އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ހުޅުވާލައިފި އެވެ. އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން، އީސީއިން ހުޅުވާލީ މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އިލެކްޝަން ކޮމިޝަންގެ އާ ލޯގޯ އާއި ކުލަ ލޯންޗުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މާދަމާއިން ފެށިގެން މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ހުށަހެޅޭނެ ކަމަށެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހު އެވެ.
އެ އިންތިހާބަށް ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީތައް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ދިން މުއްދަތު މިއަދަށް ވަނީ ހަމަވެފަ އެވެ. އެމްޑީޕީއިން ވަނީ މީގެ ދެ ހަފުތާ ކުރިން އެ ޕާޓީގެ ޕްރައިމަރީ ބާއްވައި، އެ ޕާޓީގެ ޓިކެޓް ދޭނެ 86 ކެންޑިޑޭޓަކު ހޮވާފަ އެވެ.
އަދާލަތު ޕާޓީއިން ވެސް އެއް ދާއިރާއެއްގެ ޕްރައިމަރީ މިދިޔަ ހުކުރު ދުވަހު ބާއްވާފައިވެ އެވެ. އެ ޕާޓީއިން ކުރިމަތިލާން ނިންމާފައިވަނީ 13 ދާއިރާއަކަށެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓް ވާދަކުރުމަށް އެ ޕާޓީއިން ހުޅުވާލި މުއްދަތު ވެސް ހަމަވެފައިވާއިރު އެ މީހުންނާ އިންޓަވިއު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއިދުގައި މަޖިލިސްއަށް ވާދަކުރުމަށް ޝައުގުވެރި މީހުންގެ އިންޓަވިއު ވެސް ދަނީ ކުރަމުންނެވެ.
ޕީޕީއެމްގެ ޓިކެޓްގައި ވެސް ކެންޑިޑޭޓުންތަކެއް މަޖިލިސް އިންތިހާބަށް ނުކުންނާނެ ކަމަށް އެ ޕާޓީއިން ބުނެ އެވެ. ޕީޕީއެމްއިން ތެރެއިން އަލަށް އުފައްދާ ޕީއެންސީއިން ވެސް މަޖިލީހަށް ކެންޑިޑޭޓުން ނެރުމަށް ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން އަލަށް އުފެއްދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީ ޕާޓީ އާއި ލޭބާ ޕާޓީއިން އިންތިހާބަށް ނުކުންނަން ވަނީ ނިންމާފަ އެވެ.
މަޖިލިސް އިންތިހާބަށް ސަރުކާރު ހިންގާ ކޯލިޝަން އެކުގައި ނުކުންނާނެ ކަމަށް ބެލެވުނު ނަމަވެސް މިހާރު އެއީ ވުން ވަރަށް ދުރު ކަމެކެވެ. ހުރިހާ ޕާޓީއެއްގެ ވިސްނުން ވެސް ހުރީ ވަކިން ވާދަކުރުމަށެވެ. އެހެންކަމުން މިފަހަރު އިންތިހާބަކީ ގިނަ ކެންޑިޑޭޓުންތަކެއް ވާދަ ކުރާނެ ވާދަވެރި އިންތިހާބަކަށްވާނެ އެވެ.