ދިވެހި ސިނަމާ

އެމްއެފްއޭގެ އެސްޖީގެ މަގާމަށް އަނެއްކާ ހުޅުވާލައިފި

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ އާ ދައުރުގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް އެއްވެސް ފަރާތަކުން ކުރިމަތިނުލުމުން ދެވަނަ ފުރުސަތަށް ހުޅުވާލައިފި އެވެ.

ފިލްމު އެސޯސިއޭޝަން ކޮމިޓީގެ ފަރާތުން ވާހަކަ ދައްކަމުން، އަލީ ނިޝާން (މިލްޒީރޯ) ބުނީ، ސެކެޓްރީ ޖެނެރަލްގެ މަގާމަށް ދެވަނަ ފަހަރަށް ހުޅުވާލީ އެއްވެސް ފަރާތަކުން ފުރަތަމަ ބުރުގައި ކުރިމަތި ނުލުމުން ކަމަށެވެ. އަދި މިއީ ފަސް މެމްބަަރުން ހިމެނޭ ކޮމިޓީގެ ނިންމުމެއް ކަމަށްވެސް މިލްޒީރޯ ވަނީ ބުނެފަ އެވެ.

" އަޅުގަނޑުމެން ނިންމީ ސެކެޓްރީ ޖެނެރަލްގެ މަގާމަށް އަލުން ކުރިމަތި ލުމަށް ފުރުސަތު ދޭން. އެއީ އެހެން ހުރިހާ މަގާމުތަކަށްވެސް ދެމީހުންނަށްވުރެ ގިނައިން ކުރިމަތި ލާފަ ހުރުމުންނާއި، ސެކެތްރީ ޖެނެރަލްގެ މަގާމަށް އެކަކުވެސް ކުރިމަތި ނުލާތީ" މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ކޮމިޓީގެ ފަރާތުން ވާހަކަ ދައްކަމުން މިލްޒީރޯ ނިޝާން ބުންޏެވެ.

ފިލްމު އެސޯސިއޭޝަން ބޯޑުގެ މަގާމުތަކަށް މި މަހުގެ ފަހަކުން 15 އަށް ހުޅުވާލެވިފައިވާ އިރު، އެއްވެސް ފަރާތަކުން ކުރިމަަތި ނުލަނީ ހަމައެކަނި ސެކެޓްރީ ޖެނެރަލްގެ މަގާމަށެވެ. އަދި މި މަގާމަށް އަލުން ފުރުސަތު ހުޅުވާލުމަށްފަހު، އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27ގައި އާއްމު މެމްބަރުން ހިމެނޭ ޖަލްސާއެއްގަ އެވެ.