ސިމެންތި ބަސްތާއެއް ވެއްޓި ކުޑަ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއްވި މައްސަލައިގައި މާލޭގައި މިހާރު އިމާރާތްކުރާ ހުރިހާ ސައިޓްތަކެއްގެ ސަލާމަތީ ކަންކަން ބެލުމުގެ އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމާ ބެހޭ ފަރާތްތަކަށް އަންގަވައިފި އެވެ.
އެކަމާ ގުޅިގެން ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ ސީރިއަސްކޮށް ބަލަން މިހާރު އަންގަވާފައިވާ ކަމަށެވެ. އަދި އާންމުންނާއި ސައިޓްގައި މަސައްކަތް ކުރާ ފަރާތްތަކުގެ ރައްކަލަކަށް ޓަކައި އިމާރާތް ކުރާ ސައިޓްތަކުގައި ސަލާމަތީ ކަންކަން ހުރި ނެތްގޮތް ބަލަން ވަގުތުން އިންސްޕެކްޝަން ފެށުމަށް އަންގާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައްޔުތުންގެ ސަލާމަތާ ރައްކާތެރިކަމަށް އިމާރާތް ކުރަމުންދާ ތަންތަނުގެ ސަލާމަތީ ކަންކަން މިހާރަށް ވުރެ ބޮނޑަށް ހަރަދަނާ ކުރާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
އަނިޔާވި ކުއްޖާ އަދި އެކުއްޖާގެ އައިލާއަށް އެކު މި އުދަނގޫ ވަަގުތުގައި ހުންނެވި ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި އެ އާއިލާއަށް ރައީސް ވަނީ ތައުޒިޔާ ފޮނުއްވައިފަ އެވެ.
ބަސްތާ ވެއްޓި ކުޑަ ކުއްޖަކަށް އަނިޔާވި މައްސަލައް އަށްފަހު މިހާރު ވަނީ މާލޭގައި އިމާރާތް ކުރުން ވަގުތީ ގޮތުން ހުއްޓުވާފަ އެވެ. މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި އަލުން އިމާރާތް ކުރެވޭނީ އެއިދާރާއިން ހުއްދަ ނަގައިގެން އެވެ.
މި ހާދިސާގައި ގެއްލުން ލިބުނު ބިދޭސީ ކުއްޖާގެ ދެ ފަަޔަށް އަދި ކޮޑު ހުޅަށް ގެއްލުން ލިބުމުގެ އިތުރުން، ސާޖަރީއެއް ކުރަން ނިންމާފައިވާ ކަމަށް އައިޖީއެމްއެޗް ގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.