ކުޅިވަރު

ކޯޓުން ޕާކިސްތާންގެ އެފްއޭގެ އިންތިހާބު ބޭއްވުމުން ސުވާލު އުފެދިއްޖެ

ޕާކިސްތާންގެ ފުޓްބޯޅަ ފެޑްރޭޝަންގެ ކުރީގެ ރައީސް ފައިސަލް ސާލިހް ހަޔާޓްގެ ޒަމާންވީ ލީޑާޝިޕަށް ނިމުން ގެނެސް، 15 އަހަރަށް ފަހު އާ ލީޑާޝިޕެއްގެ އަތް މައްޗަށް އެފްއޭގެ ޒައާމަތު ބަދަލު ވެއްޖެ އެވެ.

ޕާކިސްތާންގެ ސްޕްރީމް ކޯޓުގެ ބެލުމުގެ ދަށުން، ސުޕްރީމް ކޯޓުގެ އިމާރާތުގައި ކުރިއަށް ގެންދިޔަ އިންތިހާބު ކާމިޔާބު ކުރެއްވީ، ޕެޝާވަރު ޑިސްޓްރިކްޓްގެ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް އަޝްފާގް ހުސައިން ޝާހް އެވެ. އޭނާ އިންތިހާބުވީ، 20 ވޯޓްގެ ތެރެއިން 17 ވޯޓް ލިބިވަޑައިގެންނެވެ. މިދިޔަ ބުދަ ދުވަހުގެ ބޭއްވި އިންތިހާބަށް ފަހު އަޝްފާގް ވަނީ އިއްޔެ ޕާކިސްތާނުގެ ފުޓްބޯޅަ ފެޑްރޭޝަން ހިންގުމާ ރަސްމީކޮށް ހަވާލު ވެފަ އެވެ.

ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން އިންތިހާބު ކަންކަން ކުރިއަށް ގެންދިއުމުން، އިންތިހާބު ފީފާއިން ބަލައިގަންނާނެ ތޯ ވަނީ ސުވާލު އުފެދިފަ އެވެ. ފީފާއިން ޕާކިސްތާންގެ ފުޓްބޯޅަ ފެޑްރޭޝަން މީގެ ކުރިން ސަސަޕެންޑް ކުރީ، ފުޓްބޯޅަ ފެޑްރޭޝަންގެ މައްޗަށް ޕާކިސްތާންގެ ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. މިފަހަރުގެ އިންތިހާބުގައި ފައިސަލް ސޯލެހް ވާދަ ނުކުރައްވަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ކޯޓު މެދުވެރިކޮށް ބާއްވާ އިންތިހާބެއްގައި އޭނާ ވާދަ ނުކުރަށްވާނެ ކަމަށެވެ.

މެކޭނިކަލް އިންޖީނިއަރެއް ކަމަށްވާ، އަޝްފާގް ވަނީ އިންތިހާބަށް ފަހު، ޕާކިސްތާންގެ ފުޓްބޯޅަ ފެޑްރޭޝަނަށް އިސްލާހީ ބަދަލުތަކެއް ގެންނާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

ޕާކިސްތާންގެ ފުޓްބޯލް ފެޑްރޭޝަންގައި އުފެދުނު މައްސަލައާއެކު، ބައިނަލްއަގްވާމީ އެއްވެސް މެޗެއް ނުކުޅެ އެ ގައުމުގެ ގައުމީ ޓީމުން ވަނީ ތިން އަހަރު ދުވަސް ހޭދަ ކޮށްފަ އެވެ. ތިން އަހަރަށް ފަހު އެ ޓީމުން ފުރަތަމަ މެޗު ކުޅުނީ މިދިޔަ އޯގަސްޓް މަހު ބަންގުލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕުގަ އެވެ.