރެޖިސްޓްރީ ފޯމް ބަލައި ގަންނާނީ،" ޝަރީފް ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބްގައި ވަނީ ރީރެޖިސްޓްރޭޝަންގެ ގިނަ މައްސަލަތަކެއް ދިމާވެފަ އެވެ. އެގޮތުން ރީ-ރަޖިސްޓާ ކުރުމަށް ހުޅުވާލި ފުރުސަތުގައި ސައްހަ ނޫން ފޯމްތަކެއް ހުށަހަޅާފައިވާ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އަދި އެފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އީސީން ވަނީ ބުނެފަ އެވެ.